މިއުނިކްގައި އިއްޔެ ބޭއްވުނު ނޭޝަންސް ލީގް ފައިނަލްގައި ޕޯޗުގަލް ވަނީ ސްޕެއިން ބަލިކޮށް މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައެވެ. މި ކާމިޔާބީއާއެކު ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ އުފަލުން ރޮއެފައެވެ.
މެޗު ނިމުނުއިރު ދެޓީމު އެއްވަރު ވެފައިވުމާއެކު، ޕެނަލްޓީ ޝޫޓްއައުޓަކުން ވަނީ މެޗުގެ ނަތީޖާ ނެރެން ޖެހިފައެވެ. ޕެނަލްޓީ ޝޫޓްއައުޓުގައި ޕޯޗުގަލް ވަނީ 5-3 އިން ކާމިޔާބު ހޯދާފައެވެ. މި މެޗުގައި ރޮނާލްޑޯ ވަނީ އޭނާގެ 138 ވަނަ އިންޓަނޭޝަނަލް ގޯލު ޖަހާފައެވެ.
މެޗު ފެށުނު ފަހުން 21 ވަނަ މިނެޓުގައި މާޓިން ޒުބިމެންޑީ ވަނީ ސްޕެއިންއަށް ލީޑު ހޯދައިދީފައެވެ. ނަމަވެސް ގިނަ އިރުތަކެއް ނުވަނީސް ޕޯޗުގަލްގެ ނޫނޯ މެންޑެސް ވަނީ އެއްވަރު ކޮށްފައެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން މިކެލް އޯޔަޒަބަލް ވަނީ ސްޕެއިންއަށް އަނެއްކާވެސް ލީޑު ހޯދައިދީފައެވެ.
ދެވަނަ ހާފުގެ 60 ވަނަ މިނެޓު ފަހަނައަޅާ ދިޔުމުން ރޮނާލްޑޯ ވަނީ އޭނާގެ ގޯލު ޖަހައި މެޗު އެއްވަރުކޮށްފައެވެ. މެޗުގެ ފަހު ވަގުތުތަކުގައި ރޮނާލްޑޯއަށް ވަނީ އިންޖަރީއެއް ވެފައެވެ. އެކްސްޓްރާ ޓައިމްގައިވެސް އިތުރު ގޯލެއް ނުޖެހުމުން މެޗު ވަނީ ޕެނަލްޓީ ޝޫޓްއައުޓަށް ގޮސްފައެވެ.
މި މުބާރާތުގެ ތިންވަނަ ހޯދުމަށް ކުޅުނު މެޗުގައި ފްރާންސް ވަނީ ޖަރުމަނު 2-0 އިން ބަލިކޮށްފައެވެ. މި މެޗުގައި ކިލިއަން އެމްބާޕޭ ވަނީ އެއް ގޯލު ޖަހައި އަނެއް ގޯލަށް އެހީތެރިވެފައެވެ.





