ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ މިއަހަރުގެ ފީފާ ކްލަބް ވޯލްޑް ކަޕުގައި ބައިވެރިވުމަށް ލިބުނު ފުރުސަތުތައް ދޫކޮށްލައިފިއެވެ. އަލްނަސްރު އަދި ޕޯޗުގަލްގެ ފޯވާޑް ރޮނާލްޑޯ ބުނެފައިވަނީ ޖޫން 14 ގައި އެމެރިކާގައި ފެށޭ ކްލަބް ވޯލްޑް ކަޕުގައި ކުޅުމުގެ އެއްވެސް ޕްލޭނެއް ނުގެންގުޅޭ ކަމަށެވެ.
ރޮނާލްޑޯ މިކަން ހާމަކުރީ މިއުނިކްގައި ދިން އިންޓަވިއު އެއްގައެވެ. އޭނާ ބުނީ ކްލަބް ވޯލްޑް ކަޕުގައި ބައިވެރިވާ ޓީމުތަކުން "ވަރަށް ގިނަ" އޮފަރތައް ދީފައިވާ ކަމަށެވެ. ނަމަވެސް އެއިން އެއްވެސް ހުށަހެޅުމެއް ޤަބޫލުކުރުމަށް ނިންމާފައި ނުވާ ކަމަށެވެ.
"ބައެއް ކަންކަމަކީ ވާހަކަ ދައްކަން ރަނގަޅު ކަންކަން. އަނެއްބައި ކަންކަން އޮންނަނީ އެހެންނެއް ނޫން. ހުރިހާ ކަމެއްގައި ބައިވެރިއެއް ނުވެވޭނެ. ކުރު، މެދު އަދި ދިގު މުއްދަތުގެ ވިސްނުން ވެސް ގެންގުޅެން ޖެހޭ،" ރޮނާލްޑޯ ބުންޏެވެ. "ކްލަބް ވޯލްޑް ކަޕަށް ނުދިއުމަށް ނިންމާފައިވާ ކަމަށް ބުނެވިދާނެ. އެކަމަކު ވަރަށް ގިނަ ދަޢުވަތުތައް ލިބިފައިވޭ."
ރޮނާލްޑޯ މި ވާހަކަތައް ދެއްކީ ސްޕެއިނާ ދެކޮޅަށް ކުޅޭ ޔޫއެފާ ނޭޝަންސް ލީގުގެ ފައިނަލް މެޗުގެ ކުރިންނެވެ. 40 އަހަރުގެ މި ކުޅުންތެރިޔާ ވަނީ ބުދަ ދުވަހު ޖަރުމަނުއާ ދެކޮޅަށް ކުޅުނު ސެމީ ފައިނަލް މެޗުގައި އޭނާގެ 137 ވަނަ އިންޓަނޭޝަނަލް ލަނޑު ޖަހައި ޕޯޗުގަލް ފައިނަލަށް ގެންގޮސްދީފައެވެ.
ފީފާއިން އުންމީދުކުރަމުން ދިޔައީ ރޮނާލްޑޯ އާ ޓީމަކާ ގުޅިގެން ނަމަވެސް ކްލަބް ވޯލްޑް ކަޕުގައި ބައިވެރިވާނެ ކަމަށެވެ. ނަމަވެސް ރޮނާލްޑޯގެ މި ނިންމުމާ ގުޅިގެން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވަނީ ނާއުންމީދުވެފައެވެ. 






