ފޮތެއްގެ ޚުލާސާ: ފަލަސްޠީނު މީހުންނަކީ ތަފާސްހިސާބު ނަންބަރެއް ނޫން

ޣައްޒާގައި ދިރިއުޅޭ އިންސާނުންނަކީ މަރުވާ މީހުން ލިސްޓެއް ގުނާލުމަށް  ނަންބަރެއް ނޫނީ ތަފާސްހިސާބެއް ނޫން ކަމާއި އެމީހުންނަކީވެސް ޝުޢޫރާއި އުންމީދުތަކެއްވާ އިންސާނުންކަން އަންގައި ދިނުމަށްޓަކައި ދުނިޔޭގެ މީޑިއާގެ އޮޅުވާލުމާ ދެކޮޅަށް ލިޔެފައިވާ ފޮތް، "ވީ އާ ނޮޓް ނަމްބަރސް: ދަ ވޮއިސްސް އޮފް ޣައްޒާ" ވަނީ މަގްބޫލު ފޮތަކަށް ވެފައެވެ.

ޔޫސުފް ދަވާސްއަކީ، އުމުރުން 21 އަހަރުގައި ޅެންވެރިއަކަށް ވާން ބޭނުންވި ޒުވާނެކެވެ. "ވީ އާ ނޮޓް ނަމްބަރސް: ދަ ވޮއިސަސް އޮފް ޣައްޒާ"ގައި އޭނާގެ ވާހަކަ ލިޔަމުން އޭނާ ބުނަނީ، ޒަޔަނިސްޓުން ޣައްޒާ ޙިސާރަކޮށް، މަތިން ބޮން އަޅަމުން ދާއިރުވެސް ކިލާހުގައި ތިބެފައި ރައްޓެހިވެގެން އުޅޭ އަންހެން ކުއްޖާއަށް ލޯބީގެ ސިޓީއެއް ހަވާލު ކޮށްލުމަށް، ގޯޅި ގޯޅިތަކުން، ފިލަމުން ޔަހޫދީންނަށް ބޮނދަމުން ގޮސް އެ ސިޓީ ހަވާލުކޮށްލާ ކަމަށެވެ. ކާފިއު ހިންގައި ބޮން އަޅައި އިމާރާތްތައް ތަޅައި ބިމާ ހަމަކޮށްލާއިރުވެސް ހިތުގައި އޮންނަ ލޯބި ފަނޑުވެގެން ނުދާ ކަމަށެވެ. އަދި ލޯބިވެރިޔާ ދެކެން އޮންނަ ޝައުޤުވެރިކަމަށް ބަދަލެއް ނާންނަ ކަމަށް ޔޫސުފް ދަވާސްގެ ވާހަކައިގައި އޭނާ ކިޔައިދެއެވެ.

"ވީ އާ ނޮޓް ނަމްބަރސް: ދަ ވޮއިސަސް އޮފް ޣައްޒާ" ވަނީ ޕެންގުއިން އިން ޔޫރަޕްގައި ޝާއިއުކޮށްފައެވެ. ނަމަވެސް ދަވާސްއާއި އޭނާގެ 59 ރަޙުމަތްތެރިން މި ފޮތުގައި ޙިއްސާކޮށްފައިވާ ޣައްޒާގައި ޔަހޫދީން ހިންގާ އަނިޔާވެރިކަން ސިފަކޮށްދޭ ވާހަކަތައް ކިޔާން، މިއަދަކު އޭނާ ދުނިޔޭގައެއް ނެތެވެ. 2023 ވަނަ އަހަރު ޒަޔަނިސްޓުން ވަނީ ޔޫސުފް ދަވާސް ޝަހީދު ކޮށްލާފައެވެ.

މިދިޔަ މަހުގެ ފަހުކޮޅު ޝާއިއުކޮށްފައިވާ، "ވީ އާ ނޮޓް ނަމްބަރސް: ދަ ވޮއިސަސް އޮފް ޣައްޒާ" ވަނީ ޔޫކޭއާއި އަޔަރލެންޑްގައި ބެސްޓްސެލަރއަކަށް ވެފައެވެ. މި ފޮތް އެމެރިކާގައި ޝާއިއު ކުރުމަށް ހަމަޖެހިފައި ވަނީ ސެޕްޓެމްބަރު މަހުގައެވެ.

ޔޫސުފް ދަވާސްއާއެކު ފޮތުގައި އެމީހުންގެ ވާހަކަތައް ލިޔެދިން އެހެން 3 ޒުވާނަކުވެސް ވަނީ ޝަހީދު ކޮށްލާފައެވެ. އޭގެ ތެރޭގައި މަހްމޫދު އަލްނާޢޫޤުއާއި ހުދާ އައްސޫސީ އަދި މުހައްމަދު ހައްމޫ ހިމެނެއެވެ. ޣަދަރުވެރި ޒަޔަނިސްޓު ޔަހޫދުން ޝިކާރަ ކުރި 4 ޒުވާން ފުރާނައެވެ.

މި ފޮތް އެޑިޓްކޮށްފައި ވަނީ، އަހުމަދު އައްނާޢޫޤުއާއި އާއި އެމެރިކާގެ އެކްޓިވިސް ނޫސްވެރިއެއް ކަމަށްވާ، ޕޭމް ބެއިލީ އެވެ.

މި ފޮތުގައި ފަލަސްޠީނުގެ 59 ޒުވާނުން ވަނީ، އެމީހުންގެ ދިރިއުޅުމުގައި ހިނގާ ކަންކަމުގެ ވާހަކަތަކާއި މަޒުމޫނުތަކާއި ޅެންތައް ހިމަނާފައެވެ. ނޯބެލްގެ އިނާމަށް ހުށަހެޅުނު ފަލަސްޠީނުގެ ޒުވާން އަޒުހަރީ ނޫސްވެރިޔާ މުޢުތައްޒު ޢަޒާއިޒާ މި ފޮތާ ބެހޭ ގޮތުން ބުނަނީ މިއީ ޣައްޒާގެ ކޮންމެ ދުވަހެއްގެ ހާލަތު ދައްކައިދޭ ވާހަކަތަކެއް ކަމަށެވެ.

މިފޮތުގައި ހިމަނާފައިވާ ލިޔުންތައް ވުޖޫދަށް އައިސްފައި ވަނީ، ފޮތުގައި ބައިވެރިވާ އެކަކު ކަމަށްވާ އަހުމަދު އައްނާޢޫޤު ވާހަކަ ލިޔަން ފެށުމުން، އޭނާގެ ޕްރޮފެސަރ ޝަހީދު ޑރ. ރިފްޢަތު އަލްޢަރީރު 2014 ވަނަ އަހަރު އުފެއްދި "ވީ އާރ ނޮޓް ނަމްބަރސް" ނަމަކަށް ކިޔާ އިނގިރޭސި ބަހުގެ ލިޔުންތެރިކަމުގެ ޕްރޮޖެކްޓެއްގެ މޭވާއެކެވެ.

ޑރ. ޢަލްޢަރީރުއަކީ ޣައްޒާގެ އިސްލާމީ ޔުނިވާސިޓީގެ ޕްރޮފެސަރެކެވެ. ޣައްޒާއާއި ޔުނިވަރސިޓީ ކޮލެޖު ލަންޑަގެ މާސްޓާޒްއަށް ފަހު ޔުނިވާސިޓީ ޕުތުރާ މެލޭޝިއާއިން ޕީއެޗްޑީ ޙާސިލު ކުރެއްވި އުމުރުން 44 އަހަރުގެ އަދީބު ޑރ. އަލްޢަރީރު ޝަހީދުކޮށްފައި ވަނީ ޝުޖާޢިއްޔާ އަވަށުގައި ޒަޔަނިސްޓު ޔަހޫދީންގެ ނަސްލު ނައްތާލުމުގެ ހަމަލައެއް ގައެވެ. އޭނާގެ ޕްރޮޖެކްޓު ޔޫރޯ މެޑިޓެރޭނިއަން ހިއުމަން ރައިޓްސް މޮނިޓަރޒް ގެ ސަޕޯޓާއި ބެއިލީގެ އެހީތެރިކަމާއެކު ކުރިއަށް ގެންދިޔައީ އެވެ.

މި ފޮތުގައި ޣައްޒާގެ ޒުވާން 59 ލިޔުންތެރިންގެ 74 ވާހަކައާއި ޅެމާއި މަޒުމޫނު ހިމަނާފައި ވެއެވެ. މިއީ (2014–2024) އަށް ދެމިގެން ދިޔަ 10 އަހަރު ދުވަހުގެ މަސައްކަތެކެވެ.

މި ފޮތުގެ ފަތްފުތްތަކުގައި ލޯތްބާއި، ފުރާނަތައް ގެއްލުމާއި، ޒަޔަނިސްޓުންގެ ހިސާރައާ ދެކޮޅު ހެދުމާއި ޒުވާނުންގެ އުއްމީދާއި، ޒަޔަނިސްޓުންގެ އިސްތިއުމާރާއި ބްލޮކޭޑްގައި ހޭދަ ކުރަން ޖެހޭ ވޭންދެނިވި ދިރިއުޅުން ދުވަހުން ދުވަހަށް ޑޮކިއުމެންޓް ކޮށްދީފައި ވެއެވެ.

މި ފޮތް ވަނީ، ސަންޑޭ ޓައިމްސްގެ ބެސްޓްސެލަރ ލިސްޓުގައި 5 ވަނައަށް އަރާފައެވެ. އަދި ފަލަސްޠީނަށް ބޮޑު ތާއީދެއް އޮންނަ، އަޔަލޭންޑްގެ ޗާޓްތަކުގައި އެއްވަނަ ހޯދައިފައި ވެއެވެ.

ނޫސްވެރިޔާ، އަޙުމަދު އައްނާޢޫޤު މި ޕްރޮޖެކްޓްގެ މަސައްކަތުގައި އުޅުނު އިރު ޒަޔަނިސްޓު ޔަހޫދީން ވަނީ އޭނާގެ އާއިލާއިން 21 މެމްބަރަކު ޝަހީދު ކޮށްލާފައެވެ.

ބެއިލީއަށްވެސް މި ޕްރޮޖެކްޓު މުހިންމު ވެގެން ދިޔައީ، ޣައްޒާގައި 2008 ގައި އުޅެ، ޒަޔަނިސްޓުންގެ އަނިޔާވެރި އިސްތިއުމާރު ތަޖުރިބާ ކޮށްލަން އޭނާއަށް ފުރުސަތު ލިބުމުންނެވެ.

މި ފޮތަކީ، ޒަޔަނިސްޓުންގެ ނުފޫޒުގައި ޖެހިފައިވާ ހުޅަނގުގެ މީޑިއާއިން ޣައްޒާއާއި ހިފާފައިވާ ފަލަސްޠީނުގެ މީހުންނަކީ ހުޅަނގުގެ މީޑިއާއިން ނިއުސް ބުލެޓިންއެއްގެ ނަންބަރުތަކެއް ކަމަށް ހަދައި އެމީހުންގެ އިންސާނީ ވަންތަކަން ނަގާލަމުންދާތީ އެކަމާ ދެކޮޅަށް ނެރެޓިވްއެއް ގެނެސް ދިނުމުގެ މަގްސަދުގައި އެކުލަވާލާފައިވާ ފޮތެކެވެ.

އައްނާޢޫޤު ބުނާ ގޮތުގައި މިފޮތުގެ ވާހަކަތަކަކީ، ޒަޔަނިސްޓުންގެ އިސްތިޢުމާރު ކުރުމާއި، ނަސްލު ނައްތާލުމާ ދެކޮޅަށް މަދަނީ ދެކޮޅުވެރިކަމެއް ދެއްކުމުގެ މަސައްކަތެކެވެ. އައްނާޢޫޤުގެ ލެޕްޓޮޕްވެސް ބޮން އެޅުމުގެ ތެރޭގައި ހަލާކުވިއެވެ. އެކަމަކުވެސް އޭނާ ކުރިއަށް ދިޔައީއެވެ.

މި ވާހަތަކުން ޒުވާނުން ދައްކައި ދީފައި ވަނީ، އެމީހުންގެ ވަޒަނުގެ ރީތިކަމާއި ފަލަސްޠީނުގެ ސަގާފަތާއި އިންސާނީ ޝުޢޫރުތަކެވެ.

މި ފޮތަކީ ސިޔާސީ ވާޤިއާތަކެއް ކިޔައި ދިނުމަށް އެއްކޮށްފައިވާ ވާހަކަތަކެއް ނޫނެވެ. މިއީ އަނިޔާވެރި ހޮލޮކޯސްޓެއްގެ ތެރޭން އިންސާނުންތަކެއް، ދިރިއުޅުން ތަޖުރިބާ ކުރާ ގޮތުގެ ޑޮކިއުމެންޓެކެވެ.

ޔަހޫދީން އޮސްވިޗުގައި ނާޒީންގެ އަނިޔާތައް ތަޖުރިބާ ކުރި ދުވަސްތައް ގެނަސްދީފައިވާ 2017 ވަނަ އަހަރުގެ ފޮތް ކަމަށްވާ، ދަ ލައިބްރެރޭރިއަން އޮފް އޮސްވިޗަށް ވުރެން ފުރިހަމައަށް މި ފޮތުގައި ޒަޔަނިސްޓުންގެ އަނިޔާވެރިކަމާއި ދުނިޔޭގެ އެންމެ ބޮޑު ކޮންސެންޓްރޭޝަން ކޭމްޕްގެ ހާލަތު މައުސޫމު ޒުވާނުންތަކެއް މޮޅަށް ސިފަކޮށްދީފައި ވެއެވެ.

މިފޮތާ ބެހޭ ގޮތުން ލިޔުނު ބައެއް މީހުން ބުނަނީ ފަލަސްޠީނުގެ މައްސަލައަށް ދުނިޔޭގެ ސަމާލުކަން ހޯދުމަށް މިފޮތް ބެސްޓްސެލަރއަކަށް ހެދުން މުހިންމު ކަމށެވެ.

މިފޮތް ޝާއިއުކުރެވުނު އިރު، ޒަޔަނިސްޓުންގެ ޤަތުލުއާންމާއި ނަސްލު ނައްތާލުމުގައި ޣައްޒާއިން ބައި މިލިއަން އިންސާނުން ޝަހީދުކޮށްފައި ވެއެވެ. އެހެންވެ، އިންސާނިއްޔަތުކަން ގެއްލުވާލުމަށް ހުޅަނގުގެ މީޑިއާއާއި ޒަޔަނިސްޓުން ކުރަމުންދާ މަސައްކަތާ ދެކޮޅަށް ތަފްސީލީ ތަސްވީރެއް މިފޮތުގައި ހުށަހަޅައި ދެއެވެ.

މިފޮތް، ހަރޑްކަވަރާއި އީބުކް އަދި އޯޑިއޯ ބުކްގެ ސިފައިގައިވެސް ލިބެން އެބަހުއްޓެވެ. ޔޫކޭގައި މި ފޮތުގެ އަގަކީ 15 ޕައުންޑެވެ.

މިއީ، ޣައްޒާއާ ބެހޭ ގޮތުން މަޢުލޫމާތު ހޯދުމަށާއި ޣައްޒާ މީހުންގެ އަމިއްލަ ވާހަކަތައް އެނގުމަށާއި ކްލާސްރޫމްތަކުގައި ބަހުސް ކޮށްލުމަށް ނުވަތަ އިންސާނީ ހައްގުތަކާ ބެހޭ ގޮތުން ދިރާސާ ކުރުމަށް ނޫނީ މީޑިއާގެ ވަކި ފަރާތަކަށް ޖެހިފައިވާ ރިޕޯޓިންގެ މިސާލުތައް ދައްކައި ދިނުމަށާއި މެދުއިރުމަތީގެ ދިރާސާތަކަށް މުހިންމު ފޮތެއް ކަމަށް ފާހަގަ ކުރެވެއެވެ.

މި ފޮތުގެ ވާހަތަކާ ބެހޭ ވީޑިއޯ އިލެކްޓްރޯނިކް އިންތިފާޟާއިން ލިބޭނެއެވެ. އަދި ވެބްސައިޓް (wearenotnumbers.org) އިން ވެސް ފެންނަން ހުންނާނެއެވެ.

މިފޮތާއެކު މުސްޢަބް އަބޫ ޠާހާގެ ފޮރެސްޓް އޮފް ނޮއިޒްއާއި ޑރ. ޢަރީރުގެ އެހެން ފޮތްތައްވެސް މުޠާލިޢާ ކޮށްލުން މުހިންމެވެ.

 

ހިއްސާ ކުރައްވާ!