އެމްޓީސީސީން އިލެކްޓްރިކް ޓެކްސީ ޚިދުމަތް ފަށަނީ

ސަރުކާރުގެ ޓެކްސީ ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ރަސްމީކޮށް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ. މި މަސައްކަތް ހަވާލުކުރުމަށް މީރުމާގައި ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި ސޮއިކުރެއްވީ ޓްރާންސްޕޯޓް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އަހުމަދު ޝަމީމާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީއެވެ.

އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ ވިދާޅުވި ގޮތުގައި، މި ޚިދުމަތް ތައާރަފުކުރަނީ އާންމުންނަށް ދަތުރުފަތުރުކުރުމުގައި މިހާރު ކުރިމަތިވަމުންދާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށެވެ. އަދި މި ޚިދުމަތުގެ ސަބަބުން ވަޒީފާގެ އެތައް ފުރުސަތެއް ފަހިވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި އެއްބަސްވުމުގެ ދަށުން އެމްޓީސީސީން ޓެކްސީގެ ޚިދުމަތް ދޭނީ އިލެކްޓްރިކް ވެހިކަލްތައް (އީވީ) މެދުވެރިކޮށެވެ. މި ޚިދުމަތް ދިނުމަށް ހާއްސަ އެޕްލިކޭޝަނެއް ގާއިމުކޮށް، ސައްތައިން ސައްތަ ދިވެހިން ލައިގެން ޚިދުމަތް ދޭން ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީން މައުލޫމާތު ދީފައިވެއެވެ.

ސަރުކާރުގެ ޓެކްސީ ލައިންގެ ޚިދުމަތް ދޭން ފަށާނީ ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެގޮތުން:

– ފުރަތަމަ ފިޔަވަހީގައި މި އަހަރުގެ ތެރޭގައި މާލެ، ހުޅުމާލެ އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޚިދުމަތް ފޯރުކޮށްދޭނެއެވެ.

– ދެވަނަ ފިޔަވަހީގެ ދަށުން 2026 ވަނަ އަހަރާއި 2027 ވަނަ އަހަރު ވިލިނގިލި އަދި ތިލަފުއްޓަށް ޚިދުމަތް ފޯރުކޮށްދޭނެއެވެ.

– ތިންވަނަ ފިޔަވަހީގައި 2028 ވަނަ އަހަރާއި 2029 ވަނަ އަހަރު ރަސްމާލެ، ގިރާވަރު، އައްޑޫ، ފުވައްމުލަކު އަދި ކުޅުދުއްފުށި ސިޓީގައި މި ޚިދުމަތް ފަށާނެއެވެ.

ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ، މި ޚިދުމަތް މިއަހަރުގެ މެދު ތެރޭގައި ފެށޭނެ ކަމަށެވެ. އަދި މި ޚިދުމަތުގެ ތެރެއިން ފުލް ޓައިމް އަދި ޕާޓް ޓައިމްކޮށްވެސް ވަޒީފާ އަދާކުރެވޭނެ ކަމަށާއި، ސަރުކާރުން މި ޚިދުމަތް ތައާރަފުކުރަނީ އާމްދަނީ ހޯދުމުގެ ނިޔަތެއްގައި ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

ހިއްސާ ކުރައްވާ!