އިޒްރޭލު ސިފައިންގެ މީހާ ބަލިކޮށް ފަލަސްޠިނުގެ ދިދަ އުފުލައިފި

ރޯމްގައި ބޭއްވުނު މިކްސްޑް މާޝަލް އާޓްސް (އެމްއެމްއޭ) މުބާރާތެއްގައި އަޔަލޭންޑްގެ ފައިޓަރު ފަލަސްތީނަށް ތާއީދުކޮށް އަޑުއުފުލައިފިއެވެ. އިޓަލީގެ ވެރިރަށް ރޯމްގައި ބޭއްވި ކޭޖް ވޮރިއަރސް 189 މުބާރާތުގައި އަޔަލޭންޑްގެ އެމްއެމްއޭ ފައިޓަރު ޕެޑީ މެކޮރީ ވަނީ އިސްރާއީލުގެ ފައިޓަރު ޝުކީ ފަރަގޭ ބަލިކޮށް މޮޅެއް ހޯދައިފައެވެ. ފައިޓަރު ޝުކީ ފަރަގޭ އަކީ އިޒްރޭލު ސިފައިންގެ މީހެކެވެ. މި މުބާރާތުގައި މެކޮރީ ވަނީ ކާމިޔާބީއަށް ފަހު ފަލަސްތީނަށް ތާއީދުކޮށް އަޑުއުފުލައި، ފަލަސްތީނުގެ ދިދަ އުފުލައި، ފަލަސްޠީނަށް އޭނާގެ ގައުމުގެ އެއްބައިވަންތަކަން ދައްކާފައެވެ.

ތެޅުމުގެ ތެރޭގައި ވެސް މެކޮރީ ވަނީ "ފްރީ ފަލަސްތީން" އޭ ގޮވާ އަޑު ގަދަ ކޮށްފައެވެ. މި މުބާރާތް ވަނީ ޔޫއެފްސީ ފައިޓް ޕާސް ޗެނަލުން ސްޓްރީމް ކޮށްފައެވެ. އަދި މެކޮރީގެ އަމަލުތަކާއި ސިޔާސީ ކޮންޓެކްސްޓުގެ ސަބަބުން މި އިވެންޓަށް އޮންލައިންކޮށް ބޮޑު ސަމާލުކަމެއް ލިބި، ސޯޝަލް މީޑިއާގައި މިކަމުގެ ފޫޓޭޖްތައް ވައިރަލް ވެފައިވެއެވެ.

ބެލްފާސްޓްގެ އުމުރުން 27 އަހަރުގެ މެކޮރީގެ ޕްރޮފެޝަނަލް ރެކޯޑަކީ 6-1 އެވެ. އޭނާ ވަނީ އޭނާގެ ސޯޝަލް މީޑިއާގައި މި ފައިޓްގެ ކްލިޕެއް އަޔަލޭންޑް އާއި ފަލަސްތީނުގެ ދިދަތަކާ އެކު "ސްޓްރީޓް ޖަސްޓިސް" ގެ ނަމުގައި ކެޕްޝަން ލިޔެފައެވެ. މި މެޗު ކުރިއަށް ދިޔަ އިރު ރޯމްގައި ތިބި ބެލުންތެރިން ވެސް ވަނީ "ފްރީ، ފްރީ ފަލަސްތީން" ގޮވައި ހަދާފައެވެ.

މެކޮރީގެ ވާދަވެރިޔާ، ޣައްޒާގައި ކުޑަކުދިން މަރަން އުޅުނު ސިފައިންގެ މީހާ ފަރާގޭ ވަނީ ފައިތް ފެށުމުގެ ކުރިން މެކޮރީގެ "ދުވަސް ދުއްވާލާނަން" ކަމަށް ބުނެ ވަރު ދައްކާފައެވެ. ނަމަވެސް ބަލިވުމާއި އޭގެ ފަހުން ލިބުނު ފާޑުކިޔުންތަކާ ގުޅިގެން އޭނާގެ ސޯޝަލް މީޑިއާ އެކައުންޓްތައް ޑިއެކްޓިވޭޓް ކޮށްލައިފިއެވެ.

ހިއްސާ ކުރައްވާ!