ފިޒިއޯ ކްލިނިކް-މޯލްޑިވްސްއަށް ތެރަޕީއަށް ދިޔަ ކުޑަކުއްޖަކަށް ޖިސްމާނީ އަނިޔާ ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވުމާ ގުޅިގެން، އެ ކަން ކުރި މުވައްޒަފާއި އެ ވަގުތު އެ ތަނުގައި ދެން ހުރި މުވައްޒަފު ވަޒީފައިން ވަކިކޮށްފައިވާ ކަމަށް ފިޒިއޯ ކްލިނިކުން މިއަދު ހާމަކޮށްފިއެވެ.
ސޯޝަލް މީޑިއާގައި ފެތުރިފައިވާ ވީޑިއޯގައި ފެންނަނީ ދެ މީހަކު ވެގެން ގަދަކަމުން ކުޑަކުއްޖަކު ހިފަހައްޓަން އުޅޭ މަންޒަރެވެ. މި މަންޒަރުގައި އަންހެނަކާއި އިތުރު މީހަކު އައިސް ކުޑަކުއްޖާ ހިފަހައްޓަން މަސައްކަތްކުރާ ތަން ފެނެއެވެ. މީގެ އިތުރުން، އެ ހާދިސާ ހިނގި ވަގުތު އެ ތަނުގައި ހުރި ކުޑަ މޭޒެއް ކައިރީގައި ފޮތެއް ހިފައިގެން އެހެން ކުޑަކުއްޖަކު އިން މަންޒަރު ވެސް ވީޑިއޯގައި ފެނެއެވެ.
ފިޒިއޯ ކްލިނިކުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މުވައްޒަފުންގެ ފަރާތުން ފެނިފައިވާ އަމަލުތަކަކީ ބަލައިގަނެވޭނެ ފަދަ އަމަލުތަކެއް ނޫން ކަމަށާއި، އެއީ ކްލިނިކުން ދަމަހައްޓާ މިންގަނޑުތަކާ މުޅިން ޚިލާފު އަމަލުތަކެއް ކަމަށެވެ. މި މައްސަލަ ކްލިނިކްގެ ސަމާލުކަމަށް އައުމާއެކު ވަގުތުން ފިޔަވަޅު އަޅައި، ކުއްޖާ ހިފަހައްޓާތަން ފެންނަ މުވައްޒަފާއި، އެ ވަގުތު އެ ތަނުގައި ހުރި ދެވަނަ މުވައްޒަފު މަގާމުން ވަކިކޮށްފައިވާ ކަމަށް ކްލިނިކުން ހާމަކޮށްފައިވެއެވެ.
އަދި މި މައްސަލަ ވަގުތުން ފުލުހުންނަށް ރިޕޯޓުކޮށް، ކަމާ ގުޅުންހުރި ސީސީޓީވީ ފުޓޭޖް ހަވާލުކުރި ކަމަށާއި، މައްސަލައިގެ ސީރިއަސްކަމަށް ބަލައި، ފިޒިއޯ ކްލިނިކްގެ އިމާރާތް ވަގުތީ ގޮތުން ބަންދުކުރަން ނިންމައިފައިވާ ކަމަށް ވެސް ކްލިނިކުން ބުނެފައިވެއެވެ.
ފުލުހުން މި މައްސަލައާ ގުޅޭ ގޮތުން ބުނެފައިވަނީ، ކްލިނިކަކަށް ތެރަޕީ ނަގަން ދިޔަ ކުޑަކުއްޖަކަށް ޖިސްމާނީ ގޮތުން އަނިޔާ ވެދާނެ ގޮތަކަށް އަމަލުކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް އިއްޔެ ހުށަހަޅާފައިވާތީ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ފިޒިއޯ ކްލިނިކުން އިތުރަށް ބުނެފައިވަނީ މި މައްސަލަ ވަރަށް ސީރިއަސްކޮށް ނަގައި، މައްސަލަ ބެލުމަށް ކަމާ ގުޅުންހުރި އިދާރާތަކަށް ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ދީފައެވެ.





