ބްރެޒިލްގެ ހުޅަނގު ސަރަހައްދުގައި ބޭއްވި މުބާރާތެއްގައި ބައިވެރިވުމަށްފަހު ބްރެޒިލްގެ ޒުވާން ބޮޑީބިލްޑަރަކު ކުއްލިއަކަށް މަރުވެއްޖެ އެވެ.
ބްރެޒިލްގެ މަޓޯ ގްރޮސޯ ޑޯ ސުލްގެ ކެމްޕޯ ގްރާންޑޭގައި ބޭއްވި ޕެންޓަނަލް މުބާރާތުގައި ބައިވެރިވުމަށްފަހު، އުމުރުން 30 އަހަރުގެ އެންޑަސަން ޑަސިލްވާ މޮރެއިރާ ކުއްލި ގޮތަކަށް ހިތްހުއްޓިގެން ވެއްޓުނެވެ. އޭނާއަށް ފަރުވާ ދޭން އުޅެގެންވެސް ސަލާމަތެއް ނުކުރެވުނެވެ.
ފުލުހުން ބުނީ މޮރެއިރާ ކާޑިއަކް އެރެސްޓެއްގައި މަރުވީ ކަމަށެވެ. ގަޑިއިރަކަށް ވުރެ ގިނައިރު ފަސްޓް އެއިޑް ފޯރުކޮށްދީގެން މެޑިކަލް ސްޓާފުން އޭނާގެ ފުރާނަ ސަލާމަތް ކުރަން މަސައްކަތް ކުރި ނަމަވެސް އެއްވެސް ނަތީޖާއެއް ނުފެނުނެވެ.
އެންޑަސަން މަރުވެގެން ވެއްޓުނީ އޭނާގެ ޕާފޯމަންސް ނިންމާލާފައި ސްޓޭޖުން ނިކުންނަން ތައްޔާރުވަމުން ދަނިކޮށް ޖަޖުންގެ ކުރިމައްޗަށެވެ.
އޭނާގެ ރައްޓެއްސަކު ރިޕޯޓްކުރި ގޮތުގައި ޝޯ ފެށުމުގެ ގަޑިތަކެއް ކުރިން އެންޑަސަން ވަނީ މެއަށް ތަދެއް އެރިކަމަށް ބުނެފައެވެ. ނަމަވެސް މުބާރާތުގައި ބައިވެރިވުމަށް އޭނާ ބޭނުންވީއެވެ.







