ޗެމްޕިއަންސް ލީގު ފައިނަލުގައި ޕީއެސްޖީ، އިންޓަރ މިލާން ބޮޑު ސްކޯއަކުން ބަލިކޮށްލައިފި

ޖަރުމަނުވިލާތުގެ މިއުނިކް ސިޓީގެ އޭލިއަންޒް އެރީނާގައި ބޭއްވި ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗުގައި ފްރާންސްގެ ޕެރިސް ސެއިންޓް-ޖަރމެއިން (ޕީއެސްޖީ) އިން އިޓަލީގެ އިންޓަރ މިލާން 5-0 އިން ބަލިކޮށްލައިފިއެވެ. މިއީ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗެއްގައި މިހާތަނަށް ރެކޯޑު ކުރެވިފައިވާ އެންމެ ތަފާތުކަން ބޮޑު ކޮށް ކާމިޔާބު ކުރި މެޗެވެ.

މި މެޗުގައި ޕީއެސްޖީ އަށް ފުރަތަމަ ގޯލު ކާމިޔާބުކޮށްދިނީ މެޗުގެ 12 ވަނަ މިނެޓުގައި އަޝްރަފް ހަކީމީ އެވެ. އޭގެ ފަހުން 20 ވަނަ މިނެޓުގައި ޑެޒިރޭ ނޮންކާ-މަހޯ ޑޮއުއޭ ދެވަނަ ގޯލު ޖެހިއެވެ. ދެވަނަ ހާފުގައި ޑޮއުއޭ އިތުރު ގޯލެއް ޖެހުމާއެކު، 73 ވަނަ މިނެޓުގައި ކްވިޗާ ކްވަރަޓްސްކެލިއާ އަދި އެއަށްފަހު، 86 ވަނަ މިނެޓުގައި ސެނީ މަޔުލޫ ވެސް ގޯލު ސްކޯކުރިއެވެ.

މި ކާމިޔާބީއާ އެކު ޕީއެސްޖީ އަށް ފުރަތަމަ ފަހަރަށް ޔޫއެފާ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން ހޯދުނިއެވެ. މި މުބާރާތުގެ ސެމީ ފައިނަލްގައި ޕީއެސްޖީ އިން ވަނީ އިނގިރޭސިވިލާތުގެ އާސެނަލް ބަލިކޮށްފައެވެ. އަދި އިންޓަރ މިލާން ވަނީ ސްޕެއިންގެ ބާސެލޯނާ ބަލިކޮށް ފައިނަލަށް ގޮސްފައެވެ.

މެޗަށްފަހު ޕީއެސްޖީގެ ކެޕްޓަން މާކީނިއޯސް ވަނީ މިއީ އޭނާގެ ހަޔާތުގެ އެންމެ އުފާވެރި ދުވަސް ކަމަށް ބުނެފައެވެ. އަދި މި ކާމިޔާބީ ކުލަބުގެ ކުރީގެ ކުޅުންތެރިންނަށާއި ސަޕޯޓަރުންނަށް ހަދިޔާ ކުރި ކަމަށް ވެސް ބުންޏެވެ. މީގެ އިތުރުން ޑިފެންޑަރު އަޝްރަފް ހަކީމީ ވަނީ ކޯޗު ލުއި އެންރީކޭ އަށް ޝުކުރު އަދާކޮށް، އޭނާ ޕީއެސްޖީގެ ކުޅުމުގެ ފަލްސަފާ އަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާ ކަމަށް ބުނެފައެވެ.

މި ކާމިޔާބީއާއެކު ޕީއެސްޖީ އަށް ވަނީ މި ސީޒަންގައި ފްރާންސްގެ ލީގު 1 އާއި ޔޫއެފާ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން ހޯދިފައެވެ. އަދި އިންޓަރ މިލާން ވަނީ އިޓަލީގެ ސީރީ އޭ ގައި ދެވަނަ އަށް ދަތުރުކޮށްފައެވެ.

ހިއްސާ ކުރައްވާ!