އައިސިސްގެ ތަކުފީރީ ފިކުރުން މަގު ފުރެދިފައިވާ މީހުންނަށް ނޫނެކޭ ބުނަން ޖެހޭނެ!

ޖުއްބާއަކަށް އެރިގެން ތުނބުޅި ބަހައްޓައިގެން އުޅޭ ޒަޔަނިސްޓު މުސްލިމުންވެސް އުޅެއެވެ. މިއީ އައިސިސްގެ ތަކުފީރީ ފިކުރު އިސްލާމީ މުޖުތަމަޢުތަކުގައި ފަތުރަން މަސައްކަތް ކުރާ މަގު ފުރެދިފައިވާ ފަރާތްތަކެވެ. ނަމުގެ ކުރިއަށް ޝެއިޚު ޖަހައިގެން އުޅުމު ކަމުގައި އުޅުމާއި ސުލޫކާއި ގުޅުމުން، ދޭހަވަނީ ފޮތުގެ ބޭރުގަނޑުގައި ހުރި ދެލިވެސް ސިކުނޑިއަށް ފޭދިފައި ނުވާކަމެވެ.

މިފަދަ ފަރާތެއްގެ ވާހަކަ ފެނިގެން ޙަރިރާން ކަމާއެކު ޑރ. މަޢުރޫފް ލިޔުއްވަނީ،

“މިއީވެސް ދީން ކިޔަވައިގެން އައިސްފައި ހުންނެވި ޝޭޚެކެވެ. މުޅި އިސްލާމީ އުންމަތް ބޮޑު ހަނގުރާމައެއްގައި ވަނިކޮށް، އަދި އެހަނގުރާމައިގައި ފަލަސްޠީނުގެ މުޖާހިދުންނަށް އެހީވާ އަދި އެހީ ވެވޭ ހަމައެކަނި ބަޔަކީ އީރާނާއި އަދި އެޤައުމާ ގުޅިފައިވާ ލުބުނާނާއި އިރާގާއި އަދި ޔަމަނުގައި ތިބި ޕްރޮކްސީ ބާރުތައް ކަމާއި ވަށައިގެން ތިބި “ސުންނީ” ޤައުމުތަކުން ހައްދަވައިގެން އެއްވެސް ނުކުރެވޭ ކަމާއި، ނުކުރާ ކަމުގެ ހަޤީޤަތް އެންމެގެ ލޮލު ކުރިމަތީގައި ފެންނަން އޮތް އިރު…،.” މިފަދައިން އޭނާ ހައިރާންކަން ފާޅުކުރެއްވީ ތަންދޮރު ނުފިލާ ހުރި މުއްލާއަކު ޝަހީދު، ޙުއްޖަތުލް އިސްލާމް ޙަސަން ނަޞްރަﷲ ޝަހީދު ކުޅައުމާ ގުޅިގެން ޒަޔަނިސްޓުންނަށް ތަޢުރީފް ކުރުމުންނެވެ.

ޝީޢީ ދަންނަބޭކަލުންގެ އެންމެ މަތީ ލަޤަބަކީ އާޔަތުﷲ އެވެ. އަދި އެއާ ޖެހިގެން ދެވަނައަށް އެންމެ މަތީ ލަޤަބަކީ، ޙުއްޖަތުލް އިސްލާމްއެވެ. ޙިޒުބުﷲގެ ސެކްރެޓަރީ ޖެނެރަލް ޙަސަން ނަޞްރަﷲ އަކީ، އިރާޤްގެ ޤުމްގައި މަތީ ފެންވަރަކަށް ދީނީ ތަޢުލީމު ޙާސިލު ކުރެއްވި ދަންނަބޭކަލެކެވެ. އެހެންވެ އޭނާއަށް ވަނީ ޙުއްޖަތުލް އިސްލާމްގެ ލަޤަބުއަރުވާފައެވެ.

އޭނާގެ އެންމެ މުހިންމު އުސްތާޛަކީ އާޔަތުﷲ ބާޤިރުއް ޞަދްރުއެވެ. އާޔަތުﷲ ބާޤިރުއް ޞަދްރަކީ، އިސްލާމީ އިޤްތިޞާދާއި އިސްލާމީ ބެންކިންގެ ނިޒާމުގެ މިހާރު ނަޒަރިއްޔާތައް އެކުލަވައި ލައްވައި ގިނަ ފޮތްތައް ލިޔުންވި ދީނީ ޢިލްމުވެރިއެކެވެ. އަދި އިސްލާމީ އިޤްތިޞާދުގެ އެންމެ މުހިންމު ރިފަރެންސްތަކުގެ ތެރޭގައި އޭނާގެ ފޮތްތައް ހިމެނެއެވެ.

މިފަދަ ހަޤީޤަތް ނުދަންނަ ދޮޅު ރޯނާއަކު، އުންމަތުގެ މިހާރުގެ ޙާލަތަށް ބޮޑު ޚިދުމަތެއް ކޮށްދެއްވާފައިވާ ފަރާތެއް، ޒަޔަނިސްޓު ޙަމަލާއަކުން ޝަހީދު ކޮށްލުމުން އެކަމަށް ތަޢުރީފު ކުރާނީ އައިސިސްގެ ޚިޔާލާއި ފިކުރު މަތީފެންވަރަށް އަށަގެންފައި، ސިކުނޑި ކިލަނބުވެފައި ހުރުމުންނެވެ.

މިޒަމާނުގެ އިސްލާމީ އުންމަތުން ބަޙުސްކޮށްފައިވާ ކަންކަމާ މެދު ދިރާކޮށް ބަލާލާނަމަވެސް މިފަދަ މަގު ފުރައްދަނިވި ފިކުރުތައް ލިޔެ އާންމު ނުކުރީހެވެ!

މި އަހަރުގެ މާޗްމަހުގެ 24 ވަނަ ދުވަހު، މައްކާގައި ބާއްވާފައިވާ ކޮންފަރެންސްގައި އިސްލާމީ އުންމަތުގެ އެންމެ އިސްބޭފުޅުން ބަޙުސް ކުރައްވައި ފާސްކުރެއްވި މައްކާ ޑިކްލެރޭޝަނަކީ، އިސްލާމީ މަޒުހަބުތައް އެއް ގަލަކަށް އެރުމަށް ބަސްހުސްތަކެއް ކުރައްވައި ފާސްކޮށްފައިވާ ޑިކްލެރޭޝަނެކެވެ.

މައްކާ ޑިކްލެރޭޝަން ފަށާފައިވާ ފުރަތަމަ މާއްދާގައި ވަނީ މިފަދައިންނެވެ.

  1. މުސްލިމުންނަކީ އެއް އުންމަތެކެވެ. އަޅުކަން ކުރަނީ އެއް ރައްބަކަށެވެ. ކިޔަވަނީ އެއް ފޮތަކުންނެވެ. ތަބާވަނީ އެއް ނަބިއްޔަކަށެވެ. ތަފާތު ވަޒަންތަކުގައި އުޅުނުކަމުގައިވިއަސް އެމީހުން އެއްބައިވަންތަ ކުރަނީ އެއް ޤިބްލައަކުންނެވެ. ﷲ އެމީހުން މާތް ކުރައްވާފައި ވަނީ އިސްލާމް ދީނުގައެވެ……

ދެ ވަނަ މާއްދާގައި މުސްލިމު މީހާގެ ތަޢުރީފެއް ދީފައިވެއެވެ.

  1. މުސްލިމަކީ، ﷲގެ އެއްކައުވަންތަކަމާއި އެ އިލާހުގެ އުލޫހިއްޔަތާއި ރުބޫބިއްޔަތަށް ހެކިވާ، އަދި އެ އިލާހުގެ ނަބިއްޔާ މުޙައްމަދު (صلى الله عليه وسلم) ގެ ރިސާލަތަށާއި އެ ރިސާލަތަކީ އެންމެ ފަހުގެ ރިސާލަތު ކަމަށް ހެކިވާ އެއްބައިވަންތަކަމުން ބަނދެވިފައިވާ ޝަރީޢަތުގެ ޙުކުމްތަކާއި ދީނުން ސާބިތުވެފައިވާ ކަންކަމަށް އީމާންވާ، ގަސްތުގައި އަދި އެނގި ހުރެ، ނޫނީ އަމިއްލަ އިޚުތިޔާރުގައި އެކަމެއް ކުރުމުން ކާފަރުވާކަމަށް މުސްލިމުން އެއްބަސްވެފައިވާ ކަމެއް ނުކުރާ މީހާއެވެ!

މައްކާ ޑޮކިއުމެންޓްގެ 16ވަނަ މާއްދާގައި ވަނީ، ޝަހާދަތުގެ ދެކަލިމަ ކިޔައިފައި އެ ދެ ކަލިމައާ އެއްގޮތަށް އިސްލާމް ދީނުގެ އަސްލުތައް ޤަބޫލުކޮށް ޢަމަލުކޮށްފި ކޮންމެ މީހަކީ އިސްލާމް ދީން ޤަބޫލުކޮށްފައި މީހެއްކަމަށް ޙުކުމު ކުރެވޭނެއެވެ. އޭނާ ކުފުރު ކުޅައުމަކީ ހުއްދަ ވެގެންވާނެ ކަމެއް ނޫނެވެ. އަދި އޭނާ ކުފުރު ކުރެވޭނީ ފުދޭ ވަރެއްގެ ޔަގީން ހެއްކަކާއެކު، އިލްމާއި އީމާން ކަމުގެ އަހުލުވެރި ބަޔަކަށެވެ!

މައްކާ ޑިކްލެރޭޝަނަކީ، މުސްލިމުން މުރުތައްދު ކޮށް ކާފަރު ކޮށް އުޅޭ އައިސް ފިކުރުގެ ހައްދުފަހަނައަޅާފައިވާ ހަރުކަށި މީހުންނާ ހެދި ފަސްކޮށްފައިވާ ޑިކްލެރޭޝަނެކެވެ.

މައްކާ ޑިކްލެރޭޝަންގެ މާކުރިން 1960ގެ އަހަރުތަކުގައިވެސް އިސްލާމީ އުންމަތުގެ މަޒުހަބުތައް ދިރާސާ ކޮށް ދަންނަބޭކަލުން ވަނީ ނިންމުންތަކެއް ނިންމަވާފައެވެ. މިމަސައްކަތުގައި އެންމެ ފާހަގަ ކުރެވޭ ދަންނަބޭކަލަކީ، ރައީސް މައުމޫނުގެ އުސްތާޛް ޑރ. މުޙައްމަދު އަބޫ ޒަހްރާއެވެ. އޭނާއަކީ ޝެއިޚުލްއަޒުހަރުގެ މަޤާމު ފުރުއްވި ޝެއިޚެކެވެ.

އޭނާގެ ނިންމެވުމުގައިވެސް ވަނީ (އީރާނުގެ) އިމާމިއްޔާ ޝީޢީންނާއި (ޔަމަނުގެ) ޒައިދީ ޝިޢީންނަކީ އިސްލާމީ ފަސް ވަނަ މަޒުހަބު ކަމަށެވެ. އަދި މި ދެބައި މީހުންނަކީވެސް އިމާމް ޖަޢުފަރުއްޞާދިޤްގެ ފިޤުހީ މަޒުހަބަށް ތަބާ ބަޔެއް ކަމަށެވެ. ޖަޢުފަރީ ފިޤުހަކީ އަޒުހަރު ޔުނިވަރސިޓީގައި ކިޔަވައިދޭ ފަސްވަނަ މަޒުހަބެވެ.

ކަން މިހެން އޮތް އިރު ބަލިކަށި ފިނޑިވެފައިވާ މި އުންމަތުގެ ހިތްވަރު ނެގެހެއްޓުމަށް ކަށިން ހިތްވަރު ނަގާފައިވާ ފާހަގަ ކުރެވޭ ޝަޚުޞިއްޔަތެއް ކާފަރުކޮށް ޒަޔަނިސްޓުންނަށް ވާގިވެރިވުމަކީ ކުށްވެރި ކުރަން ޖެހޭނެ ކަމެކެވެ. އަދި މިފަދަ ތަކުފީރީ ފިރުތަކަކީ މުޖުތަމައިން ލުހެލަން ޖެހޭނެ ފިކުރުތަކެވެ.

ހިއްސާ ކުރައްވާ!