ރައީސް ޝީ ޖިންޕިންގް ގެ އެންމެ ފަހުގެ އެންޓި ކޮރަޕްޝަން މަސައްކަތުން ޗައިނާގެ ސިފައިންގެ އެތެރޭގެ ހާލަތު ހާމަވަމުން ދިއުމާއި އެގައުމުގެ އެންމެ މަތީ ފެންވަރުގައި ކޮރަޕްޝަން އަށަގެންފައިވާ މިންވަރު ހާމަވެއްޖެއެވެ.
ޝީ އަށް ވަފާތެރި އަދި ސެންޓްރަލް މިލިޓަރީ ކޮމިޝަންގެ މެމްބަރު އެޑްމިރަލް މިއާއޯ ހޫއާ ވަނީ 2024ގެ ނޮވެމްބަރު 28، ގައި ސަސްޕެންޑް ކޮށްފައެވެ. އެ ސަސްޕެނޝަނުން އެނގިގެން ދިޔަކަމީ، ރައީސް އަމިއްލައަށް ހޮވާފައިވާ އެކުވެރިން ވެސް މިކަމުން ސަލާމަތް ނުވާ ކަމުގެ އިޝާރާތެކެވެ.
އެއް ޒަމާނެއްގައި ޗައިނާ ސިފައިންނަށް ވަފާތެރިކަން ކަށަވަރު ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވާ މިއާއޯ މިހާރު ގުޅެނީ ރޮކެޓް ފޯސްގެ އިސްވެރިންނާއި ކުރީގެ ދެ ޑިފެންސް މިނިސްޓަރުންނާއެކު މަގާމުން ވަކި ކޮށްފައިވާ އޮފިސަރުންގެ ލިސްޓެއްގައެވެ. މިހާރުގެ ޑިފެންސް މިނިސްޓަރު ޑޮންގް ޖޫން ވެސް މަގާމުގައި ދެމި ހުރެދާނެ ކަމާމެދު ސުއާލު އުފެދެއެވެ.
ސިފައިންގެ ތެރޭގައި ރިޝްވަތު ދިނުމާއި ލިބިގަތުމާއި ޕްރޮމޯޝަން ވިއްކުން ހުއްޓުވުމަށް 2012 ވަނަ އަހަރު ފެށި ޝީގެ ކެމްޕޭން ދަނީ ކުރިއަށެވެ.
އެމެރިކާއާއެކު އުފެދިފައިވާ ޓެންޝަންތައް އިތުރުވަމުންދާ ދަނޑިވަޅެއްގައި ޝީ ގެންދަވަނީ ޕާޓީއަށާއި ސަރުކާރަށް މަސްއޫލުވެރިން ވަފާތެރިވުމަށް ޑިމާންޑް ކުރައްވަމުންނެވެ.
ޗައިނާ ސިފައިންގެ ލީޑަޝިޕް ކާރިސާގެ ސަބަބުން ސިފައިންގެ ތައްޔާރީތަކާ މެދު ޝައްކު އުފެދި، 2049 ވަނަ އަހަރުގެ ނިޔަލަށް ދުނިޔޭގެ ވެރިކަން ކުރުމަށް ޗައިނާއިން ކަނޑައަޅާ ތަސައްވުރަށް ނުރައްކާވެ އެވެ.
