އާރްޓީއެލްގެ ޚިދުމަތް ފުޅާކުރުމަށް އިންޑިއާއިން 100 މިލިއަން ރުފިޔާގެ އެހީ

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ގެ ޚިދުމަތް އިތުރަށް ތަރައްޤީކޮށް ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށް ފުޅާކުރުމަށްޓަކައި އިންޑިއާއިން 100 މިލިއަން ރުފިޔާގެ ހިލޭ އެހީއެއް ދިފައިވާކަމަށް ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. މި އެހީގެ ދަށުން ފެރީތައް ބިނާކުރުމާއި، ޓަރމިނަލްތައް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.

ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ އިބްރާޙިމް ޔާސިރް ދައުލަތުގެ މީޑިއާގައި ވިދާޅުވި ގޮތުގައި، މިވަގުތު ރާއްޖޭގެ 11 އަތޮޅުގައި އާރްޓީއެލްގެ ޚިދުމަތް ދެމުންދާއިރު، އިތުރު އަތޮޅުތަކަށް މި ޚިދުމަތް ފުޅާކުރުމަށްޓަކައި ފެރީ ބަނުމުގެ މަސައްކަތް ވަނީ ފަށާފައެވެ. މިގޮތުން މިވަގުތު 4 ފެރީއެއް ބެކަޕްގެ ގޮތުގައި ބެހެއްޓުމަށް ބަންނަމުންދާ ކަން އޭނާ ފާހަގަކުރެއްވިއެވެ.

އިންޑިއާގެ 100 މިލިއަން ރުފިޔާގެ އެހީގެ ދަށުން އިތުރު 12 ފެރީއާއި، ޒޯން 2 ގެ މައި ފެރީ ޓަރމިނަލް ރ. އުނގޫފާރުގައި ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. މި ޓަރމިނަލްތަކުގައި ދަތުރުކުރާ ފަރާތްތަކަށް މަޑުކޮށްލާނެ ސަރަޙައްދު، ފިހާރަ އަދި ފާޚާނާ ފަދަ ޒަރޫރީ ޚިދުމަތްތައް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ރައްޔިތުންނަށް ދަތުރުފަތުރުގެ ފަސޭހަ ގޮތްތަކެއް ހޯދައިދިނުމުގެ ސަރުކާރުގެ މަޤްޞަދުގެ މުހިއްމު ބައެކެވެ.

އާރްޓީއެލްގެ ޚިދުމަތް އެންމެ ފަހުން ރާއްޖެއަށް ފުޅާކުރީ މިދިޔަ ޖުލައި މަހު ބ. އަތޮޅަށެވެ. މިހާރު ތައްޔާރުވަމުންދަނީ ޒޯން 4 (މ. އަތޮޅު، ފ. އަތޮޅު، ދ. އަތޮޅު، ތ. އަތޮޅު އަދި ލ. އަތޮޅު) ގައި ޚިދުމަތް ފެށުމަށެވެ. ސަރުކާރުގެ ޢަމާޒަކީ މި އަހަރު ނިމޭއިރު މުޅި ރާއްޖެއަށް އާރްޓީއެލްގެ ޚިދުމަތް ފުޅާކުރުމެވެ. މި ޚިދުމަތް ފުޅާވުމުން ރާއްޖޭގެ ރަށްރަށާއި އަތޮޅުތަކުގެ ގުޅުން ބަދަހިވެ، ރައްޔިތުންނަށް ދަތުރުފަތުރުގެ ގޮތުން އިތުރު ފަސޭހަތަކެއް ލިބިގެންދާނެކަމަށް ލަފާކުރެވެއެވެ.

ހިއްސާ ކުރައްވާ!