އެމެޒޯން ކޯރުގެ ތުންފަތް މަތީގައި އޮންނަ 1.3 މިލިއަން މީހުން ދިރިއުޅޭ ބްރެޒިލްގެ ބެލެމް ސިޓީ މިހާރު ދަނީ 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ކޮޕް 30 އަށް ތައްޔާރުވުމުގެ ގޮތުން 1 ބިލިއަން ޑޮލަރުގެ ބޮޑު ބަދަލުތަކެއް ގެންނަމުންނެވެ. މިއީ އެމެޒޯން ސަރަހައްދުގައި ބޭއްވޭ މޫސުމީ ބަދަލުތަކާ ގުޅޭ ފުރަތަމަ ބައްދަލުވުމެވެ.
ބްރެޒިލްގެ ރައީސް ލޫލާ މި ސިޓީ ހޮއްވެވީ އެމެޒޯންގެ ތިމާވެށީގެ މުހިންމުކަމާއި އެ ސަރަހައްދުގެ ފަގީރުކަން ދުނިނޔެއަށް ފާހަގަކޮށް ދެއްކެވުމަށެވެ. ކުރީގެ ވައިގެ ބަނދަރު އޮތް ސަރަހައްދުގައި "ޕާކް ޑަ ސިޑަޑޭ" ގެ ނަމުގައި ޕާކެއް ހެދުމާއެކު، މިހާރު މި ގެނެވޭ ބަދަލަކީ، އިހު ޒަމާނުގެ ރަބަރު އުފެއްދި އިންޑަސްޓްރީން މުއްސަދިކަން ލިބުނު ދުވަސްވަރަށްފަހު އެ ހިސާބުން ފެނިގެންދާ އެންމެ ބޮޑު ތަރައްގީގެ މަޝްރޫއެވެ.

ފަތުރުވެރިކަމުގެ ދާއިރާ މާބޮޑަށް ތަރައްގީވެފައި ނުވާ މި ސިޓީއަށް ބައި ލައްކަ މެހުމާނުން މި ކޮންފަރެންސަށް ޒިޔާރަތް ކުރާނެ ކަމަށް ލަފާ ކުރެވެއެވެ.
އެ މެހުމާނުންނަށް ކޮޓަރި ހޯދުމަށް ދިމާވާ ގޮންޖެހުންތައް ހައްލު ކުރުމަށް ކޮންޓެއިނަރުތައް ޖަހައި އެ ކޮންޓެއިނަރުތައް ހޮޓަލު ކޮޓަރިތަކަށް ބަދަލުކުރުމާއި، ކްރޫޒް އުޅަނދުތައް ގެނައުމާއި، ސްކޫލްތަކާއި ސިފައިންގެ މަރުކަޒުތައް ހޮޓާތަކަށް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ވެސް ދަނީ ކުރެވެމުންނެވެ. ނަމަވެސް، މި ސިޓީގެ 80 އިންސައްތަ ރައްޔިތުންނަށް، ނަރުދަމާގެ ޚިދުމަތެއް ނުލިބެއެވެ.
މި ސިޓީ ކޮންފަރެންސަށް ތައްޔާރު ކުރަމުންދާއިރު ބައެއް ފާޑުކިޔުންވެސް އަމާޒު ވެއެވެ. ހިމާޔަތް ކުރެވިފައިވާ ސަރަހައްދެއްގެ ތެރޭން ހައިވޭއެއް ހެދުމަށް ކުރެވެމުންދާ މަސައްކަތަކީ ފާޑު ކިޔޭ ކަމެކެވެ.
މި ކޮންފަރެންސަށް އައުޓެއިރޯ ޖަޒީރާގައި އަލަށް އެޅޭ ކްރޫޒް ޓާމިނަލްއަށް ބޭރުގެ އިންވެސްޓަރުންގެ ޝައުގުވެރިކަން ވަނީ އިތުރުވެފައެވެ. ނަމަވެސް ދޭސީ ގްރޫޕްތަކުން ވަނީ އަމިއްލަ ބޯހިޔާވަހިކަމަށް އެދި ގޮވާލާފައެވެ.
ކޮޕް30 ކޮންފަރެންސް ބޭއްވުމަށް ލޮޖިސްޓިކަލް ކަންބޮޑުވުންތައް ހުރި ނަމަވެސް، ބެލެމްގެ އޮފިޝަލުން ބުނާ ގޮތުގައި ބޮޑެތި ފެސްޓިވަލްތައް ބޭއްވުމުގެ ތަޖުރިބާ އެ ސިޓީއަށް ލިބިފައިވާތީ ކޮޕް 30 އަށް ތައްޔާރުވުމަކީ މައްސަލައެއް ނޫނެވެ.
އެހެންނަމަވެސް ސިޓީގެ ފަގީރުކަމާއި ކުށްކުރުމުގެ މައްސަލަތަކަށް މީޑިއާއިން އަލިއަޅުވާލާތީ ގިނަ ރައްޔިތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެންމެ ފަހުން ކޮޕް ކޮންފަރެންސް ބާއްވާފައި ވަނީ މިދިޔަ ނޮވެމްބަރު 11ން 22ށް އަޒަރުބައިޖާންގެ ބާކޫގައެވެ.






