މި ސަރުކާރުގެ ތަސައްވުރަކީ ޑިޖިޓަލް އިޤްތިޞާދީ ބަދަލަކުން ހަކަތަ ލިބިފައިވާ، އިސްލާމިކް ފައިނޭންސްގެ މައި މާލީ މަރުކަޒަކަށް ދިވެހިރާއްޖެ ހެދުން ކަމުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް އިސްލާމިކް ސޯޝަލް ފައިނޭންސް އިނީޝިއެޓިވްގެ އިފްތިތާޙީ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މޯލްޑިވްސް އިސްލާމިކް ސޯޝަލް ފައިނޭންސް އިނީޝިއެޓިވްގެ ޚިޔާލު އުފަންވެފައިވަނީ ކުރިއަށް އޮތް ނޭޝަނަލް ފައިނޭންޝަލް އިންކްލޫޝަން ސްޓްރެޓަޖީއިން ކަމުގައެވެ. އަދި މިއަދު އިފްތިތާޙުކުރި އިނީޝިއެޓިވްއަކީ، ޤައުމީ ތަރައްޤީގެ އެޖެންޑާ ކުރިއެރުވުމަށް އެޅި އިތުރު ފިޔަވަޅެއްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މިމަޝްރޫއަކީ، އަންހެނުންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ، އިސްލާމިކް ސޯޝަލް ފައިނޭންސްސިންގެ މަޝްރޫއެކެވެ.

ކެބިނެޓުގެ ވަޒީރުންނާއި މާލީ ދައިޜާގެ ފަރާތްތަކާިއ އެމްއެމްއޭއާއި ބިއެމްއެލް އަދި އެމްއައިބީން ބައިވެރިވެ ވަޑައިގަތް، ކުރުނބާ މޯލްޑިވްސްގައި އޮތް ރައްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދިވެހިންގެ ޝަޚްޞު ބިނާވެފައިވަނީ އޯގާތެރިކަމާއި، ޢަދުލުވެރިކަމާއި، އިޖުތިމާޢީ ހަމަހަމަކަން ފަދަ ދިރުންހުރި ގިޔަމުތަކުގެ މަތީގައިކަން ފާހަގަކުރައްވައި، އިސްލާމިކް ސޯޝަލް ފައިނޭންސްގެ އަސާސްތަކަކީވެސް އެއީ ކަމަށް ވިދާޅުވިއެވެ.
އެމްއެމްއޭއިން އިސްނަގައިގެން ފަށާފައިވާ "މޯލްޑިވްސް ސޯޝަލް އިސްލާމިކް ފައިނޭންސް އިނީޝިއޭޓިވް (މިފްސީ)"ގެ މަޝްރޫއުގައި ބައިވެރިވެފައި ވަނީ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)އާއި ބީއެމްއެލް އިސްލާމިކް އެވެ.
ކުރިއަށް އޮތް ތިން އަހަރު، މިމަޝްރޫއުގައި ބީއެމްއިލް 200 މިލިއަން ރުފިޔާގެ މާލީ އެހީ ދޭނެއެވެ. އަދި އެމްއައިބީން 30 މިލިއަން ރުފިޔާ އަދި އެމްއެމްއޭއިން 20 މިލިއަން ރުފިޔާގެ މާލީ އެހީ ދިނުމަށް ހަމަޖެހިފައި ވެއެވެ.
މިއީ މުޖުމަތަޢަށް ބޭނުންވާ ތަފާތު ކަންކަން ފުއްދައިދިނުމަށް ކުރާ މަސައްކަތުގައި މަދަނީ ޖަމާޢަތްތަކާއި މާލީ ދާއިރާއާ ދެމެދު އޮންނަންޖެހޭ ގުޅުންތަކަށް މަގުފަހިކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރާނޭ އިސްނެގުމެއް ކަމުގައި ރައީސް ވިދާޅުވިއެވެ.
މެލޭޝިއާގެ "ސަދަގާތު ހައުސް ބޭންކް އިސްލާމް" އަސްލަކަށް ބަލައިގެން އެކުލަވާފައިވާ މަޝްރޫ އެކެވެ. އަދި، މެލޭޝިއާގެ ޔުނިވަސިޓީ އިސްލާމިކް ސެލެންގޯއާ ގުޅިގެން މަރުކަޒީ ބޭންކުން ވަނީ ދިރާސާއެއް ވެސް ކޮށްފައެވެ.
މި މަޝްރޫއުގެ ދަށުން މާލީ އެހީ ދިނުމަށް ނިންމާފައި ވަނީ މުޖުތަމައުގައި އުޅޭ ޚާއްސަ އެހީތެރިކަމަށް ބޭނުންވާ މީހުންނާއި އަންހެނުންނަށެވެ.






