ލުބުނާންގައި ވޯކީޓޯކީތަކެއްގައި ގޮއްވާލައިގެން އިޒްރޭލުން ޓެރަރިސްޓް ހަމަލައެއް ދީފި

ލުބުނާނުގެ ގިނަ ސަރަހައްދުތަކެއްގައި ސައިބާ ޓެރަރިސްޓް ހަމަލަތަކެއް ދީ އިޒްރޭލުން ގޮވުންތަކެއް ގޮއްވައި، އެތައް ސަތޭކަ ބަޔަކު ޒަޚަމް ކޮށްލައިފި އެވެ. ލުބުނާނުގެ ހެލްތު މިނިސްޓްރީން ވަނީ މިއަދުގެ އާ ގޮވުންތަކުގެ ސަބަބުން 9 މީހުން މަރުވެ 300 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާކަން އިއުލާންކޮށްފައެވެ. ވޯކީޓޯކީ ގޮއްވާލުމުގެ އިތުރުން ގޭގެ ބޭރުގައި ބަހައްޓާފައި ހުރި ސޯލާ ޕެނަލްތަކާއި ފިންގަ ޕްރިންޓް މެޝިންތައްވެސް ގޮއްވާލާފައި ވެއެވެ.

ސަލާމަތީ މަސްދަރަކާ ހަވާލާދީ ރޮއިޓާސް އިން ބުނީ މިއަދުގެ ގޮވުންތަކުގައި އެތައް ސަތޭކަ ބަޔަކަށް އަނިޔާވެފައިވާ ކަމަށާއި، އޭގެ ތެރެއިން ގިނަ އަނިޔާތަކެއް ލިބިފައިވަނީ މީހުންގެ ބަނޑަށާއި އަތަށް ކަމަށެވެ.

ސެކިއުރިޓީ މަސްދަރަކާ ހަވާލާދީ ރޮއިޓާސް އިން ބުނީ މީގެ 5 މަސް ކުރިން ހިޒްބުالله އިން ޕޭޖަރު ގަތް އިރު ވޯކީޓޯކީ ސެޓްތަކެއްވެސް ގަތް ކަމަށެވެ.

އިސްރާއީލުގެ މީޑިއާ މަސްދަރުތަކުން ވެސް ވަނީ ލުބުނާންގެ މިއަދުގެ ގޮވުންތަކުގެ ޚަބަރުތައް ގެނަސްދީފައެވެ. ޙިޒްބުﷲ އިން ބުނެފައި ވަނީ އެމީހުން އަދި ބަލި ނުކުރެވޭނެ ކަމަށާއި އިޒްރޭލަށް ހައްޤު އަދަބު ލިބޭނެ ކަމަށެވެ.

އަނެއްކޮޅުން ލުބުނާނުގެ ފޮރިން މިނިސްޓަރު އަބްދުﷲ ބޫ ހަބީބު ވިދާޅުވީ ލުބުނާނުގެ ބައެއް ސަރަހައްދުތަކުގައި މުވާސަލާތީ ވަސީލަތްތައް ގޮއްވާލައި ޓެރަރިސްޓް ހަމަލަ ދިނުމުން މެދުއިރުމަތީގައި “އެއަށްވުރެ ފުޅާ ހަމަނުޖެހުމެއް” ފެތުރިދާނެ ކަމަށެވެ.

އީރާނުގައި ސަރުކާރުގެ ތަރުޖަމާނު ފާތިމަތު މުހާޖިރާނީ ވިދާޅުވީ މުވާސަލާތީ ވަސީލަތްތައް ބޮމުގެ ގޮތުގައި ބޭނުންކޮށްގެން ދިން ހަމަލަތައް އީރާނުން ކުށްވެރިކުރާ ކަމަށެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އދގެ ސެކްރެޓަރީ ޖެނެރަލް އެންތޯނިއޯ ގުޓަރެސް ވިދާޅުވީ މަދަނީ ބޭނުންތަކަށް ބޭނުންކުރާ ޑިވައިސްތައް ހަތިޔާރަށް ބޭނުންކުރާ އެއްޗެއްގެ ގޮތުގައި ބަދަލު ކޮށްގެން ނުވާނެ ކަމަށެވެ.

ގުތަރޭސްގެ ބަޔާނެއްގައި ވިދާޅުވީ މަދަނީންނަށް ޚާއްސަ އާލާތްތަކަކީ ކާކުގެ އަތުގައި ހުރިއެއްޗެއް ކަން ނޭނގޭނެ ކަމަށާއި އާންމު ރައްޔިތުންނަށް ވިޔަސް ހަތިޔާރު އެޅި ޖަމާއަތްތަކުގެ މެމްބަރުންނަށް ވިޔަސް އެފަދަ ވަސީލަތެއް ބޭނުން ކުރާ ބަޔަކަށް އަމާޒު ކުރުމަކީ ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކާ ބެހޭ ގާނޫނާއި ބައިނަލްއަގްވާމީ އިންސާނީ ގާނޫނާ ހިލާފުވުމުގެ ޢަމަލެއް ކަމަށެވެ. އަދި އޭނާ ވަނީ މި ހާދިސާތަކުގެ “މިނިވަން، ސީރިއަސް އަދި ހާމަކަން ބޮޑު ތަހުގީގެއް” ހިންގުމަށް ގޮވާލައްވާފައެވެ.

ހިއްސާ ކުރައްވާ!