މިސުރުގެ ޕްރިމިއަރ ލީގުގެ އެންމެ ފަހު މެޗުގައި ފާކޯއާ ދެކޮޅަށް ކުޅުނު މެޗުން 6-0 އިން މޮޅުވެ، އަލްއަހުލީ ވަނީ ވިދިވިދިގެން ތިން ވަނަ ފަހަރަށް އަދި ޖުމްލަ 45 ވަނަ ފަހަރަށް މިސުރުގެ ޕްރިމިއަރ ލީގު ކާމިޔާބުކޮށްފައެވެ.
ކައިރޯ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ފަލަސްތީނުގެ ކުޅުންތެރިޔާ ވިސާމް އަބޫ އަލީ ވަނީ 4 ލަނޑު ޖަހާފައެވެ. އޭނާ މި ލަނޑުތައް ޖެހީ 10 ވަނަ، 33 ވަނަ، 62 ވަނަ އަދި 65 ވަނަ މިނެޓުގައެވެ. މީގެ އިތުރުން ހަސަން އައްޝައްހާތު 75 ވަނަ މިނެޓުގައި އަދި އިމާމް އާޝޫރު އިންޖަރީ ޓައިމްގައި ލަނޑު ޖަހާފައިވެއެވެ.
މި މެޗުގައި ފާކޯގެ ގޯލްކީޕަރު މުހައްމަދު ސައީދު ޝީކާ 53 ވަނަ މިނެޓުގައި ރަތް ކާޑު ލިބުމާ ގުޅިގެން 10 ކުޅުންތެރިންނާއެކު މެޗު ނިންމަން ޖެހުނެވެ. ޝީކާއަށް ރަތް ކާޑު ދިނީ ޕެނަލްޓީ އޭރިއާއިން ބޭރުގައި އިމާމް އާޝޫރަށް ފައުލް ކުރުމުންނެވެ.
މި މޮޅުވުމާއެކު އަލް އަހުލީގެ ޕޮއިންޓް 58 އަށް އަރާފައިވާއިރު، ދެވަނައިގައިވާ ޕިރަމިޑްސްއަށް ވަނީ ސެރަމިކާ ކްލިއޯޕާޓްރާއާ ދެކޮޅަށް ކުޅުނު މެޗުން 5-1 އިން މޮޅުވެފައެވެ. ފާކޯ މި ސީޒަން ނިންމާލީ 32 ޕޮއިންޓާއެކު 7 ވަނައިގައެވެ.
ނަމަވެސް، ޕިރަމިޑްސްއިން ވަނީ ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ކާސް) ގައި މައްސަލަ އުފުލާފައެވެ. މި މައްސަލައަކީ އަލްއަހުލީއާއި ޒަމާލިކް ދެމެދު ކުޅެން ހަމަޖެހި، އަލްއަހުލީ ނުކުމެފައިނުވާ މެޗާ ގުޅޭ މައްސަލައެކެވެ. މި މައްސަލައިގެ ނިހާއީ ނިންމުމަކާ ހަމައަށް އާދެވެންދެން ލީގުގެ ޗެމްޕިއަންކަން ވަގުތީގޮތުން ހިފެހެއްޓުމަށް އެދި ހުށަހެޅި މައްސަލަ ކާސްއިން ވަނީ ބަލައިނުގަނެ ބޭރުކޮށްފައެވެ.






