އިނގިރޭސިވިލާތުގައި ފައްޅިތައް މިސްކިތްތަކަށް ބަދަލު ކުރަމުންދަނީ

އަޅުކަން ކުރުމަށް ފަސޭހަކޮށްދީފަ، ހަފްތާއަކު އެންމެ ދުވަހަކު އެއްވުން ބާއްވައިދޭން ހަމަޖައްސާފައި އޮންނަ އިރުވެސް އަޅުކަމަށް އަންނާނެ ބަޔަކު ނުވެއެވެ. އެންމެ ފަހުން އަގުބޮޑު އިމާރާތްތައް ދަނީ ފަޅުވަމުންނެވެ. އަދި ބެލެހެއްޓުމަށް ކުރަންޖެހޭ ހޭދަ ބޮޑުވުމުން، އެންމެ ފަހުން އެ އިމާރާތްތައް ވިއްކާލަން މަޖުބޫރުވެއެވެ. މިއީ އިނގިރޭސިވިލާތުގެ ފައްޅިތަކުގެ ހާލަތެވެ. ފައްޅިއެއް ގަންނާނީ ކާކު ހެއްޔެވެ؟ މުސްލިމުންނެވެ! ދުވަސްކޮޅަކުން އެ ފައްޅިއަށް އިތުރު ވަނީ މުންނާރެކެވެ.

ފާއިތުވި ދިހަ އަހަރު ތެރޭގައި އިނގިރޭސިވިލާތުގައި، 3،500 އަށް ވުރެ ގިނަ ފައްޅިތައް އަބަދަށްޓަކައި ތަޅުލައި ބަންދު ކުރަން ޖެހުނު ކަމަށް ނޭޝަނަލް ޗާޗްސް ޓްރަސްޓުން ބުނެ އެވެ. ގިނަ އިމާރާތްތައް ވަނީ އަޅާ ނުލެވި ވީރާނާ ވެފައެވެ. ސޮލީބު ބޭލޭއިރު، ހަނދުފަޅިއެއް މަލަމައްޗަށް އިތުރުވެއެވެ. މިއިން ދައްކައި ދެނީ، އިނގިރޭސިވިލާތުގައި ފައްޅިތައް މަދުވެ ނަސާރާދީނުގެ އަހުލުވެރިން މަދުވަމުންދާ މިންވަރެވެ.

މިސާލަކަށް، ވޮޓްފޯޑްގެ ސެއިންޓް ތޯމަސް ޔުނައިޓެޑް ރިފޯމްޑް ޗާޗަށް ބަލާށެވެ. 2015 ވަނަ އަހަރުން ފެށިގެން އެތަން ވަނީ ބަންދުކޮށްފައެވެ.

ފައްޅަށް ހުރުމަށްފަހު، މި ފައްޅި، މިދިޔަ ޑިސެމްބަރު މަހު އައްރަޙުމާ ޓްރަސްޓުން ވަނީ، 3.5 މިލިއަން ޕައުންޑަށް ގަނެފައެވެ. މިހާރު މުސްލިމް ޗެރިޓީން ދަނީ 20،000 އަކަފޫޓުގެ ފައްޅި މަސްޖިދުލް އުއްމާއަށް ބަދަލުކުރުމަށް އިތުރު 1.5 މިލިއަން ޕައުންޑް ހޯދުމަށް މަސައްކަތް ކުރަމުންނެވެ. މިމިސްކިތް 2026ގައި އިފްތިތާޙު ކުރާނީ ކުރިން ނެތްފަދަ ވަސީލަތްތަކާއެކުގައެވެ.

މިއީ މިފަދަ ހަމައެކަނި މިސާލެއް ނޫނެވެ. ލެންކަޝަޔަރގެ ބްލެކްބަރންގައި އެއް ޒަމާނެއްގައި އާސާރީ ތަނެއްގެ ގޮތުގައި ފާހަގަ ކުރެވުނު، ސެއިންޓް ޗޭޑްސް ޗާޗް ވަނީ، ބޮޑު މަރާމަތަކަށް ފަހު 2023 ވަނަ އަހަރު މަސްޖިދުއް ތަޤުވާގެ ގޮތުގައި އިފްތިތާޙުކޮށްފައެވެ.

އަދި ބްރެޑްފޯޑްގައި 2020 ވަނަ އަހަރުން ފެށިގެން ފަޅަށް ހުރި، ވިކްޓޯރިއަން ކްލޭޓަން ހެއިޓްސް މެތޮޑިސްޓް ޗާޗަށް ހަދާނެ ގޮތެއް ނޭނގިގެން އުޅެނިކޮށް، އެހިސާބުގެ މުސްލިމުން ވަނީ އެފައްޅި ގަނެގެން މިސްކިތަކަށް ބަދަލުކޮށްފައެވެ.

މިއިމާރާތްތައް ބަދަލުވަމުން ދަނީ ހަމައެކަނި، ވީރާނާވާތީއެއްވެސް ނޫނެވެ. މީހުންވެސް އެދެނީ މިތަންތަން ބަދަލުކުރާށެވެ. މިސްކިތްތަކަށް ބަދަލު ކުރާށެވެ.

އިނގިރޭސިވިލާތުގެ، 2021 ވަނަ އަހަރުގެ ބޯހިމެނުމުން އެކަން ހާމަވެގެން ދެއެވެ.

އިންގްލެންޑާއި ވޭލްސްގެ ނަސާރާއިންގެ އާބާދީ ވަނީ، 46 ޕަސެންޓަށް ދަށްވެފައެވެ. މީގެ 10 އަހަރު ކުރިން، 59 އިންސައްތައިގައި އޮތުމަށްފަހު އިތުރަށް އިތުރު ހީނަރުކަމެއް އައީއެވެ.

އެއާ ޚިލާފަށް މުސްލިމުންގެ އާބާދީ ވަނީ، 4.9 ޕަސެންޓުން 6.5 ޕަސެންޓަށް އިތުރު ވެފައެވެ.

ނަސާރާއިންގެ އަދަދު ހުލިވަމުންދާ ނިސްބަތުން ފައްޅިއަށް ދާ މީހުން ގެ އަދަދުވެސް މަދުވަމުން ދެއެވެ.

އާދީއްތަ ދުވަހު ފައްޅީގައި އޮންނަ އަޅުކަމުގެ ބައްދަލުވުމަށް، އިގިރޭސިވިލާތުގައި، 2013 ވަނަ އަހަރު 788،000 މީހުން ހާޒިރުވިކަމަށް ތަފާސްހިސާބުން ދައްކައެވެ. މިހާރު އެއަދަދު އުޅެނީ، 557،000 ގައެވެ.

އެ މަންޒަރު އަދި އެހެން ގޮތަކަށްވެސް ފެނިގެން ދެއެވެ. އިނގިރޭސިވިލާތުގެ ޕްރޮޓެސްޓެންޓް ފައްޅިތައް ބަލަހައްޓަނީ، ޗާޗް އޮފް އިންގްލެންޑުންނެވެ. އެފަރާތުގެ ބެލުމުގެ ދަށުގައި ލިސްޓުކޮށްފައިވާ 16 ހާސް ފައްޅިތަކުގެ ތެރޭން 12 ހާސް ފައްޅި މަރާމާތު ކުރަން ޖެހިފައި ވެއެވެ. އެކަމަށް ބޭނުންވާ 1 ބިލިއަން ޕައުންޑު ހޯދާނެ ގޮތެއް ނެތެވެ.

ފައްޅިތަކުގެ ދިގު ފިލާތައް ހުސްވާ ސަބަބުވެސް ދަނީ ސާފުވަމުންނެވެ. ބޯހިމެނުމުގައި އެއްވެސް ދީނެއް ގަބޫލު ނުކުރާކަމަށް ބުނާ މީހުންގެ އަދަދުވެސް ވަނީ 37.2 ޕަސެންޓަށް އިތުރު ވެފައެވެ. ކޮމާންޑަރު ޔަހުޔާ އިބްރާހީ ސިންވާރުގެ އަޤްޞާ ޠޫފާނުން ޤުރުއާން މުޠާލިއާކުރުމާއި އިސްލާމްދީނާ ބެހޭ މައުލޫމާތު ހޯދުން ޓްރެންޑަކަށް ހަދައިފީއެވެ.

އިނގިރޭސިވިލާތުގެ ކޮންމެ ފައްޅިއަކާ ކުރިމަތި ލަނީ ބުލްޑޯޒަރެއް ނޫނެވެ. ނޫނީ ބަދަލު ވަނީ މިސްކިތަކަށްވެސް ނޫނެވެ. ބައެއް ތަންތަން ނާޗަރަންގީގެ ބޭނުންތަކަށްވެސް ބަދަލު ކުރެވެއެވެ.

ލަންޑަންގެ މޭފޭއާގެ ސެއިންޓް މާކް ފައްޅިއަކީ، އޭގެ އާސާރީ ނަލަކަމާއެކު،  ގްރޭޑް އައި ގެ އިމާރާތެއްގެ ގޮތުގައި ގިންތި ކޮށްފައިވާ ތަނެކެވެ. 5 މިލިއަން ޕައުންޑް ހޭދަކޮށްގެން އެ ފައްޅި މިހާރު ވަނީ މެރްކާޓޯ މެޓްރޮޕޮލިޓާނޯގެ ކާބޯތަކެތީގެ ބާޒާރަކަށް ބަދަލުކޮށްފައެވެ.

އެހެން މިސާލެކެވެ. ސެލިސްބަރީގައި 19 ވަނަ ގަރުނުގެ ޕެންޓެކޯސްޓަލް ފައްޅި ވަނީ، ނައިޓް ކްލަބަކަށް ބަދަލު ކޮށްފައެވެ. ކުރިން ތިންކައުންވަންތަ ދޭވަތާއަށް ހިމޭންކޮށް ތިބެގެން އަޅުކަން ކުރި ހޯލަކީ މިހާރު ޑާންސް ފްލޯރެކެވެ. ބޯންމަތުގެ ސެއިންޓް އެންޑްރޫސް ޗާޗު ވެސް ވަނީ ނައިޓް ކްލަބަކަށް ބަދަލުކޮށްފައެވެ.

އެހެން ތަންތަނުގައި ފައްޅިތައް މުސްކުޅިން ބަލަހައްޓާ ގެތަކަށްވެސް ބަދަލުވެއެވެ. މިސާލަކަށް ރެޑިންގެ ހޮލީ ޓްރިނިޓީ ފައްޅިއެވެ.

ބައެއް ފަހަރު ފައްޅިތައް މިސްކިތްތައް ބަދަލު ކުރާއިރު، އިއުތިރާޒް ވެސް ކުރެވެއެވެ. ޓްރެންޓްގައި 1788 ވަނަ އަހަރުން ފެށިގެން ފައްޅިއެއްގެ ގޮތުގައި ބޭނުންކުރަމުން އައި، ސެއިންޓް ޖޯން ދަ އިވެންޖިލިސްޓް ފައްޅި މިސްކިތަކަށް ބަދަލުކުރުމަށް ޒަމީރު ފައުންޑޭޝަނުން ކުރި މަސައްކަތަށް ކައުންސިލުން ހުއްދަ ދިނުމުން، ޗާޗް އޮފް އިންގްލެންޑުން ވަނީ އިއުތިރާޒް ކޮށްފައެވެ. އެކަމަށް އިއުތިރާޒް ކުރި އިސްފާދިރީ، ކުރީގެ އާރޗްބިޝޮޕް ޖަސްޓިން ވެލްބީ ވަނީ ފަޟީހަތެއްގައި ނޮވެމްބަރު މަހު ވަޒީފާ ދޫކޮށްލައްވާފައެވެ.

އިނގިރޭސިވިލާތުގައި މުސްލިމުންގެ އާބާދީ ވަނީ 4 މިލިއަނަށް އަރާފައެވެ. އަދި ފައްޅިތަކަށް ދާމީހުންގެ އަދަދު އުޅެނީ 25 ހާހުގައެވެ.

އެ އަދަދުތަކުން އެހެން ވާހަކައެއްވެސް ކިޔައިދެއެވެ. އިނގިރޭސިވިލާތުގެ ނޭޝަނަލް ޗާޗްސް ޓްރަސްޓުން ލަފާކުރާ ގޮތުގައި 3،000 އާއި 5،000 އާއި ދެމެދުގެ ފައްޅިތައް ވަނީ ފަޅަށް ދޫކޮށްލެވިފައެވެ.

ވޭލްސްގައި ތާރީޚީ ފައްޅިތަކުގެ ހަތަރުބައިކުޅަ އެއްބައި ފަޅަށް ދޫކޮށްލާފައި ވެއެވެ. އިންގްލެންޑްގައި 900 އަށް ވުރެން ގިނަ އާސާރީ ފައްޅިތައް ވަނީ ފަޅުވާން ކައިރިވެފައިވާ ތަންތަން ކަމަށް ލިސްޓް ކޮށްފައެވެ.

އިނގިރޭސިވިލާތުގައި ކޮންމެ އަހަރަކު، 20 ފައްޅި ނީލަމަށް ލެވެއެވެ. އަދި ކޮންމެ ފައްޅިއެއްވެސް އެވަރެޖުކޮށް، އެއްލައްކަ، ނޫނީ ދޮޅުލައްކަ ޕައުންޑަށް ވިއްކާލެވެއެވެ.

ހިއްސާ ކުރައްވާ!