ސައޫދީ ލީގުގެ ޗެމްޕިއަންކަން އަލްއިއްތިހާދަށް

ސައޫދީ ޕްރޯ ލީގުގެ މި މޫސުމުގެ ޗެމްޕިއަންކަން އަލްއިއްތިހާދު ކްލަބުން ހޯދައިފިއެވެ. މި ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން ބޭއްވުނު އެންމެ ފަހުގެ މެޗުގައި އަލްއިއްތިހާދުން ވަނީ ދަމާކް ކްލަބަށް 1-0 އިން ކާމިޔާބު ހޯދާފައެވެ.

ޖިއްދާގެ ކިންގް އަބްދުﷲ ސްޕޯޓްސް ސިޓީ ސްޓޭޑިއަމްގައި ކުޅުނު މި މެޗަށް 60،000 އަށް ވުރެ ގިނަ ކުޅިވަރަށް ލޯބިކުރާ މީހުން ވަނީ ޙާޟިރުވެފައެވެ. މެޗު ފެށުމުގެ ގަޑިއިރުތަކެއް ކުރިން ސްޓޭޑިއަމްގެ ބޭރުގައި ގިނަ ބަޔަކު ވަނީ ކިޔު ޖައްސާފައެވެ.

މެޗުގެ 72 ވަނަ މިނެޓުގައި ޑަޗް ވިންގަރ ސްޓީވަން ބަރގްވިޖްން ވަނީ މެޗުގެ ހަމައެކަނި ލަނޑު ޖަހާފައެވެ. މި ކާމިޔާބީއާއެކު އަލްއިއްތިހާދުގެ ޕޮއިންޓް 83 އަށް އަރާފައިވާއިރު، ދެވަނައަށް އޮތް ޓީމަށްވުރެ 10 ޕޮއިންޓް ކުރިއަށް އަރައިފައިވެއެވެ. ދަމާކް ކްލަބު ވަނީ 35 ޕޮއިންޓާއެކު 14 ވަނައިގައެވެ.

މެޗު ނިމުމާއެކު ސައޫދީ ކުޅިވަރު ވަޒީރު ޕްރިންސް އަބްދުލްއަޒީޒް ބިން ތުރުކީ އަލްފައިސަލް ވަނީ ޗެމްޕިއަންޝިޕް ޓްރޮފީ ޓީމުގެ ކެޕްޓަން ކަރީމް ބެންޒިމާއާ ޙަވާލުކޮށްފައެވެ. އަދި ކްލަބުގެ ލެޖެންޑް އަޙްމަދު ޖަމީލް ވަނީ ޓްރޮފީ ދަނޑަށް ގެނެސްފައެވެ.

މި ކާމިޔާބީއާއެކު އަލްއިއްތިހާދުން ވަނީ އެ ކްލަބުގެ ތާރީޚުގައި 14 ވަނަ ފަހަރަށް ލީގު ޗެމްޕިއަންކަން ހޯދާފައެވެ. އަދި ސައޫދީ ޕްރޯ ލީގުގެ ތާރީޚުގައި 3 ވަނަ ފަހަރަށް މި މަޤާމު ހޯދާފައެވެ.

ޓްރޮފީ ހަވާލުކުރުމުގެ ރަސްމިއްޔާތަށްފަހު މަޝްހޫރު ލަވަކިޔުންތެރިޔާ އަޙްމަދު ސައުދު ވަނީ ދަނޑުގައި ކޮންސަރޓެއް ދީފައެވެ. އަދި ކްލަބުގެ ފަރާތުން ވަނީ ބައެއް ސަޕޯޓަރުންނަށް ޓްރޮފީއާއެކު ފޮޓޯ ނެގުމުގެ ފުރުޞަތު ދީފައެވެ.

ކްލަބުގެ ރައީސް ލުއައްޔު މަޝާބީ ވިދާޅުވެފައިވަނީ މި ކާމިޔާބީއަކީ އޭނާއަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި މިލިއަނުން ގުނާލެވޭ ފޭނުންނަށް އުފާވެރިކަން ގެނެސްދިނުމަކީ ފަޚުރުވެރިކަމާއެކު އަދާކުރާ ޒިންމާއެއް ކަމަށް ވިދާޅުވިއެވެ.

ހިއްސާ ކުރައްވާ!