މިޔަންމާގައި ހަނގުރާމަވެރިންނާއި ޑިމޮކްރަސީއަށް ތާއީދުކުރާ ފަރާތްތަކުން ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވް (ބީއާރުއައި) އާއި ގުޅުންހުރި މަޝްރޫއުތަކަށް ދޭ ހަމަލާތައް އިތުރުކޮށްފިއެވެ.
މި ކަންކަމާ ގުޅިގެން ޗައިނާއިން ވަނީ ދެކުނު އިރުމަތީ އޭޝިއާގެ ގައުމުގެ އަސްކަރީ ވެރިޔާއަށް ޗައިނާއާ ގުޅިގެން ސަލާމަތީ ކަންކަން ބަލަހައްޓާ ސެކިއުރިޓީ ކޮމްޕެނީއެއް އުފެއްދުމަށް ހުށަހަޅާފައެވެ. މި ފިޔަވަޅަކީ ޗައިނާ-ޕާކިސްތާން އިކޮނޮމިކް ކޯރިޑޯއާ ގުޅުންހުރި މަޝްރޫއުތަކުގައި ބައިވެރިވާ ޕާކިސްތާނުގައި އިތުރުވަމުންދާ ޓެރަރިސްޓް ހަމަލާތައް ކުރިމަތިވާ ޗައިނާ ރައްޔިތުން ރައްކާތެރިކުރުމަށް އިސްލާމްއާބާދާއެކު ސޮއިކުރަން ހުށަހެޅި ޕްރައިވެޓް ސެކިއުރިޓީ އެންޑް މިލިޓަރީ ކޮންޓްރެކްޓް (ޕީއެސްއެމްސީ) އާ އެއްގޮތް ފިޔަވަޅެއް ކަމަށް މުހައްލިލުން ބުނެއެވެ.
މި ދެ ހުށަހެޅުމުގެ މަގުސަދަކީ ޗައިނާގެ މަސްލަހަތު ހިމާޔަތް ކުރުމަށް، މިޔަންމާ އާއި ޕާކިސްތާނުގައި ޗައިނާއިން ސަލާމަތީ އިދާރާތަކާއި އަސްކަރީ ބާރުތައް ބެހެއްޓުމެވެ. އެކަމަކު ޕާކިސްތާނުގެ މައްސަލައިގައި ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ލިން ޖިއާން އެއްބަސްވެވަޑައިގަތީ “ޓެރަރިޒަމާ ދެކޮޅަށް ޕާކިސްތާނުން ކުރާ މަސައްކަތަށް ޗައިނާއިން ވަރުގަދައަށް ތާއީދުކުރާ ކަމަށާއި ދެ ގައުމުގެ ރައްޔިތުންނަށް އިތުރު ފައިދާތަކެއް ފޯރުކޮށްދިނުމަށް އެކި ދާއިރާތަކުން ޕާކިސްތާނާއެކު އަމަލީ އެއްބާރުލުން ފުންކުރުމަށް ޗައިނާއިން ތައްޔާރަށް އޮތް” ކަމަށެވެ.
ނަމަވެސް މިޔަންމާގެ ސަރުކާރާ ގުޅިގެން ސެކިއުރިޓީ މުވައްޒަފުން ހިމެނޭ ޖޮއިންޓް ވެންޗާ ސެކިއުރިޓީ ކުންފުންޏެއް އުފެއްދުމަށް ހުށަހެޅި ހުށަހެޅުމާ ގުޅޭ ގޮތުން ބެއިޖިން އިން ރަސްމީކޮށް އެއްވެސް ބަޔާނެއް ނެރެފައެއް ނުވެ އެވެ.
ޗައިނާގެ ސަރުކާރު ނޫސްއެޖެންސީ ޝިންހުއާ ނިއުސް އެޖެންސީން މި މަހުގެ ކުރީކޮޅު ނެރުނު ރިޕޯޓުގައި ބުނެފައި ވަނީ ޗައިނާގެ ބޮޑުވަޒީރު ލީ ކިއަންގް ވަނީ މިޔަންމާއިން އެކަމުގައި އަޅާ ފިޔަވަޅަކަށް ތާއީދު ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
ޗައިނާއިން މިޔަންމާގައި ކުރާ އިންވެސްޓްމަންޓްތަކަށާއި ބޯޑަރު ހުރަސްކޮށް ކުރާ ވިޔަފާރިއަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް މިޔަންމާރުގެ ސަރުކާރާ ގުޅިގެން މަސައްކަތް ކުރަން ތައްޔާރަށް އޮތް ކަމަށް ވެސް ޗައިނާ ބޮޑު ވަޒީރު ވިދާޅުވެފައި ވެއެވެ.
މިއަހަރުގެ އޮގަސްޓް މަހު އުތުރު ޝާން ސްޓޭޓްގެ ވެރިރަށް ލާޝިއޯ ހަނގުރާމަވެރިން ބާރުގެ ދަށަށް ދިއުމާއި، އުތުރު ޝާން ސްޓޭޓުން ފެށިގެން މެދުތެރޭ މިޔަންމާއާ ހަމައަށް ހަނގުރާމަވެރިންނާއި ސިފައިންނާ ދެމެދު ހަމަލަތައް ބަދަލުކޮށް ހަމަނުޖެހުން ބޮޑުވާން ފެށުމުން، ޗައިނާގެ މަސްލަހަތަށް ހުރަސް އެޅިފައި ވެއެވެ. މިއީ ބެއިޖިންގެ ތެލާއި ގޭސް ގެ ސަޕްލައި ލައިނެވެ. އަދި ޗައިނާގެ ކުންމިންގް އާއި އިރުމަތީ ބެންގޯލް ފަޅުގެ އައްސޭރީގައި އޮންނަ ރާކައިން ސްޓޭޓާ ގުޅުވާލާނެ ރޭލު ލައިން އޮންނަ ސަރަހައްދެވެ.