ރޮނާލްޑޯގެ އައްނަސްރުގެ މުސްތަޤުބަލާމެދު ސުވާލު އުފެދިއްޖެ

ފުޓްބޯޅަ ދުނިޔޭގެ ސުޕަރ ސްޓާރު ކްރިސްޓިއާނޯ ރޮނާލްޑޯ އޭނާގެ ކުލަބު އައްނަސްރާ އެކު ކުރި މަގާ މެދު ސުވާލު އުފެދޭ ގޮތަށް މެސެޖެއް ދީފިއެވެ. މިއަހަރުގެ ސީޒަން ނިމުމާއެކު ރޮނާލްޑޯ އޭނާގެ ސޯޝަލް މީޑިއާގައި ޕޯސްޓްކުރި މެސެޖުގައި ވަނީ "މި ޗެޕްޓަރު ނިމުނީ! ވާހަކަ؟ އަދިވެސް ލިޔެވެމުން އެބަދޭ. ހުރިހާ އެންމެންނަށް ޝުކުރުވެރިވަން" މިހެންނެވެ.

މި މެސެޖުން ގިނަ ބަޔަކު ދޭހަކުރަނީ ރޮނާލްޑޯ އައްނަސްރާ ވަކިވެދާނެ ކަމަށެވެ. ނަމަވެސް މިކަން ސާފުކޮށް އޭނާ ބުނެފައެއް ނުވެއެވެ. 2023 ވަނަ އަހަރުގެ ޖެނުއަރީ މަހު އައްނަސްރާ ގުޅުނު ފަހުން ރޮނާލްޑޯ ވަނީ ދެ ފުލް ސީޒަން ކުޅެފައެވެ. މި މުއްދަތުގައި އޭނާ ވަނީ ގޯލްޑަން ބޫޓް ދެފަހަރު ހޯދައި، އަމިއްލަ ފެންވަރުގައި ރަނގަޅު ކުޅުމެއް ދައްކާފައެވެ.

ނަމަވެސް ޓީމުގެ ގޮތުން އައްނަސްރަށް މިދިޔަ ދެ ސީޒަނުގައި އެއްވެސް މުހިންމު މުބާރާތެއް ކާމިޔާބެއް ނުކުރެވުނެވެ. ސަޢޫދީ ޕްރޯ ލީގާއި، ކިންގްސް ކަޕާއި، އޭއެފްސީ ޗެމްޕިއަންސް ލީގުގައި އައްނަސްރު ވަނީ ނާކާމިޔާބުވެފައެވެ. މިއީ ކުރިން ރިއަލް މެޑްރިޑް، މެންޗެސްޓަރ ޔުނައިޓެޑް އަދި ޔުވެންޓަސްއާއެކު ގިނަ ޓްރޮފީތައް ހޯދާފައިވާ ރޮނާލްޑޯއަށް ހިތްހަމަޖެހޭ ކަމަކަށް ނުވާނެއެވެ.

މިހާރު އުފެދޭ ސުވާލަކީ ރޮނާލްޑޯ ނިންމާލަނީ ހަމައެކަނި މި ސީޒަންތޯ ނުވަތަ އައްނަސްރާއެކު އޮތް ގުޅުންތޯއެވެ. އަދި އޭނާގެ ކުރިމަގު އޮތީ ކޮން ދިމާލަކަށްތޯއެވެ. 40 އަހަރުގެ އުމުރުގައިވެސް ރޮނާލްޑޯ ދައްކަމުންދާ ފެންވަރުގެ ކުޅުމަށް ބަލާއިރު، އޭނާގެ ކެރިއަރު އަދި ނިމުނީކަމަކަށް ނުބެލެވެއެވެ. ނަމަވެސް އައްނަސްރުގެ މުސްތަޤުބަލާމެދު އޭނާ ދެކޭގޮތް ސާފުވާން އަދި ވަގުތު ބޭނުންވާނެއެވެ.

ހިއްސާ ކުރައްވާ!