ބަންގިއާއި ގަމަތާ ދެމެދު ވަގުތު ކުރުކުރުމަށް އަންގައިފި

ޙައްޖު މޫސުމުގައި ބަންގި އާއި ޤަމަތާ ދެމެދުގެ ވަގުތު ކުރުކޮށްލުމަށް ސަޢޫދީ އަރަބިއްޔާގެ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން އަންގައިފި އެވެ. ސަޢޫދީ އަރަބިއްޔާގެ އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޝައިޚް އަބްދުއްލަޠީފް އާލުއްޝައިޚް ވަނީ ޙައްޖު މޫސުމުގައި މަސްޖިދުލްޙަރާމްގައި ބަންގި އާއި ޤަމަތާ ދެމެދުގެ ވަގުތު ކުރުކޮށްލުމަށް އަންގަވާފައެވެ. އަދި މައްކާގެ މެދު ސަރަޙައްދާއި މަޝްޢަރުލް ޙަރާމްގެ ސަރަޙައްދުގައި ހުރި މިސްކިތްތަކަށް މިގޮތަށް އަމަލު ކުރުމަށް އަންގަވާފައި ވެއެވެ.

އެ މިނިސްޓްރީގެ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ފަތިސް ނަމާދުގެ ބަންގި އާއި ޤަމަތާ ދެމެދު 15 މިނެޓް، މެންދުރު އަދި އަޞުރު ނަމާދުގެ ބަންގި އާއި ޤަމަތާ ދެމެދު 10 މިނެޓް، މަޣްރިބު ނަމާދުގެ ބަންގި އާއި ޤަމަތާ ދެމެދު 5 މިނެޓް، އަދި ޢިޝާ ނަމާދުގެ ބަންގި އާއި ޤަމަތާ ދެމެދު 10 މިނެޓުގެ ވަގުތުކޮޅެއް ދިނުމަށް ވަނީ އަންގާފައެވެ.

މި ފިޔަވަޅު އަޅާފައިވަނީ ޙައްޖު މޫސުމުގައި ޙާޖީންނަށް ފަސޭހަ ކަމާއެކު އަޅުކަން ކުރެވޭނެ މާޙައުލެއް ޤާއިމުކުރުމަށާއި، މައްކާގެ މެދު ސަރަޙައްދާއި މަޝްޢަރުލް ޙަރާމްގެ ސަރަޙައްދުގައި މީހުން ގިނަވެ ތޮއްޖެހުން ކުޑަކުރުމުގެ މަޤްޞަދުގައެވެ. މި ނިންމުމަކީ ޙައްޖު މޫސުމުގައި ޙާޖީންނަށް ލުއިފަސޭހަކަން ހޯދައިދިނުމަށް ސަޢޫދީ ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެކެވެ.

ހިއްސާ ކުރައްވާ!