އަދި އެއުރެން ބުނެތެވެ. ތިޔަބައިމީހުންނީ، ތެދުބުނާ ބަޔަކު ކަމުގައިވާނަމަ، ތިޔަ (ބުނާ ޢަޛާބުގެ) ވަޢުދު އަންނާނީ ކޮންއިރަކުން ހެއްޔެވެ؟
"وَيَقُولُونَ مَتَىٰ هَـٰذَا ٱلْوَعْدُ إِن كُنتُمْ صَٰدِقِينَ"
ކީރިތި ޤުރްއާނުގައި މި އާޔަތް 6 ސޫރަތެއްގައި ތަކުރާރުވެފައިވެއެވެ. އެއީ ޔޫނުސް، އަލްއަންބިޔާ، އައްނަމްލު، ސަބައު، ޔާސީން އަދި އަލްމުލްކު ސޫރަތްތަކެވެ. މި ހުރިހާ ސޫރަތެއްގައިވެސް މި އާޔަތުގެ ބަސްފުޅު ވަނީ އެއްގޮތަކަށެވެ. އެއީ:
|
|
ކާފަރުން މިހެން ކިޔަމުން ދެއެވެ. ނަބިއްޔާ ﷺ އާއި މުއުމިނުންނާ ސުވާލުކުރަމުން އެ ކާފަރުން ބުނަނީ "ތިޔަބައިމީހުންނީ، ތެދުބުނާ ބަޔަކު ކަމުގައިވާނަމަ، ތިޔަ (ބުނާ ޢަޛާބުގެ) ވަޢުދު އަންނާނީ ކޮންއިރަކުން ހެއްޔެވެ؟" މިހެންނެވެ.
މިއީ ފުރައްސާރަ ކުރުމާއި، މަލާމާތާއި އިންކާރުގެ ރާގެއްގައި އެކާފަރުން ކުރާ ސުވާލެކެވެ. ޙިސާބު ބެއްލެވުމުގެ ދުވަހެއް އަންނާނެކަމަކަށް އެމީހުންނަށް ޤަބޫލެއް ނުކުރެވެއެވެ.
މި އާޔަތް ތަކުރާރުވެފައިވަނީ ކީއްވެގެންހެއްޔެވެ؟
ކީރިތި ޤުރްއާނުގައި ވާހަކައެއް ތަކުރާރުވުމުގައި މަޤްޞަދެއް ވެއެވެ. ﷲ މި އާޔަތް، އެކި ސޫރަތްތަކުގައި ތަކުރާރު ކުރައްވާފައިވަނީ، ކާފަރުންގެ މި ޝުބުހާ ނުވަތަ ސުވާލު، އެކި ތަންތަނާއި އެކި ޒަމާންތަކުގައި ކާފަރުން ގިނައިން ކުރަމުން ދިޔަކަން ދޭހަކޮށް ދެއްވުމަށެވެ. އަދި މިއީ އަޅުގަނޑުމެންގެ މިޒަމާނަށްވެސް ދެއްވާ އިންޒާރެކެވެ. އެއީ ޙިސާބު ބެއްލެވުން އިންކާރުކުރާ، ބޮޑާ އިންސާނީ ނަފްސު، ތާރީޚުގެ ހުރިހައި ޒަމާނެއްގައިވެސް ތަކުރާރުވާނެތީއެވެ.
މި ތަކުރާރުވުމުން ﷲ އަޅުތަކުންނަށް އުނގަންނައިދެއްވަން ބޭނުންފުޅުވަނީ ކޮންކަމެއްހެއްޔެވެ؟
ﷲގެ ވަޢީދާއި އަޛާބަށް އިންކާރުކުރުމަކީ އައު ކަމެއް ނޫނެވެ: ﷲ ގެ ވަޢުދުފުޅަށް މަލާމާތްކުރުން ވަނީ އިހު ދިޔަ، ގިނަ ޤައުމުތަކުން ވެސް ކޮށްފައެވެ. މިއީ ހަމައެކަނި ނަބިއްޔާ މުޙައްމަދު ﷺ ގެ މި ޒަމާނުގައި ހިނގާ ކަމެއް ނޫނެވެ.
ﷲ ގެ ވަޢުދުފުޅަކީ ޙައްޤު ތެދުފުޅެވެ!
މީސްތަކުންގެ ނަޒަރުގައި ލަސްވިކަމުގައި ވިޔަސް، ޤިޔާމަތް ދުވަސް އަންނާނެކަން ކަށަވަރެވެ.
އިލާހީ ވަޢުދުފުޅާމެދު ޝައްކުކުރުމަކީ ކާފަރުންގެ ސިފައެކެވެ.
މުއުމިނު މީހާ ﷲ ގެ ވަޢުދުފުޅާމެދު ޝައްކެއް ނުކުރާނެއެވެ. އޭނާ ކެތްތެރިކަމާއި ޔަޤީންކަމާއެކު އިންތިޒާރު ކުރާނެއެވެ.
ޚުލާޞާއަކީ، ﷲ މި އާޔަތް ތަކުރާރުކުރައްވަނީ ދޮގުވެރިންގެ ޙާލު ހާމަކުރެއްވުމަށެވެ. އަދި މުއުމިނުންގެ ހިތްތައް ސާބިތުކުރެއްވުމަށެވެ. އިންކާރުކުރާ ކާފަރުވި މީހުން މަލާމާތްކުރިކަމުގައިވިޔަސް އެއިލާހުގެ ވަޢުދުފުޅު އަންނާނެކަން ޔަޤީންކޮށްދެއްވުމަށެވެ.
"ކޮން އިރަކުން ހެއްޔެވެ؟" މުއުމިނު މީހާ ނައަހާނެއެވެ.
އޭގެ ބަދަލުގައި އޭނާ ބުނާނީ "އޭ ﷲ އެވެ! އަޅާއީ އިބަ އިހާލާ ބައްދަލު ކުރުމަށް ތައްޔާރުވެފައިވާ މީހަކު ކަމުގައި ލައްވާނދޭވެ!" މިފަދައިންނެވެ.







