އެމެރިކާ ސިފައިންނަށް 250 އަހަރު: ފޮތެއްގެ ޚުލާސާ: އެމެރިކަން ޖެނޮސައިޑް:

އެމެރިކަން ޖެނޮސައިޑް: ދަ ޔުނައިޓެޑް ސްޓޭޓްސް އެންޑް ދަ ކެލިފޯނިއާ އިންޑިއަން ކެޓަސްޓްރަފީ، 1846-1873 ލިޔުނީ: ބެންޖަމިން މެޑްލީ

 

ބެންޖަމިން މެޑްލީ ލިޔުއްވާފައިވާ އެމެރިކަން ޖެނޮސައިޑަކީ 1846 އިން 1873 އަށް ކެލިފޯނިއާގެ އަސްލު ވަޒަންވެރިންގެ އާބާދީ، ނިޒާމީ ސިފައެއްގައި އެމރިކާ ސަރުކާރުން ނައްތާލި ގޮތުގެ ވާހަކައެވެ. އެ ދުވަސްވަރު ކެލިފޯނިޔާ ސަރަހައްދުގައި އެމީހުންގެ އަދަދު ގާތްގަނޑަކަށް 150،000 ގައި އުޅުނެވެ. ނަމަވެސް ނަސްލު ނައްތާލުމުން އެއަދަދު 30،000 އަށް މަދުވެގެން ދިޔައެވެ.

ޔުނިވާސިޓީ އޮފް ކެލިފޯނިޔާގެ ތާރީޚުގެ ޕްރޮފެސަރެއް ކަމަށްވާ މެޑްލީ ވިދާޅުވާ ގޮތުގައި މި ނަސްލު ނައްތާލުމުގެ ހާދިސާއަކީ ބައްޔަކުން ނުވަތަ ހަމަނުޖެހުމެއްގެ ސަބަބުން ކުރިމަތިވި ކަމެއް ނޫން ކަމަށެވެ. ނަމަވެސް އެއީ ގަސްތުގައި އެމެރިކާގެ ހުދު މީހުން ހިންގި ދައުލަތުން ހުއްދަ ދީގެން ހިންގި  ނަސްލު ނައްތާލުމެއް ކަމަށެވެ.

މި ފޮތުގައި ތަފްސީލުކޮށް ދީފައި ވަނީ ރަން ނެގުމަށް މީހުންނަށް ހިތްވަރު ދީގެން އަސްލު ވަޒަންވެރިން ވުޖޫދުން ފޮހެލި ގޮތާ ބެހޭ ގޮތުންނެވެ. މިޒަމާނުގައި ބޭނުންކުރާ ކުލީ ސަފައިންނާއި އެމެރިކާ ސިފައިންގެ ބަހުން ނަމަ "ކޮންޓްރެކްޓަރުން" ގެ ގޮތުގައި ޖަރީމާ ހިންގަން ބޭނުން ކުރީ ގޭންގްތަކެވެ.

އާބާދީތައް ނެތިކޮށްލީ މީހުން ކަތިލައިގެންނެވެ. އެއަށްފަހު އަސްލު ވަޒަންވެރިންގެ އަންހެނުންނާއި ކުޑަކުދިން އަޅުވެތި ކުރި އެވެ. މެޑްލީގެ ފޮތުގައި މި ހާދިސާތައް ގެނަސްދެއްވަނީ، އެޖަރީމާ ހިންގި މުޖުރިމުން ދީފައިވާ ތާރީޚީ ބަޔާންތަކާއި މަންޒަރު ދުށް މީހުން ކިޔައި ދީފައިވާ ރިޕޯޓްތަކާއި މަދުން ނޫނީ ނުފެންނަ އާންމު ހެކިބަސް ފަދަ އަސާސީ މަސްދަރުތަކުގެ މައްޗަށް ބިނާ ކޮށެވެ.

ކެލިފޯނިއާގެ އަސްލު ވަޒަންވެރިންނާ ދެކޮޅަށް ހިންގި ޖަރީމާ ކެމްޕޭންތަކަށް އެމެރިކާ ސަރުކާރުން މަދުވެގެން 1.7 މިލިއަން ޑޮލަރު ޚަރަދުކުރި ކަމަށް ދައްކައެވެ. މެޑްލީ ލިޔުއްވަނީ މިއީ، 1948 ގެ ޖެނޮސައިޑް ކޮންވެންޝަންގެ މަފްހޫމަށް ބަރާބަރަށް ފެތޭ އަދި ސަރުކާރަކުން ޒިންމާ ވާން ޖެހޭ ޖެނޮސައިޑެއް ކަމަށެވެ.

 

މި ފޮތް ފެށެނީ ހުދުމީހުން މި ސަރަހައްދަށް އައުމުގެ ކުރިން ހާލަތު އޮތް ގޮތް ކިޔައި ދެމުންނެވެ. އެއަށް ފަހު ސްޕެއިން އަދި މެކްސިކޯގެ ވެރިކަމުގެ ދަށުގައި ސަރަހައްދު އޮތް އިރު ހިންގި ނަސްލު ނައްތާލުމުގެ ކަންތައްތަކަށްވެސް ބަލާފައި ވެއެވެ.

1846 ވަނަ އަހަރު އެ ސަރަހައްދު ހިފުމާއި ރަން ފެނުމުގެ ސަބަބުން އަނިޔާވެރިކަން އިތުރުވެ، އަސްލު ވަޒަންވެރިންނަކީ އެކަމަށް އޮތް ހުރަހެއް ކަމަށް ބަލައި ވަޒަންވެރިން ނައްތާލުމަށް މަސައްކަތް ފެށިއެވެ.

މެޑްލީގެ ގާތްގަނޑަކަށް 200 ޞަފްޙާގެ ތަފްސީލުތަކުގައި އެމެރިކާ ސަރުކާރުން ހިންގި ކޮންމެ އަނިޔާވެރި އެޕިސޯޑެއް ކެޓަލޮގްކޮށް ދެއްވައެވެ.  އަދި 1873 ވަނަ އަހަރުގެ ނިޔަލަށް އަސްލު ވަޒަންވެރިންގެ ދެކޮޅުވެރިކަމާއި އެމީހުންގެ ނަސްލު ނައްތާލި ގޮތް ދިރާސާ ކުރައްވައެވެ.

މެޑްލީގެ މި ފޮތަކީ މި ސިސިލްސިލާގައި އެމެރިކާގެ ލިޔުންތެރިން އެމެރިކާ ސަރުކާރުގެ ޖެނޮސައިޑް ކިޔައިދޭ ފޮތްތަކުން އެއް ފޮތެވެ.

ބްރެންޑަން ސީ. ލިންޑްސޭ (2012) ގައި ލިޔުއްވި "މާޑަރ ސްޓޭޓް" އަކީވެސް މިސިލްސިލާގެ މުހިންމު ފޮތެކެވެ. މިއީވެސް ކެލިފޯނިއާގެ އަސްލު ވަޒަންވެރިންގެ ނަސްލު ނައްތާލުމުގެ މައްސަލަ ބަލާފައިވާ ފޮތެކެވެ. އަދި ވިލިއަމް ކައިސަރގެ "ދަ ބިޒްނަސް އޮފް ކިލިންގ އިންޑިއަންސް: ސްކަލްޕް ވާފެއާ އެންޑް ދަ ވައިލެންޓް ކޮންކެސްޓް އޮފް ނޯތު އެމެރިކާ" އަކީވެސް މުހިންމު ފޮތެކެވެ.

މެޑްލީގެ ފޮތުގައި ފޯކަސް ކުރައްވަނީ ސަރުކާރުން ނިޒާމީ ސިފައެއްގައި ބައިވެރިވެގެން ހިންގި ޖެނޮސައިޑަށެވެ.

 

މެޑްލީގެ ފޮތަށް، 2016 ވަނަ އަހަރުގެ ލޮސް އެންޖެލިސް ޓައިމްސްގެ ބުކް އެވޯޑް ލިބުނެވެ.

މިއަދު އެމެރިކާއިން ސިފައިންނަށް 250 އަހަރު ފުރުން ފާހަގަ ކުރާއިރު އެމެރިކާއިން އަސްލު ވަޒަންވެރިންނާ މެދު ކަން ކުރި ގޮތަށް ޔަހޫދީން ފަލަސްޠީނު މީހުންނާ މދު ކަން ކުރަމުންދާއިރު މި ފޮތްތައް އަލުން މުރާޖައާ ކޮށްލުން މުހިންމެވެ.

ހިއްސާ ކުރައްވާ!