އެންޗެލޮޓީ ބްރެޒިލްގެ ޤައުމީ ޓީމުގެ ކޯޗުކަމަށް ރިއޯ ޑި ޖެނެއިރޯއަށް

އިޓަލީގެ މަޝްހޫރު ފުޓްބޯޅަ ކޯޗު ކާލޯ އެންޗެލޮޓީ ބްރެޒިލްގެ ޤައުމީ ޓީމުގެ އައު ކޯޗުގެ ގޮތުގައި މަސައްކަތް ފެށުމަށްޓަކައި ރޭ ރިއޯ ޑި ޖެނެއިރޯއަށް ގޮއްސިއެވެ. 65 އަހަރުގެ އެންޗެލޮޓީ 2029 ވަނަ އަހަރާ ހަމައަށް ބްރެޒިލްގެ ޤައުމީ ޓީމު ތަމްސީލުކުރާނެއެވެ.

ބްރެޒިލްގެ "ގްލޯބޯ" ނެޓްވޯކުން ރިޕޯޓުކުރި ގޮތުގައި އެންޗެލޮޓީ ބްރެޒިލަށް ދިޔައީ އޭނާގެ ކުރީގެ ޓީމު ރިއަލް މެޑްރިޑާއެކު ކުޅުނު އެންމެ ފަހު މެޗުގެ އެއް ދުވަސް ފަހުންނެވެ. އެންޗެލޮޓީގެ ދަތުރު ދުނިޔޭގެ އެންމެ ގިނައިން ބަލާފައިވާ ވައިގެ ދަތުރުކަމަށް ވެފައިވާއިރު، 15،000 އަށްވުރެ ގިނަ މީހުން އޭނާ ދަތުރުކުރި މަތިންދާބޯޓު ޖެއްސުމާ ހަމައަށް ބަލާފައިވެއެވެ.

އެންޗެލޮޓީ ފޭބުމާއެކު ބްރެޒިލްގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ޤައުމީ ޓީމުތަކުގެ ޑިރެކްޓަރު ރޮޑްރިގޯ ކައިޓާނޯ އަދި އެސޯސިއޭޝަންގެ އައު ރައީސް ސާމިރު ޝައުދުއާ ބައްދަލުކުރިއެވެ. އޭގެ ފަހުން އެންޗެލޮޓީ އާއިލާއާއެކު ރިއޯ ޑި ޖެނެއިރޯގެ ހުޅަނގު ސަރަހައްދުގައިވާ ބާރާ ދަ ޓިޖޫކާގައި ހުންނަ ހޮޓަލަކަށް ދިޔައެވެ. އެތަނުގައި ގިނަ އަދަދެއްގެ ސަޕޯޓަރުން ހފާޓާސް ގޮއްވައި ހަވާއަރުވައި ކުރު މިއުޒިކް ޝޯތަކާއެކު އެންޗެލޮޓީއަށް މަރުހަބާ ކިޔެވެ.

އެންޗެލޮޓީ ދިޔައީ ރިއަލް މެޑްރިޑުގައި 4 އަހަރު ދުވަހު އޭނާއާއެކު މަސައްކަތްކުރި ކޯޗިންގ ޓީމުގެ ބޮޑު ބައެއް ގޮވައިގެންނެވެ. މީގެ ތެރޭގައި އޭނާގެ ދަރިފުޅު ޑޭވިޑީވެސް ހިމެނެއެވެ.

ހޯމަ ދުވަހު އެންޗެލޮޓީ ބްރެޒިލް ޤައުމީ ޓީމުގެ ފުރަތަމަ ސްކޮޑު އިއުލާނުކުރާނެއެވެ. އޭނާ ފުރަތަމަ މެޗު ކުޅޭނީ 2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ދެކުނު އެމެރިކާގެ ކޮލިފައިންގ މެޗެއްގައި 5 ޖޫން 2025 ގައި އިކުއަޑޯއާ ދެކޮޅަށެވެ. އޭގެ 5 ދުވަސް ފަހުން ބްރެޒިލް ޕެރަގުއޭއާ ދެކޮޅަށް ކުޅޭނެއެވެ.

ADV

ހިއްސާ ކުރައްވާ!