ޙުސައިން ރަޝީދު އަޙްމަދު
އެއްވެސް މީހެއްގެ އަދި އެއްވެސް އެއްޗެއްގެ އުފަންދުވަސް ފާހަގަކުރުމަށް ދީން މަނައެއް ނުކުރެއެވެ. މިއީ ކީރިތި ރަސޫލާގެ ޢީދު މީލާދު ފާހަގަކުރުމަށް އޮތް އެންމެ ހެއު މޫސުމެވެ.
ކޮންމެ މީހަކަށް ވެސް ތިމާ އެންމެ ފާހަގަ ކުރާހިތްވާ ދުވަހަކީ ތިމާ އެދުވަހެއްގައި އުފަންވީ ދުވަހެވެ. އެކަމުގެ މުނާސަބާގައި ވިހެއުމާއެކު ކުއްޖާގެ ކަންފަތްދޮށު އިއްވޭ އެންމެ ފުރަތަމަ އަޑަކީ ޝަހާދަތުގެ ދެކަލިމައިގެ އަޑެވެ. ކުއްޖާގެ ތަލީގައި ފޮނި ރަހަ ލައްވައެވެ. ހަމައެދުވަހުން ފެށިގެން ހަތްވަނަ ދުވަހާ ދޭތެރޭ ރީތި ނަމަކުން އެކުއްޖާއަށް ނަން ކިޔެއެވެ. އެއުފަލުގައި މުހުތާޖުންނަށް ޞަދަޤާތްދީ އެކަމުގައި އެއުރެންވެސް ބައިވެރިކުރެއެވެ. ހަމައެެހެންމެ ޢަޤީޤާ ކަތިލުމާއި އޭގެ ލޭދެއްކުމާއި އެކެއުމުގައި ނިކަމެތިންނާއި ޢާއިލީ މީހުންނާއި އަވައްޓެރިން ބައިވެރިކޮށް އުފާފާޅުކުރެއެވެ. ކުއްޖާގެ ބޯބާލައިގެން އެނަމުގައި ވެސް ޞަދަޤާތްކޮށް މުހުތާދުންނަށް އެހީތެރިވެއެވެ. މިހުރިހާ ކަމަކީ ވެސް އުފަންދުވަހުގެ މުނާސަބާގައި ކުރެވޭ ކަންތައްތަކެވެ. މިނޫންވެސް މިފަދަ އެތައްކަމެއް އުފަންވުމާ ގުޅިގެން މުސްލިމުން ކުރަމުން ދެއެވެ.
ކީރިތި ވަންތަ މާތް ﷲ ޔަޙްޔާގެފާނު ވަޑައިގަންނަވާނޭ ކަމުގެ އުފާވެރި ޚަބަރު ދެއްވައި ރައްކައުވުމުގެ ކުރިން ނަންފުޅުވެސް ދެއްވިއެވެ. އަދި ރައްކައުވެ ވަޑައިގަތް ދުވަހު ޚުދް ﷲގެ ޙަޟުރަތުން ސަލާމަތާއި ރައްކައުތެރި ކަމުގެ އުފާވެރި ޚަބަރު ދެއްވައި، ތަހުނިޔާ ފޮނުއްވެވިއެވެ. އެއިލާހު ވަޙީ ކުރަށްވަނީ މިފަދައިންނެވެ.
وَسَلَامٌ عَلَيْهِ يَوْمَ وُلِدَ وَيَوْمَ يَمُوتُ وَيَوْمَ يُبْعَثُ حَيًّا (އެކަލޭގެފާނު ރައްކައުވި ދުވަހާއި އަވަހާރަވާ ދުވަހާއި އަލުން ދިރިގެން އުފުއްލަވާ ދުވަހާއި މިއެންމެހައި ދުވަހެއްގައި އެކަލޭގެފާނުންގެ މައްޗަށް ﷲގެ ޙަޟުރަތުން ސަލާމާއި ރަޙްމަތް ހުއްޓެވެ.) (މަރްޔަމް:15)
ޢީސާ ޢަލައިހިއްސަލާމު ޚުދް އެކަލޭގެފާނުން ރައްކައުވެ ވަޑައިގަތް ދުވަހުގައި އެކަލޭގެފާނުންގެ އަމިއްލަފުޅު ނަފްސުގެ މައްޗަށް ތަހުނިޔާ ވިދާޅުވިއެވެ. މާތް ﷲ ވަޙީ ކުރަށްވަނީ މިފަދައިންނެވެ.
وَالسَّلَامُ عَلَيَّ يَوْمَ وُلِدتُّ وَيَوْمَ أَمُوتُ وَيَوْمَ أُبْعَثُ حَيًّا (ތިމަންކަލޭގެފާނު ރައްކައުވި ދުވަހާއި އަވަހާރަވާ ދުވަހާއި އަލުން ދިރިގެން އުފުއްލަވާ ދުވަހާއި މިއެންމެހައި ދުވަހެއްގައި ތިމަންކަލޭގެފާނުންގެ މައްޗަށް ﷲގެ ޙަޟުރަތުން ސަލާމާއި ރަޙްމަތް ހުއްޓެވެ.) (މަރްޔަމް:33)
މިފަދަ ދުވަސްތައް ފާހަގަ ކުރުމުގެ ބޭނުމަކީ ހަނދާން އާލާކުރުމެވެ. އެމީހަކާމެދު ހިތުގައި ދެވިފައިވާ ލޯތްބާއި ޤަދަރު އުފުލުމެވެ. ޚާއްޞަކޮށް ޢާލަމްތަކަށް ކައުކުރެއްވި މާތް ސާހިބާގެ ރިވެތި އަޚްލާޤާއި މޫރިތި ޚުލްޤުފުޅާއި މިއުއްމަތުގެ ޙައްޤުގައި އެކަލޭގެފާނުން ވެވަޑައިގެންފައިވާ ޤުރުބާނީތައް ދުލުން ކިޔައި ހިތްތަކުގައި ބިންވަޅުނެގެވި އެހަދާންތައް ދިރުވައި އެކަލޭގެފާނުންގެ ސިޔަރަތުން ޢިބްރަތް ލިބިގަނެ އެކަލޭގެފާނުންގެ ޛިކުރާ އާލާކުރުމީ އެކަލޭގެފާނުން ދެކެ ލޯބިވުމުގެ ޢަލާމަތެކެވެ. އަޅުގަނޑުމެންގެ އީމާންކަން އިތުރުކުރުމާއެކު އެކަލޭގެފާނަށްޓައި އަޅުގަނޑުމެންގެ ހިތްތަކުގައި އޮތް ލޯތްބާއި ޝުޢޫރު ގަދަކުރުމެވެ. މިފަދަ ކަންކަން އާލާކޮށް އީމާންކަން ވަރުގަދަ ކުރުމަށް ނަޞީޙަތް ދެއްވަމުން މާތް ﷲ މިފަދައިން ވަޙީ ކުރަށްވާފައި ވެއެވެ.
وَكُلًّا نَّقُصُّ عَلَيْكَ مِنْ أَنبَاءِ الرُّسُلِ مَا نُثَبِّتُ بِهِ فُؤَادَكَ وَجَاءَكَ فِي هَٰذِهِ الْحَقُّ وَمَوْعِظَةٌ وَذِكْرَىٰ لِلْمُؤْمِنِينَ (އޭ ރަސޫލާއެވެ! މިގޮތަށް ވޭތުވެދިޔަ ރަސޫލުންގެ ވާހަކަަތަކުގެ މަޢުލޫމާތު ތިމަން ﷲ ކަލޭގެފާނަށް މިދެއްވަނީ މުޝްރިކުންގެ ކުރިމަތީގައި މިޙައްޤު ބަސްފުޅުތަކުގެ ޒަރީޢާއިން ކަލޭގެފާނުންގެ ހިތްޕުޅަށް ހަކަތަ ގެނެވި ހިއްމަތް ވަރުގަދަކުރެއްވުމަށެވެ. ދަންނާށެވެ. މިވާހަކަަތަކުގައި މިވަނީ ޙައްޤާއި ނަޞީޙަތުގެބަސްފުޅެވެ. އަދި އެއީ މުއުމިންތަކުންނަށްޓަކައި ހުރި ޢިބްރަތަކާއި ހަނދާންކޮށް ދިނުމެކެވެ.) (ހޫދް:120)
މިދުވަހުގެ މުނާސަބާގައި ޚުދް ކީރިތި ރަސޫލާ ހޯމަދުވަހު ރޯދަ ހިއްޕަވަތެވެ. އެކަމާ ސުވާލު ދެންނެވުމުން އިތުރު އެކަލޭގެފާނު ޙަދީޘު ކުރެއްވިއެވެ. އެދުވަހަކީ ތިމަންކަލޭގެފާނު އުފަންވެ ވަޑައިގަތް ދުވަހެވެ. އަދި އެދުވަހަކީ ތިމަން ކަލޭގެފާނުންގެ މައްޗަށް ވަޙީ ބާވައިލެއްވެވެން ފެއްޓުނު ދުވަހެވެ. ނިކަން ވިސްނާލަމާ ހިނގާށެވެ. ކީރިތި ރަސޫލާ ރައްކައުވި ޚަބަރު އަބޫ ލަހަބުގެ ބާނދީ ސުވައިބާ އޭނާއަށް ދިނުމުން އެކަމުގެ އުފަލުގައި އޭނާ ސުވައިބާ މިނިވަން ކުރިއެވެ. އެކަމާމެދު އަބޫލަހަބުގެ ގާތް ބޭކަލަކަށް (ޟަޢީފު ރިވާޔަތެއްގައި އަންނަނީ އެއީ ޢައްބާސްގެފާނު ކަމަށެވެ.) ހުވަފެންފުޅުގައި އަބޫލަހަބު ފެނިވަޑައިގެން ކަށްވަޅުގެ ޚަބަރު އައްސަވާލެއްވުމުން ބުނިކަމަށް ވަނީ ޢަޛާބު ވަރަށް ވޭންދެނި ކަމަށާއި ސުވައިބާ މިނިވަން ކުރީތީވެ ކޮންމެ ހޯމަ ދުވަހަކު ތިމަންނާއަށް ޢަޛާބު ލުއިކުރެވޭ ކަމަށެވެ. (ބުޚާރީ: 1961/5 ، އަލްފަތުޙު: 46/9) އާދެ، ޝައްކެއްނެތި މިއީ ކީރިތި ރަސޫލާ ރައްކައުވި ދުވަހެވެ.
މާތް ﷲ އެއޮތީ އިހުގެ ރަސޫލުންގެ ވާހަކަފުޅުތައް އިއްވަވާ ދެއްވައި ކީރިތި ރަސޫލާގެ ހިތްޕުޅު ވަރުގަދަ ކުރަށްވާފައެވެ. ވުމާއެކު އަޅުގަނޑުމެން މިމޫސުމުގައި އެކަލޭގެފާނުންގެ ޚުލްޤުފުޅާއި ސޫރަފުޅުގެ ވާހަކަ ކިޔައި ތިމަތިމާމެންގެ ހިތްތައް ވަރުގަދަ ކޮށް ހިތްމަތް ގަދަ ކުރަމާ ހިނގާށެވެ. ތެދެކެެވެ. މިއީ އައުކަމެކެވެ. ކޮންމެ އައުކަމަކީ ބިދުޢައެކެވެ. އަދި ބިދުޢަ ދެބަޔަކަށް ބެހިގެން ވެއެވެ. ރަނގަޅު ބިދުޢައާއި ނުބައިބިދުޢައެވެ. މިފަދަ ބިދުޢައަށް ކީރިތި ރަސޫލާ ނަންދެއްވާފައިވަނީ ރިވެތި ބިދުޢައެވެ.
އިތުރު އެކަލޭގެފާނުންގެ ޙަދީޘު ބަސްފުޅެއްގައި ވެއެވެ. مَنْ سَنَّ فِي الْإِسْلَامِ سُنَّةً حَسَنَةً فَلَهُ أَجْرُهَا وَأَجْرُ مَنْ عَمِلَ بِهَا بَعْدَهُ مِنْ غَيْرِ أَنْ يَنْقُصَ مِنْ أُجُورِهِمْ شَيْءٌ وَمَنْ سَنَّ فِي الْإِسْلَامِ سُنَّةً سَيِّئَةً كَانَ عَلَيْهِ وِزْرُهَا وَوِزْرُ مَنْ عَمِلَ بِهَا مِنْ بَعْدِهِ مِنْ غَيْرِ أَنْ يَنْقُصَ مِنْ أَوْزَارِهِمْ شَيْءٌ (މާނައީ: އިސްލާމް ދީނުގައިހުރެ ރަނގަޅު ކަމެއް ކޮށްފި މީހަކަށް އޭގެ ފުރިހަމަ އަޖުރު ލިބުން ހުއްޓެވެ. އަދި އޭނާއަށް ފަހުގައި އެއަށް ޢަމަލުކޮށްފި މީހުންނަށް ލިބޭ އަޖުރުގައި ވެސް އޭނާ ޝާމިލުވާނެއެވެ. އެބައިމީހުންނަށް ލިބޭ އަޖުރުގައި އެއްވެސް އުނިކަމެއް އައުމަކާ ނުލައެވެ. އަދި ދަންނާށެވެ! އިސްލާމް ދީނުގައިހުރެ ގޯސް ކަމެއް ކޮށްފި މީހަކަށް އޭގެ އަދަބުލިބުން ހުއްޓެވެ. އަދި އޭނާއަށް ފަހުގައި އެއަށް ޢަމަލުކޮށްފި މީހުންނަށް ލިބޭ އަދަބުގައި ވެސް އޭނާ ޝާމިލުވާނެއެވެ. އެބައިމީހުންނަށް ލިބޭ އަދަބުތަކުގައި އެއްވެސް އުނިކަމެއް އައުމަކާ ނުލައެވެ.)
އެހެންކަމުން އިމާމު ޝާފިޢީގެފާނު ވިދާޅުވެފައި ވަނީ ބިދުޢަ ދެބައަކަށް ބެހިގެންވާ ކަމަށެވެ. އެއީ ރަނގަޅު ބިދުޢައާއި ގޯސް ބިދުޢައެވެ.
އާދެ، އިމާމު ޝާފިޢީގެ މިބަސްފުޅު ބަޔާން ކުރަށްވަމުން، ރަނގަޅު ބިދުޢައަކީ ކޮބައިތޯ އިމާމު ބައިހަޤީ ވިދާޅުވެފައި ވަނީ وَمَا أُحْدِثُ مِنَ الْخَيْرِ لَا يُخَالِفُ شَيْئًا مِنْ كِتَابٍ أَوْ سُنَّةٍ أَوْ أَثَرٍ أَوْ إِجْمَاعٍ فَهَذِهِ مُحْدَثَةٌ غَيْرُ مَذْمُومَةٍ (މާނައީ: ހެއުކަމެއްގެ ގޮތުގައި އަަލަށް އުފެދި ﷲގެ ކަލާމްފުޅާ ނުވަތަ ޙަދީޘަކާ ނުވަތަ މުސްލިމުންގެ ހެއު ޢަމަލަކާ ނުވަތަ އިޖްމާޢާ ފުށުއެރުމެއް ނުވާ ކޮންމެ ކަމަކީ އޭގައި ނުބައި ކަމެއްނެތް އާކަމެކެވެ. އެބަހީ ރަނގަޅު ބިދުޢައެކެވެ.) (އަލްފަތުޙު: 266/13)
ދެން އިމާމު އިބްނި ޙަޖަރު އަލަށް އުފެދުނު ކަންތައްތަކުގެ މިސާލު ދެއްވަމުން ވިދާޅުވަނީ، އެއީ: ޙަދީޘު ފޮތްތައް އެކުލަވާލުމާއި ޤުރުއާން ތަފްސީފުތައް ލިޔެވުމާއި ފިޤުހުވެރިން އަމިއްލަ ރައުޔާ އެއްގޮތަށް ފިޤުހުފޮތައް ލިއުވަން ފެއްޓެވުމާއި ބޭސްވެރިކަމާއި ފަލްސަފާއާއި ޢިލްމުލް ކަލާމްގެ ފޮތްތައް އީޖާދު ކުރުމާއި ދީނުގެ އެކިއެކި ފަންނުގެ އުޞޫލުފޮތްތައް އީޖާދު ކުރުމާއި އެނޫންވެސް މިފަދަ ކަންކަމެވެ. ކަން މިހެން އޮތްކަމުގައި ވިއަސް މިފަދަ އައު ކަންކަމާ އިންކާރު ކުރެއްވި ބޭކަލުންވެސް ސަލަފުގައި ތިއްބެވިއެވެ. ހުކުރު ޚުޠުބާގައި ދުޢާކުރަމުން އަތް އުފުލުމާއި ފަތިސް ނަމާދާއި އަޞުރު ނަމާދުގެ ފަހުގައި ނަޞީޙަތް ދިނުމާއި މިކަންކަމާއި އިދިކޮޅުހެއްދެވި ބޭކަލުން ތިއްބެވި އިރު ހުކުދުވަހު ދަރުސު ދިނުމާއި ބުރާސްފަތިދުވަހު ނަޞީޙަތް ދިނުމާއި މިފަދަ ކަންކަން ކުރުމަށް އިބްނި މަސްޢޫދާއި އިބްނި ޢައްބާސްފަދަ ބޭކަލުން ބާރު އެޅުއްވިއެވެ. (އަލްފަތުޙު: 266/13)
ކޮންމެއަކަސް ކީރިތި ރަސޫލާގެ ނަންފުޅުގައި މިމަސް ފާހަގަ ކުރުމަކީ ރަނގަޅު ކަމެކެވެ. އެއީއަކީ މަގުފުރެދިގެންވާ ބިދުޢައެއް ނޫނެވެ. މިހެނީ މިއަކީ ކީރިތި ރަސޫލާ މަނާކުރަށްވާފައިވާ ކަމެއް ނޫނެވެ. އަދި ޝަރުޢީ ޙުކުމަކާ ފުށުއަރާ ކަމެއް ވެސް ނޫނެވެ. މިއީ އެކަލޭގެފާނަށް މަދަޙަ ކިއުމެވެ. ތަޢުރީފު ކުރުމެވެ. ގިނަގިނައިން އެކަލޭގެފާނަށާއި އާލުވެރިބޭކަލުންނަށް ޞަލަވާތާއި ސަލާމް ދެންނެވުމެވެ. އެކަލޭގެފާނުންގެ ޛިކުރާ އައުކުރުމެވެ. ތިމާމެންގެ އީމާންކަން ވަރުގަދަ ކުރުމެވެ. އެކަލޭގެފާނުންގެ ވަސީލަތުން ﷲއަށް ބޮޑަށްކުއްތަންވެވޭތޯ ބެލުމެވެ. މުހުތާދުންނަށް އެހީތެރިވުމާއި ކާންދިނުމެވެ. އެކުވެރިންނާއި ގާތްތިމާގެ މީހުންނާއެކު ބައިވެރިވެ ދީން މަނާނުކުރާ ގޮތަށް އުފާފާޅުކުރުމެވެ. ގާތްތިމާގެކަމާއި ޢާއިލީގުޅުމާއި އެކުވެރިކަން ބަދެހި ކުރުމެވެ.
މާތް ﷲ އަޅަމެންގެ އީމާންކަން ބަދެހި ކުރަށްވާށި. އަޅަމެންގެ ހިތްތަކުގައި ކީރިތި ރަސޫލާއަށް ދެވިފައިވާ ލޯތްބާއި ޤަދަރު އިތުރު ކުރަށްވާށި. އަދި އަޅަމެންގެ މެދުގައި އިސްލާމީ ލޯތްބާއި ކުލުނު އިތުރު ކުރަށްވާށިއެވެ. އާމީން!
اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا صَلَّيْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ اللَّهُمَّ بَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا بَارَكْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ فِي الْعَالَمِينَ إِنَّكَ حَمِيدٌ مَجِيدٌ