އޮމާނުގެ ފަހު މިނެޓުގެ ޕެނަލްޓީން ފަލަސްތީނުގެ ވޯލްޑް ކަޕް ހުވަފެން ގެއްލިއްޖެ

ފަލަސްތީނުގެ 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕަށް ކޮލިފައިވުމުގެ އުންމީދު ވަނީ އިއްޔެ ބޭއްވުނު އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) ކޮލިފައިންގެ އެންމެ ފަހު މެޗުގައި އޮމާނާ ދެކޮޅަށް ކުޅުނު މެޗުގައި ފަހު މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ފުނޑުކޮށްލާފައެވެ. މި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.

ފަލަސްތީނުގެ ޢުދައްޔު ޚައްރޫބް ވަނީ މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު ގޯލެއް ޖަހައި ފަލަސްތީނަށް ލީޑު ނަގައިދީފައެވެ. މި ގޯލާއެކު ފަލަސްތީނަށް އޭއެފްސީ ކޮލިފައިންގެ ހަތަރު ވަނަ ބުރަށް ދިއުމުމުގެ ފުރުސަތު ބޮޑުވެގެން ދިޔައެވެ.

ނަމަވެސް މެޗުގެ އެންމެ ފަހު މިނެޓުތަކުގައި، ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) އަށް ފެނުނު މަންޒަރަކާ ގުޅިގެން އޮމާނަށް ޕެނަލްޓީއެއް ލިބުނެވެ. މި ޕެނަލްޓީ އީސާމް އަލް ސުބީ ވަނީ ގޯލަކަށް ބަދަލުކޮށްދިނެވެ. މިއާއެކު ފަލަސްތީނަށް ފުރަތަމަ ފަހަރަށް ވޯލްޑް ކަޕެއްގައި ބައިވެރިވުމަށް ލިބުނު ހުވަފެން ވަނީ ނިމުމަކަށް ގެނެވިފައެވެ.

މި މެޗުގައި ފަލަސްތީނުގެ ކުޅުންތެރިން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. ފުރަތަމަ ހާފުގައި މިޝްއަލް ތަމައުނީނީ ބޮލުން ޖެހި ގޯލެއް ވަނީ ކެންސަލްކޮށްފައެވެ. އަދި ދެވަނަ ހާފުގައި ވިސާމް އަލީގެ ގޯލެއް ވަނީ އޮފްސައިޑް ވުމުގެ ސަބަބުން ބާތިލުކުރެވިފައެވެ.

މެޗު ނިމުމާއެކު ފަލަސްތީނުގެ ކުޅުންތެރިންނާއި ސަޕޯޓަރުންނަށް ބޮޑު މާޔޫސްކަމަކާ ކުރިމަތިލާން ޖެހުނެވެ. ގިނަ ކުޅުންތެރިން ވަނީ ރޮއެހަދާފައެވެ.

މި ނަތީޖާއާއެކު، 2026 ވަނަ އަހަރު އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕަށް އޭޝިއާ ސަރަހައްދުން ކޮލިފައިވެފައިވަނީ އޮސްޓްރޭލިއާ، ޖަޕާން، އީރާން، ދެކުނު ކޮރެއާ، އުޒްބެކިސްތާން އަދި ޖޯޑަނެވެ. މީގެ ތެރެއިން އުޒްބެކިސްތާނާއި ޖޯޑަން ވަނީ ފުރަތަމަ ފަހަރަށް ވޯލްޑް ކަޕަކަށް ކޮލިފައިވެފައެވެ.

ހިއްސާ ކުރައްވާ!