ޕެރިސް ސެންޓް ޖަރމޭން ކްލަބުގެ ކާމިޔާބީ ފާހަގަކުރުމުގައި ހިނގި އަނިޔާވެރި ހާދިސާތަކުގައި ދެ މީހަކު މަރުވެއްޖެ

ޔޫރަޕިއަން ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ޕެރިސް ސެއިންޓް ޖަރމޭން ކްލަބު ކާމިޔާބު ހޯދުމާ ގުޅިގެން ފްރާންސްގެ އެކި ސަރަހައްދުތަކުގައި ހިނގި އަނިޔާވެރި ހާދިސާތަކުގައި ދެ މީހަކު މަރުވެ، އެތައް ބަޔަކަށް އަނިޔާވެ، 550 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ ކަމަށް ފްރާންސްގެ ދާޚިލީ ކަންކަމާ ބެހޭ މިނިސްޓްރީން މައުލޫމާތު ދެއެވެ.

މި ހާދިސާތަކުގެ ތެރެއިން ފްރާންސްގެ ދެކުނު ހުޅަނގު ސަރަހައްދުގައި ހިނގި ހާދިސާއެއްގައި 17 އަހަރުގެ ޒުވާނަކު ވަޅިން ހަމަލާދީ މަރާލާފައިވެއެވެ. ޕެރިސްގައި ހިނގި އެހެން ހާދިސާގައި ޒުވާން އަންހެނަކު ކާރަކުން ޖައްސައި އެކްސިޑެންޓު ވެގެން މަރުވެފައިވެއެވެ. މި ދެ ހާދިސާއާ ގުޅިގެން ފުލުހުން ވަނީ ތަހުގީގު ފަށާފައެވެ.ADV

ފްރާންސްގެ ދާޚިލީ ވުޒާރާއިން ބުނެފައިވާ ގޮތުގައި މެޗު ނިމުމާއެކު ފެށުނު އަނިޔާވެރި ހަރަކާތްތަކާ ގުޅިގެން 559 މީހުން ހައްޔަރުކޮށްފައިވެއެވެ. މީގެ ތެރެއިން ގިނަ މީހުން ހައްޔަރުކޮށްފައިވަނީ ޕެރިސްގައެވެ. އަދި 254 މީހުން ވަނީ ބަންދުގައި ބަހައްޓާފައެވެ.

މި ހާދިސާތައް ހިނގާފައިވަނީ ޕެރިސް ސެންޓް ޖަރމޭން ކްލަބު ފުރަތަމަ ފަހަރަށް ޔޫރަޕިއަން ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން ހޯދުމާ ގުޅިގެންނެވެ. އެ ކްލަބުން މި މުބާރާތުގެ ފައިނަލުގައި އިންޓަރ މިލާން ކްލަބަށް 5-0 ގޯލުޖަހައި ބޮޑު ބައްޔަކުން ބަލި ކުރިއެވެ. މި މެޗު ކުޅުނީ ޖަރުމަނުވިލާތުގެ މިއުނިކް ސިޓީގައި ހުންނަ އެލިއަންޒް އެރީނާގައެވެ.

މެޗު ނިމުމާއެކު، ޚާއްޞަކޮށް ޕެރިސްގައި، ދިހަ ހާސް ސަޕޯޓަރުން މަގުމައްޗަށް ނުކުމެ މި ކާމިޔާބީ ފާހަގަކުރަން ފެށިއެވެ. ނަމަވެސް ޕާކް ޑި ޕްރާންސް ސްޓޭޑިއަމް އަދި ޝޯނޒެލިޒޭ މަގު ސަރަހައްދުގައި މި މަންޒަރު ބަދަލުވެގެން ދިޔައީ ހަމަނުޖެހުމަކަށެވެ. މި ސަރަހައްދުތަކުގައި ހަމަނުޖެހުން ކޮންޓްރޯލްކުރުމަށް ފުލުހުން ވަނީ ކަރުނަ ގޭހާއި މުގުރު ބޭނުންކޮށްފައެވެ.

މީގެ އިތުރުން ބައެއް ސަރަހައްދުތަކުގައި މީހުން ވަނީ އަލިފާން ރޯކޮށްފައެވެ. މަދުވެގެން އެއް ކާރުގައި ހުޅުޖަހާފައި ވެއެވެ. އަދި ބައެއް ސަޕޯޓަރުން ސެކިއުރިޓީ ކޯޑަން ފަޅާލަން މަސައްކަތްކުރުމުގެ ސަބަބުން ދަތުރުފަތުރަށް ހުރަސްއެޅި ތަންތާނގައި ތޮއްޖެހުމާ ކުރިމަތިލާން ޖެހުނެވެ. މި ހާދިސާތަކުގައި 9 ފުލުހަކަށް އަނިޔާވެފައިވެއެވެ.

ހިއްސާ ކުރައްވާ!