ރައީސް ޑރ. މުޢިއްޒުގެ ސަމާލުކަމަށް މިކަން ގެނެވިދާނެ ބާ؟

ދެމެހެއްޓެނިވި ތަރައްގީއަށް އެކުލަވާލާ ދުރުރާސްތާގެ ފިޔަވަޅުތަކުން ޤައުމުގެ މިސްރާބު ބަދަލުކޮށްލައެވެ. މެލޭޝިއާއާއި ޖަޕާނުގެ ތަޖުރިބާއިން އެކަން ސާބިތުކޮށް ދައްކައެވެ.

މެލޭޝިއާއަކީ، މާޒީގައި މައިގަނޑު ގޮތެއްގައި ދަނޑުވެރިކަމުގެ އުފެއްދުންތައް އެކްސްޕޯޓް ކުރުމަށް ބަރޯސާވެފައި އޮތް ޤައުމެކެވެ. ފަހުން އެއީ، އިލެކްޓްރޯނިކް އަދި އިލެކްޓްރިކަލް ޞިނާއަތްތަކުގެ ދާއިރާއިން ހައިޓެކް އުފެއްދުންތައް އެކްސްޕޯޓްކުރާ ޤައުމަކަށް ބަދަލުވެގެން ދިޔަ މަރުކަޒެކެވެ. މެލޭޝިއާއިން ވަނީ އާމްދަނީ މަސްދަރުތައް ސިންދަފާތުކޮށް އިޤްތިޞާދު ރުކުރުވާލުމުގައި ކާމިޔާބީ ހޯދާފައެވެ. މެލޭޝިއާގެ މި ކާމިޔާބީއަކީ އެޤައުމުން ގެންގުޅެން ފެށި، ދެމެހެއްޓެނިވި ތަރައްޤީއަށް ބާރުއަޅާ ތަޢުލީމުގެ ސްޓްރެޓެޖީ ކާމިޔާބުވެ އެއިން ފައިދާ ލިބެން ފެށުމެވެ.

މެލޭޝިޔާގެ ތަޖުރިބާއަކީ، ފަގީރުކަމުގެ މައްސަލަތައް ހައްލުކޮށް، ކޮރަޕްޝަނާ ދެކޮޅަށް ހަނގުރާމަކޮށް، ތިމާވެށި ރައްކާތެރިކޮށް، ދުޅަހެޔޮ އިޤްތިޞާދެއް ބިނާ ކުރުމަށް އެހެން ޤައުމުތަކަށްވެސް މިސާލެކެވެ. 1998 ވަނަ އަހަރު އެޤައުމުގެ އިޤްތިޞާދު އޮތީ 7.4 ބިލިއަން ޑޮލަރުގެ ދަރަންޏެއްގައެވެ. 2022 ވަނަ އަހަރު މެލޭޝިއާގެ އިޤްތިޞާދަކީ، 8.7 ބިލިއަން ޑޮލަރުގެ އަރަނި އިޤްތިޞާދެކެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި، މެލޭޝިއާގެ ތަރައްޤީ ކާމިޔާބުވެފައި ވަނީ، މަޢުލޫމާތާޢި ޢިލްމުގެ މައްޗަށް ބަރޯސާވާ އިޤްތިޞާދެއް ބިނާ ކުރުމުގައި ކާމިޔާބު ވުމުންނެވެ. އެފަދަ އިޤްތިޞާދަކީ، އިންސާނާގެ ކުޅަދާނަކަމަށް އިންވެސްޓު ކުރުމަށްފު، އިންސާނީ އަދި ފިކުރީ ރައުސްމާލަށް ބަރޯސާވާނެ އިޤްތިޞާދެކެވެ. އެއީ، ދިގު ރާސްތާއަށްޓަކައި ދެމެހެއްޓެނިވި ތަރައްޤީއަށް އީޖާދީ އުފެއްދުންތެރި ޚިޔާލާއި ފިކުރަށް ބާރުއަޅާނެ އިޤްތިޞާދެކެވެ.

މެލޭޝިޔާގެ ދެމެހެއްޓެނިވި ތަރައްޤީއާ ބެހޭ ގޮތުން އޮރިއަންޓް އެކަޑަމީން ކުރި ދިރާސާއަކުން އަންނަނިވި ކަންކަން ފާހަގަ ކޮށްފައި ވެއެވެ. މެލޭޝިއާއިން ތަޢުލީމަށް ބޮޑު ހޭދައެއް ކުރަން ފެށިއެވެ. އެގޮތުން ބަޖެޓުގެ 6 ޕަސެންޓް 1990 ވަނަ އަހަރު އެ ޤައުމުން ތަޢުލީމަށް ހޭދަ ކުރިއެވެ. އަދި ފަހުން 2019 ވަނަ އަހަރު 4.16 ޕަސެންޓް ތަޢުލީމަށް ހޭދަ ކުރިއެވެ. ނަތީޖާއެއްގެ ގޮތުން މެލޭޝިއާގައި ވަޒީފާ ނެތް މީހުންގެ ނިސްބަތް މަދުވެގެން ދިޔައެވެ.

ދުނިޔޭގެ ޤައުމުތަކުން ނިސްބަތުން އެޤައުމުތަކުގެ ޖުމުލަ އުފެއްދުމުގެ 4.5 އިންސައްތަ ތަޢުލީމަށް ހޭދަ ކުރާނެއެވެ. 2018ން 2022ށް ބަލާއިރު ދެކުނު  އޭޝިއާގައި އެވަރެޖުކޮށް އެންމެ ގިނައިން ތަޢުލީމަށް ހޭދަކުރަނީ 7 ޕަސެންޓާ ގާތް ކުރާ ޢަދަދެއް ހޭދަކުރާ ބޫޓާނުންނެވެ.

އެންމެ މަދުން ހޭދަ ކުރަނީ ބަނގްލަދޭޝާޢި ޕާކިސްތާނާއި ސްރީލަންކާއިންނެވެ. މި ތިން ގައުމުގެ ހޭދަ އުޅެނީ 2 ޕަސެންޓުގައެވެ.

މެދު މިނުން ހދަ ކުރާ ޤައުމުތަކުގެ ތެރޭގައި ނޭޕާލާއި ރާއްޖެ ހިމެނެއެވެ. އެވެސް 4.5 ޕަސެންޓަށް ނާރައެވެ. އިންޑިއާއިން ތަޢުލީމަށް ކުރާ ހޭދައަކީ އެޤައުމުގެ ޖުމުލަ އުގފެއްދުމުގެ 3.1 އިންސައްތައެވެ.

ޓެކްނޮލޮޖީގެ ދާއިރާގައި ކުރިއަރަމުން އަންނަ ނޫނީ ކުރިއަރާފައިވާ ޤައުމުތައް ކަމަށްވާ، ޖަޕާނާއި ޗައިނާއާއި ތުރުކީއާއި އިންޑިއާއާއި މެލޭޝިއާއިން ތަޢުލީމަށް ކުރާ ހޭދައަށް ބަލާއިރު މިލިސްޓުގައި އެންމެ ކުރީގައި އުޅެނީ މެލޭޝިއާއާއި ތުރުކީއެވެ.

ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ކަނޑައަޅައިގެން ޤައުމީ ތަރައްޤީއަށް މަސައްކަތް ކުރި އަނެއް ޤައުމަކީ ޖަޕާނެވެ. ޖަޕާނުގެ ސްޓްރެޓެޖީއަކީވެސް ތަޢުލީމަށް ބާރުއަޅައި އިންސާނީ ރައުސްމާލް ބިނާ ކުރުމެވެ.

މެލޭޝިއާއާއި ޖަޕާނުގެ ތާރީޚީ ތަޖުރިބާތަކުގައި ތަފާތުތަކެއް ހުރި ނަމަވެސް، ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އެމެރިކާއިން ހަނގުރާމައިގެ ޖަރީމާއެއްކަމަށް ބެލެވޭ، އެޓޮމިކް ބޮން އަޅައި ނަފްސާނީ މުސީބާތަކަށް ޖަޕާނު ވައްޓާލިއެވެ. އެ ޙާދިސާއަށް ފަހު ޖަޕާނުގެ ސިޔާސަތު ކަނޑައަޅާ ފަރާތްތަކުގެ އަމާޒަކަށްވީ، އިންސާނީ ވަސީލަތުގައި އިންވެސްޓްކޮށް، ޓެކްނޮލޮޖީ އެންމެންގެ އަފްފޯރާފަށަށް ގެނަސް، ރައްޔިތުންނަށް ކިޔަވައިދީ ޢިލްމު ފަތުރައި، އާންމުން ހޭލުންތެރި ކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތް ކުރާށެވެ.

މިސާލަކަށް އެ މަސައްކަތަށް ހިތްވަރު ދިނުމުގެ ގޮތުންނާއި އެހެން ޤައުމުތަކުގެ ތަޖުރިބާއިން ޢިބުރަތް ލިބިގަތުމަށް، ޖަޕާނު ސަރުކާރުން ތައާރަފްކުރި “ޔުނެސްކޯ-ޖަޕާން ޕްރައިޒް ފޯ އެޑިއުކޭޝަން ފޯ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް” ގެ މަގުސަދަކީ ދެމެހެއްޓެނިވި ތަރައްގީއަށް ތަޢުލީމީ ހަރަކާތްތަކަށް ހިންގާ ފަރުދުންނާއި މުއައްސަސާތަކުން ކުރާ މަސައްކަތަށް އިނާމުދީ އެމީހުންގެ މަސައްކަތްތައް އާންމު ކުރުމެވެ. އަދި އެކަމުގެ މައިގަނޑު މަޤްޞަދަކީ، ދެމެހެއްޓެނިވި ތަރައްޤީގެ މަސައްކަތާއި އިޤްތިޞާދީ، އިޖްތިމާޢީ، ސަޤާފީ، އަދި ތިމާވެށީގެ ކަންކަން ގުޅުވައިގެން ކުރިއަށް ގެންދިއުމެވެ. ޖަޕާނުން ދޭންފެށި މި އެވޯޑަކީ، 50ހާސް ޑޮލަރުގެ މައްޗަށް އެކުލެވޭ 3 އެވޯޑެވެ.

މިއާ ޚިލާފަށް ޢަރަބި އިސްލާމީ ޤައުމުތަކަށް ބަލާއިރު އެޤައުމުތައް ފެންނަނީ އިންސާނީ ވަސީލަތްތަކާއި ތަޢުލީމުގައި އިންވެސްޓު ކުރަން ބޭނުން ނުވާ ޤައުމުތަކެއްގެ ގޮތުގައެވެ.

ޢަރަބި އިސްލާމީ ޤައުމުތަކުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2014 ވަނަ އަހަރުގެ ނިޔަލަށް އަރަބި ހުރިހައި ޤައުމެއް އެއްކޮށް ތަޢުލީމަށް ހޭދަކޮށްފައި ވަނީ އެޤައުމުތަކުގެ ޖުމުލަ ޤައުމީ އުފެއްދުމުގެ 4.3 އިންސައްތަ އެވެ. ފައިސާގެ ނިސްބަތުން ބަލާނަމަ، އެއީ ގާތްގަނޑަކަށް 124 މިލިއަން ޑޮލަރެވެ. މިއީ އާބާދީގެ ގޮތުން ބަލާއިރު 450 މިލިއަން މީހުންނެވެ.

އެއާ ޚިލާފަށް ޔޫރަޕްގެ ޤައުމުތަކުން، ތަޢުލީމަށް އެ މުއްދަތުގައި ހޭދަކޮށްފައި ވަނީ 950 މިލިއަން ޑޮލަރާ ގާތް ކުރާ ޢަދަދެކެވެ. އެއީ އާބާދީގެ ގޮތުން 750 މިލިއަން މީހުންނެވެ. ޔޫރަޕުން ތަޢުލީމަށް ކުރާ ހޭދަ އަރަބިންނަށް ވުރެން 7 ގުނަ އިތުރު ކަމަށް ދައްކައެވެ.

މެލޭޝިޔާއާއި ޖަޕާނުގެ ތަޖުރިބާތަކުން ދައްކާގޮތުގައި ޤުދުރަތީ ވަސީލަތްތައް ފަދަ ތެލާއި، ގޭހާއި، ދަގަނޑާއި، ފޮސްފޭޓް ފަދަ ގުދުރަތީ ވަސީލަތްތަކުން މުއްސަނދި ނޫން ޤައުމެއް ވެސް އަދި ކާރިސާތަކާއި ހިތާމަވެރި ހަނގުރާމައިގެ ޖަރީމާތައް ތަޖުރިބާކޮށްފައިވާ ޤައުމުކަށްވެސް އެމީހުންގެ ފަޤީރުކަމުން ނިކުމެ ތަރައްޤީއާ ކުރިމަތި ލެވޭނީ ތަޢުލީމަށް އިންވެސްޓު ކޮށްގެންނެވެ. އަދި އެ އިންވެސްޓްމެންޓަކީ ދެމެހެއްޓެނިވި ތަރައްޤީގެ އިންވެސްޓްމެންޓެއްގެ ގޮތުގައި ރާވަން ޖެހެއެވެ.

ހިއްސާ ކުރައްވާ!