ހަނދާނުގައި ބެހެއްޓުމަށް ހަދާނީ ކިހިނެއް؟

ބައެއް ފަހަރަށް މީހުންގެ ނަންވެސް، ތަންތަނުގެ ނަންވެސް ހަނދާން ނެތޭ ނޫން ހެއްޔެވެ؟ އަދި އެއްޗެއް ކިޔުމަށްފަހު ހަނދާނުގައި ބަހައްޓަން ބޭނުންވާ މައުލޫމާތުވެސް ހަނދާނުން ކައްސައިލާ ނޫން ހެއްޔެވެ؟

އިބުނު ބަޠޫޠާ ރާއްޖެއަށް ޒިޔާރަތް ކުރީ ކޮން އަހަރެއްގައި ހެއްޔެވެ؟ ޚިޔާލަށް ގެންނާށެވެ.

ޖުއްބާ އެއްގައި ހުރި އަރަބި ސައްޔާހެއް ރާއްޖެއަށް އަންނަނީއެވެ. ރާނީ، ރެހެނދި ޚަދީޖާ އިބުނު ބަޠޫޠާއަށް މަރުހަބާ ވިދާޅުވާ އިރު، 13 ޒުވާން އަންހެން ކުދިންނާއި 44 ހަރު ކުލައިގެ މީހުން ދެ ސަފަކަށް އެތުރިލައިގެން ތިބެއެވެ. ޒުވާން އަންހެން ކުދިންގެ ސަފުގެ ލީޑަރު ހުންނަނީ 13 ލިޔެފައިވާ ބޯޑެއް ހިފައިގެންނެވެ. ހަރުމީހުގެ ސަފުގައި ތިބޭ މީހުންގެ ލީޑަރު ހުންނަނީ 44 ލިޔެފައިވާ ބޯޑެއް ހިފައިގެންނެވެ.

މި 1344 އަކީ އޭނާ ރާއްޖެއަށް އޭނާ ޒިޔާރަތް ކުރި އަހަރު ހަނދާނުގައި ބަހައްޓަން ސިކުނޑީގައި ކުރަހާލި މަންޒަރެވެ.

ހަނދާނުގައި ބަހައްޓަން އުނދަގޫ މައުލޫމާތެއް އެއީ އަދަދެއް ނަމަ، ނޫނީ ލިސްޓެއްގެ އެއްޗެއް ކަމުގައި ވަނީނަމަ، ޝައުގުވެރިވާ އިބާރާތްތަކަށް ބަދަލުކޮށްލާށެވެ. ނޫނީ ހިތަށް ގެންނަން ފަސޭހަ ތަސްވީރަކަށް ބަދަލުކޮށްލާށެވެ. ތާރީޚުތައްވެސް މަޖާ ލަފްޒުތަކަކަށް ބަދަލުކޮށްފިނަމަ ހަނދާނުގައި ބަހައްޓަން ފަސޭހަ ވާނެއެވެ.

ރާއްޖެ އިސްލާމްވި ތާރީޚު 1153 ހަނދާނުގައި ބަހައްޓަން ފަސޭހަކޮށްލުމަށް، ފުރަތަމަ ދެ އަދަދު 1 އެއީ ދެ މުންނާރު ކަމަށް ޚިޔާލަށް ގެންނާށެވެ. ދެމުންނާރު ދެމެދު ހަދާފައިވާ އިމާރަކީ މިސްކިތެކެވެ. މިސްކިތަށް ވަންނަ ދޮރު ހުންނަނީ 5 ގެ ސިފައިގައެވެ. އަދި ކުޑަ ދޮރު 3 ގެ ސިފައި ގައެވެ.

ހަމައެގޮތަށް، އެހެން މިސާލެކެވެ. ރާއްޖެއިން ޕޯޗުގީޒުން ފައްސާލި 1573 އަކީ އިނގިރޭސިން ހަނދާން ބަހައްޓާނަމަ، ފިފްޓީން ސެވެންޓީ ތްރީ، ތަރުކުފާނު ސެޓް އަސް ފްރީ، ފަދަ ޖުމުލައަކުން ހަނދާނުގައި ބެހެއްޓިދާނެ މައުލޫމާތުކޮޅެކެވެ.

ލިސްޓެއްގައި އަމުނާފައިވާ ތަކެތި ހަނދާން ކުރަން ޖެހޭނަމަ އޭގެ ފުރަތަމަ އަކުރު ހިމަނައިގެން ޖުމުލައެއް ހަދާލާށެވެ. އެޖުމުލައިގެ ކޮންމެ އަކުރަކީ ހަނދާނުގައި ބަހައްޓަން ބޭނުންވާ އެއްޗެއް ކަމުގައި ޚިޔާލަށް ގެންނާށެވެ.

ސިކުނޑީގައި ޗާޓެއް ކުރަހާލަމާ ހެއްޔެވެ؟

ބައެއް ފަހަރަށް، ބައްދަލުވުމެއްގައި ދެކެވޭ ވާހަކަތައް ހަނދާނަށް ނަގައިގަންނަން ބޭނުންވެއެވެ. އެކަން ކުރާނީ ކިހިނެއް ހެއްޔެވެ؟

ހަނދާން ބަހައްޓަން ބޭނުންވާ ކަމުގެ މައިގަނޑު މައުޟޫއު ހޯދާލާށެވެ. ޚިޔާލީ ގަހެއް ކުރަހާލާށެވެ. އެ ގަސް ފަޅާފައި ހުންނާނީ މައިގަނޑު މައުޟޫއު އިންނެވެ. އޭގައި ހިމެނޭ އެހެން ޚިޔާލުތައް އެކިން ކަފިވެ އޮފިތަކަށް ބެހިފައި ހުންނާނީ އެވެ. އެއިން ކޮންމެ އޮފިގަނޑެއް އެއީ އެ މައިގަނޑު މައުޟޫއުން ކަފިވާ އިތުރު ބައިތައް ކަމަށް ފާހަގަ ކޮށްލާށެވެ.

މި ޚިޔާލީ ގަސް، ކަރުދާސް ގަނޑެއްގައި ފެންނާނެހެން ކުރަހާލުމުން އެ މައުލޫމާތު ތަޞައްވުރުކޮށް ތަރުތީބު ކޮށްލަން ފަސޭހަވާނެއެވެ. މިއީ ހަނދާނުގައި މައުލޫމާތު ބަހައްޓަން ފަސޭހަ ގޮތްތަކެކެވެ. މިނޫން އެހެން ގޮތްތައްވެސް ހުންނާނެއެވެ.

ހިއްސާ ކުރައްވާ!