ލިވަރޕޫލްގެ މިޞްރުގެ ތަރި މުޙައްމަދު ޞަލާޙް ވަނީ ލިވަރޕޫލާއެކު އޭނާގެ އެއްބަސްވުން އައުކުރުމުގެ ކުރިން ސަޢޫދީ ޕްރޮފެޝަނަލް ލީގުގެ އޮފިޝަލުންނާއެކު މަޝްވަރާތަކެއް ކުރި ކަމަށް ބުނެފައެވެ. އިނގިރޭސި ފުޓްބޯޅަ ނޫސްވެރިންގެ އެސޯސިއޭޝަނުން ދޭ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ތިންވަނަ ފަހަރަށް ހޯދުމާ ގުޅިގެން ދިން އިންޓަވިއުއެއްގައި ޞަލާޙް މިވާހަކަ ހާމަކުރިއެވެ.
ޞަލާޙް ބުނި ގޮތުގައި ސަޢޫދީ ލީގުގެ އޮފިޝަލުންނާއެކު އޭނާގެ ގުޅުން ވަރަށް ރަނގަޅެވެ. އަދި އެފަރާތްތަކާއެކު ގިނަ މަޝްވަރާތަކެއް ކުރި ކަމަށާއި، އެ މަޝްވަރާތަކަކީ އޭނާ ސަޢޫދީ ލީގަށް ގެންދިއުމަށް ކުރެވުނު ސީރިއަސް މަޝްވަރާތަކެއް ކަމަށް ޞަލާޙް ބުންޏެވެ. ނަމަވެސް ލިވަރޕޫލާއެކު އެއްބަސްވުން އައުކުރުމާ ގުޅިގެން އެ ފުރުޞަތު ގެއްލުނު ކަމަށް އޭނާ ހާމަކުރިއެވެ.
މީގެ އިތުރުން، ލިވަރޕޫލްގެ މިހާރުގެ ކޯޗް އާނެ ސްލޯޓާއި ކުރީގެ ކޯޗް ޔޯހާން ކްލޮޕްގެ ކޯޗިންގ ސްޓައިލްގެ ތަފާތުތަކާ ބެހޭ ގޮތުންވެސް ޞަލާޙް ވާހަކަދެއްކިއެވެ. އޭނާ ބުނި ގޮތުގައި ސްލޯޓާއެކު އޭނާއަށް ވާހަކަދެއްކުމަށް ގިނަ ފުރުޞަތުތަކެއް ލިބެއެވެ. އަދި ސްލޯޓް އޭނާގެ ކުޅުން އިތުރަށް ރަނގަޅު ކުރުމަށް އެހީތެރިވެދޭ ކަމަށް ޞަލާޙް ބުންޏެވެ.
ޞަލާޙް ބުނި ގޮތުގައި ކްލޮޕްގެ ދައުރުގައި ލިވަރޕޫލަށް ގިނަ ކާމިޔާބީތަކެއް ލިބުނެވެ. ނަމަވެސް ފުޓްބޯޅައިގައި ތަފާތުތައް އުފެދުމަކީ އާންމު ކަމެއް ކަމަށް އޭނާ ބުންޏެވެ.
މި އިންޓަވިއުގައި ޞަލާޙް ވަނީ ބާސެލޯނާ އަދި ރިއަލް މެޑްރިޑްގެ ޝައުގުވެރިކަމާ ބެހޭ ގޮތުންވެސް ވާހަކަދައްކާފައެވެ. އޭނާ ބުނި ގޮތުގައި މި ދެ ކްލަބަކުން އޭނާއަށް އެއްވެސް އޮފަރެއް ހުށަހަޅާފައެއް ނުވެއެވެ.







