ތައިލެންޑުގައި ބޭއްވުނު އޭޝިއަން ރައިފަލް އެންޑް ޕިސްޓަލް ކަޕް 2025 ގައި ދިވެހިރާއްޖޭގެ 15 އަހަރުގެ ޝޫޓަރ މަރިޔަމް އީޝަލް މިޞްބާޙު ވަނީ އަންހެން އެއަރ ޕިސްޓަލް ކެޓަގަރީގެ ޖޫނިއަރ ބައިން ރިހި މެޑަލް ހޯދައި، ޝޫޓިން ސްޕޯޓްސްގެ ތާރީޚުގައި އޭޝިއާ ފެންވަރުގެ މުބާރާތަކުން ދިވެހިރާއްޖެއަށް މެޑަލެއް ހޯދައިދިން ފުރަތަމަ ކުޅުންތެރިޔާއަށް ވެފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ދިވެހިރާއްޖެއަށް ރިހިމެޑަލް ހޯދައިދިން މަރިޔަމް އީޝަލް މިޞްބާޙަށް ތަހުނިޔާ ދަންނަވާ ކަމަށް ވިދާޅުވެ މިޚަބަރު އެކްސްގައި ޕޯސްޓު ކުރައްވާފައެވެ.
"ދިވެހިރާއްޖެއަށް ރިހިމެޑަލް ހޯދައިދިން މަރިޔަމް އީޝަލް މިޞްބާޙަށް ތަހުނިޔާ ދަންނަވަން" ރައީސް ޑރ. މުޙައްމަދު މުޢިއްޒު
މި މުބާރާތުގައި އޭޝިއާގެ 23 ޤައުމަކުން ބައިވެރިވެފައިވާއިރު، އީޝަލް ވަނީ 21 ޤައުމެއްގެ ޝޫޓަރުންނަށްވުރެ މޮޅު ނަތީޖާއެއް ހޯދައި، ދިވެހި ޝޫޓިން ސްޕޯޓްސްގެ ތާރީޚުގައި ފަޚުރުވެރި ސަފުހާއެއް ލިޔެފައެވެ.
މި ކާމިޔާބީއަކީ ދިވެހިރާއްޖޭގެ ޝޫޓިން ސްޕޯޓްސްގެ މުސްތަޤުބަލަށް އައު އުއްމީދުތަކެއް ގެނެސްދިން ކާމިޔާބީއެކެވެ. ޚާއްޞަކޮށް ޅަ އުމުރުގެ ކުޅުންތެރިންނަށް މިފަދަ ބޮޑު މުބާރާތަކުން މިފަދަ ކާމިޔާބީއެއް ހޯދުމަކީ ކުރިއަށް އޮތް ތަނުގައި މި ކުޅިވަރުން އިތުރު ކާމިޔާބީތައް ހޯދޭނެކަމުގެ ހެއްކެކެވެ.
އީޝަލްގެ މި ކާމިޔާބީއާއެކު ދިވެހިރާއްޖޭގެ ޝޫޓިން ސްޕޯޓްސް އިތުރަށް ކުރިއަރައި، ބައިނަލްއަޤްވާމީ ފެންވަރުގައި އިތުރު ކާމިޔާބީތައް ހޯދާނެކަމަށް އުއްމީދު ކުރެވެއެވެ.







