ޖައްވަށް ދިޔަ ފުރަތަމަ މުސްލިމު އަންހެނަކީ އީރާންގެ އަނޫޝާ އަންސާރީއެވެ. މިއީ އޭނާގެ ވާހަކައެވެ. ޓެލެކޮމިއުނިކޭޝަން އިންޖިނިއަރ އަނޫޝާ އަންސާރީގެ ވާހަކައަކީ ހިތްވަރާއި ކެތްތެރިކަމުގެ ވާހަކައެކެވެ. އެއީ، އީރާނުގެ އިންޤިލާބުގެ ދުވަސްވަރު އެމެރިކާއަށް ހިޖުރަކޮށް، އަންހެނެއްގެ ހައިސިއްޔަތުން ޓެކްނޮލޮޖީގެ ދާއިރާގައި ކުރިއަރައި، އަދި ފަހުން ޖައްވަށް ދަތުރުކުރުމުގެ ހުވަފެން ޙަޤީޤަތަކަށް ހެދި މުސްލިމު އަންހެނެއްގެ ވާހަކައެވެ.
އޭނާގެ ދިރިއުޅުމުގެ ދަތުރުގައި ގިނަ ގޮންޖެހުންތަކާ ކުރިމަތިލާންޖެހުނެވެ. އޭގެ ތެރޭގައި އާ ޤައުމަކަށް ހިޖުރަކުރުމާއި، އާ ބަހެއް ދަސްކުރުމާއި، ނަސްލީ އަދި ސަގާފީ ތަފާތުކުރުންތަކާ ކުރިމަތިލުމާއި، ފިރިހެނުން ގިނަ ދާއިރާއެއްގައި އަންހެނެއްގެ ގޮތުގައި ކުރިއެރުން ހޯދުން ހިމެނެއެވެ.
އޭނާގެ ކާމިޔާބީގެ ބޮޑު ބައެއް ބިނާވެފައިވަނީ އޭނާގެ ހިތްވަރާއި، އަޒުމާއި، އަދި ހުވަފެން ބެލުމުގެ ޤާބިލުކަމުގެ މައްޗަށެވެ. ޓެކްނޮލޮޖީގެ ދާއިރާގައި ކާމިޔާބު ވިޔަފާރިއެއް ބިނާކުރުމަށްފަހު، އޭނާ އެ ކާމިޔާބީ ބޭނުން ކުރީ މަޝްހަދުގައި ކާފަގޭގެ ފުރާޅުމަތީގައި އޮވެގެން އުމުރުން 10 އަހަރުގައި ތަރިތަކަށް ވާސިލުވުމަށް ދެކެމުން އައި ކުޑައިރުގެ ހުވަފެން ޙަޤީޤަތަކަށް ހެދުމަށެވެ.
އަންސާރީގެ ޖައްވީ ދަތުރަކީ އޭނާގެ އަމިއްލަ ކާމިޔާބީގެ އިތުރުން، އެހެން އަންހެނުންނަށް، ޚާއްޞަކޮށް މުސްލިމު އަންހެނުންނަށް، އުންމީދުތަކެއް ގެނަސްދޭ ވާހަކައެކެވެ. އޭނާގެ ހަޔާތުގެ ދަތުރުން ދައްކުވައި ދިނީ ހިތްވަރާއި ކެތްތެރިކަމާއެކު މަސައްކަތް ކޮށްފިނަމަ، ބޮޑެތި ހުވަފެންތައް ވެސް ޙަޤީޤަތަކަށް ހެދިދާނެކަމެވެ.
އަންސާރީގެ ކާމިޔާބީން ދައްކުވައިދެނީ ޖައްވީ ދަތުރުތަކުގެ ބޭނުމަކީ ހަމައެކަނި ސައިންޓިފިކް ރިސާޗްތައް ކުރުން ނޫންކަމަށެވެ، ނަމަވެސް އެއީ އިންސާނުންގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، ދުނިޔެއާ މެދު ދެކޭގޮތް ބަދަލުކޮށްދޭނެ ވަސީލަތެއްވެސް މެއެވެ.
އންސާރީ ލިޔެފައިވާ ފޮތް، " މައި ޑްރީމް އޮފް ސްޓާސް: ފްރޮމް ޑޯޓަރ އޮފް އީރާން ޓު ސްޕޭސް" ފޮތަކީ ހަމައެކަނި އަންސާރީގެ ވާހަކައެއް ނޫނެވެ. މިއީ އިންސާނާގެ ޝައުގުވެރިކަމާއި ހުވަފެން ބެލުމުގެ ގާބިލުކަމާއި އަދި ދުނިޔެ ބަދަލުކުރުމުގެ ބާރު ލިބިގެންވާކަން ދައްކައިދޭ ވާހަކައެކެވެ.
"މައި ޑްރީމް އޮފް ސްޓާސް: ފްރޮމް ޑޯޓަރ އޮފް އީރާން ޓު ސްޕޭސް" އަކީ އީރާނުގެ މަޝްހަދުގައި އުފަން އަނޫޝާ އަންސާރީގެ އާދަޔާ ޚިލާފު ދަތުރުގެ ހަނދާނީ ލިޔުމެކެވެ. މި ފޮތުގައި އަންސާރީ ހުށަހަޅައި ދެނީ، އަމިއްލަ ޚަރަދުގައި ޖައްވަށް ދިޔަ ފުރަތަމަ އަންހެން ޖައްވީ ދަތުރުވެރިޔާ އަދި ޖައްވަށް ދިޔަ ފުރަތަމަ މުސްލިމް އަންހެނަކަށް ވުމުގެ ތަޖުރިބާއާ ބެހޭ ގޮތުންނެވެ.
ނާސާގެ ކުރީގެ އިންޖިނިއަރު، އަދި މަގްބޫލު ގިނަ ފޮތްތައް ލިޔެފައިވާ ހޯމަރ ހިކަމްއާ ގުޅިގެން އަންސާރީ ލިޔެފައިވާ މި ފޮތުގައި އަންސާރީގެ އަމިއްލަ ޚިޔާލުތަކާއި 2006 ވަނަ އަހަރު އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައިއެސްއެސް) އަށް ކުރި ޖައްވީ ދަތުރުގެ ފަންނީ އަދި ޖަޒުބާތީ ތަފްސީލުތައް ހިމަނާފައިވެއެވެ. މި ފޮތް ޝާއިއު ކޮށްފައި ވަނީ 2010ގައެވެ.
އަންސާރީ އެމެރިކާއަށް އާއިލާއާއެކު ހިޖުރަ ކުރީ، އީރާނުގެ އިސްލާމީ އިންޤިލާބު އައުމާ ގުޅިގެންނެވެ. އާއިލާ ޓެކްސަސްގައި ވަޒަންވެރިވުމާއި އިނގިރޭސި ނޭނގޭ ކުއްޖަކު، ތައުލީމީ ހަޔާތް ފެށި ގޮތާއި އެއަށްފަހު ޔުނިވާސިޓީ ނިންމުމާއި އަދި މާސްޓަރޒް ހެދުމަށްފަހު ވިޔަފާރީގެ ތެރެއަށް ވަންގޮތާއި އެކަމުގެ ކާމިޔާބީއާއި، ތަރިތަކާ ހަމައަށް ވާސިލްވުމަށް މުޅި އުމުރަށް ދެކެމުން އައި ހުވަފެނެއް ޙަޤީޤަތަކަށް ހެދި ގޮތުގެ ވާހަކަ މި ފޮތުގައި ކިޔައި ދީފައި ވެއެވެ.
ޖައްވަށް ދިއުމުގެ ޝައުގުވެރިކަން އަންސާރީގެ ކިބައިގައި އުފެދުނީ ކުޑައިރު ސްޓާ ޓްރެކް ސިލްސިލާ ބަލައިގެން ނެވެ.
މި ފޮތުގައި އަންސާރީގެ ހަޔާތުގެ މުހިންމު މަރުޙަލާތައް ގެނަސްދީފައި ވެއެވެ. އެގޮތުން، އީރާނުގައި ހޭދަކުރި ފުރަތަމަ އަހަރުތަކާއި، އެމެރިކާގެ ދިރިއުޅުމަށް ހޭނުމާއި، ޓެކް ވިޔަފާރިވެރިއެއްގެ ގޮތުގައި ކުރިއެރުމާއި، ޖައްވީ ދަތުރުތަކަށް ތައްޔާރުވުމާއި، އިންޓަރނޭޝަނަލް ސްޕޭސް ސްޓޭޝަންގައި ކުރި ތަޖުރިބާތައް ވަކިވަކިން ހިމަނައިފައި ވެއެވެ.
މީގެ އިތުރުން، މި ފޮތުގައި ޖައްވީ ދަތުރުތަކުގެ ޓެކްނިކަލް ކަންކަމާއި، ބައިނަލްއަގްވާމީ ޖައްވީ ސްޓޭޝަންގައި ދިރިއުޅޭ ގޮތްތަކާއި، ޒީރޯ ގްރެވިޓީ މާޙައުލެއްގައި ކުރިމަތިވާ ޖިސްމާނީ އަދި ނަފްސާނީ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުވާލާފައިވެއެވެ. އަންސާރީގެ ބްލޮގު މެދުވެރިކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި 25 މިލިއަނަށްވުރެ ގިނަ ކިޔުންތެރިންނާ ހިއްސާކުރި ތަޖުރިބާތަކުގެ ސަބަބުން، ޖައްވީ ދަތުރުތަކާ ގުޅޭ ގޮތުން އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް އޭނާ އަދާކުރި މުހިންމު ދައުރު ފާހަގަކޮށްފައިވެއެވެ.
މިފޮތުގައި މަޝްހަދުގައި އޭނާ އުފަންވި ހިސާބުން ފެށިގެން، ޖައްވީ ދަތުރު ފުރިހަމަ ކުރުމާއި އަންސާރީ ފައުންޑޭޝަން އުފެއްދުމާ ހަމައަށް އޭނާގެ ހަޔާތުގެ ވާހަކަތައް ގެނަސްދީފައި ވެއެވެ.
އީރާންގެ މަޝްހަދުގެ މެދުފަންތީގެ އާއިލާއަކަށް އަންސާރީ އުފަންވީ، 1966ގައެވެ. އެ ޒަމާނަކީ، ޝާހްގެ އަނިޔާވެރި ވެރިކަމާ ދެކޮޅަށް، ސިޔާސީ އަދި އިޖުތިމާޢީ ހަމަނުޖެހުންތަކުގެ ތެރޭގައި އީރާން އޮތް ޒަމާނެކެވެ.
އީރާންގެ 1979 ވަނަ އަހަރުގެ އިސްލާމީ އިންގިލާބުގެ ސަބަބުން އަންހެނުންނަށް ހުރަސްތަކެއް ކުރިމަތިވިއެވެ، އަދި އެ ފައްތަރުގައި އޭނާގެ އާއިލާއަށް އިގްތިސާދީ ދަތިތަކެއް ކުރިމަތިވި ގޮތް ވެސް ކިޔައި ދެއެވެ.
އަންސާރީގެ އާއިލާއިން އެމެރިކާއަށް ހިޖުރަކުރީ، 1980 ގެ އަހަރުތަކުގެ ކުރީކޮޅު އެވެ. އިންޤިލާބަށްފަހު ދިމާވި ކަންތައްތަކުގެ ސަބަބުން އީރާން ދޫކޮށް ދިއުމަށް ނިންމި ނިންމުމުގެ ތަފްޞީލު ވެސް ބަޔާންކޮށްދީފައި ވެއެވެ.
ޓެކްސަސްގައި އާއިލާ ވަޒަންވެރިވުމުން އަންސާރީއަށް ކުރިމަތިވީ އިނގިރޭސި ބަސް ނުދަންނަ މުހާޖިރަކަށް ކުރިމަތިވާނެ އުދަގޫތަކާއެވެ. ނަމަވެސް ބަސް ދަސްކުރުމާއެކު އޭނާ ވެގެން ދިޔައީ ކިޔެވުމަށް މޮޅު ކުއްޖަކަށެވެ.
އެހެންވެ، ޖޯޖް މޭސަން ޔުނިވާސިޓީން އިންޖިނިއަރިން ގެ ރޮނގުން ކިޔެވުމަށް ފުރުސަތު ލިބުނެވެ. އަދި ފަހުން ޖޯޖް ވޮޝިންޓަން ޔުނިވާސިޓީން މާސްޓާސް ޑިގްރީ ހާސިލް ކުރިއެވެ.
"އެމެރިކާއަކީ ފުރުޞަތުތަކުގެ ބިމެއް ކަމުގައި ސިފަ ކޮށްދިން ނަމަވެސް، އީރާނަށް ނިސްބަތްވާ މީހަކަށް ވެފައި، އަންހެނަކަށް ވީތީ، އަދި އައު ކަންކަމަށް ހުވަފެން ދެކޭ މީހަކަށްވީތީ ކޮންމެ ދުވަހަކުވެސް އަހަރެންނަށް ޖެހުނީ އަހަރެންގެ އަމިއްލަ ނަފްސު ސާބިތުކޮށްދޭށެވެ." އަނޫޝާ އަންސާރީ
އަންސާރީ އޭނާގެ ވިޔަފާރި ފެށީ، ފިރިމީހާ ހާމިދު އަންސާރީއާ އެކުގައެވެ. މުވާސަލާތީ ވިޔަފާރިއަށް އުފެއްދި، ސޮފްޓްސްވިޗް ޓެކްނޮލޮޖީ އިން މުވާސަލާތީ ދާއިރާއަށް އިންގިލާބެއް ގެނެސްދިނެވެ. ފަހުން އެ އެކުންފުނި، 2000 ވަނަ އަހަރު 750 މިލިއަން ޑޮލަރަށް ވިއްކައިލީއެވެ.
މިއީ އަންސާރީއަށް އޭނާގެ ޖައްވީ ޝައުގުވެރިކަން ކުރިއަށް ގެންދިއުމަށް ލިބުނު މާލީ ބާރެވެ. އެއަށްފަހު 2004 ވަނަ އަހަރު، އަމިއްލަ ޖައްވީ ދަތުރުތައް ތަރައްގީ ކުރުމަށް ބޭނުންވާ ފަރާތްތަކުން ވާދަކުރުމަށް އޭނާ ހުޅުވާލީ "އަންސާރީ އެކްސް" އިނާމެވެ. މިއީ 10 މިލިއަން ޑޮލަރުގެ އިނާމެކެވެ. މިއިނާމު ލިބެނީ ދެފަހަރަށް ޖައްވުން ބޭރަށް ގޮސްފައި އެނބުރި އަންނަ ވަރުގެ ގާބިލުކަން ހުރިކަން ސާބިތުކޮށްދޭ އުޅަނދަކަށެވެ. މި އިނާމު ހާސިލު ކުރީ ސްޕޭސްޝިޕް ވަން އިންނެވެ. އެއަށްފަހު ފަތުރުވެރިއެއްގެ ގޮތުގައި ސްޕޭސް އެޑްވެންޗާސް ކުންފުނި މެދުވެރިކޮށް ޖައްވަށް ދިއުމަށް އަންސާރީ ނިންމިއެވެ. އަދި 2006 ވަނަ އަހަރު ޕްރޮފެޝަނަލް އެސްޓްރޮނޯޓުންނާ އެކު ރަޝިޔާގެ ސްޓާ ސިޓީގައި ހަ މަސް ދުވަހުގެ އުދަނގޫ ތަމްރީނުތަކެއް ކުރިއަށް ގެންދިޔަ އެވެ.
އަންސާރީގެ ޖައްވީ ޔުނިފޯމާ މެދު ވެސް މައްސަލަތަކެއް އުފެދުނެވެ. އަންސާރީ ބޭނުންވީ ސްޕޭސްސޫޓުގައި އެމެރިކާ އާއި އީރާނުގެ ދިދަ ވެސް ޖެހުމަށެވެ. އެކަމަށް ބައެއް ފަރާތްތަކުން އިއުތިރާޒް ކުރިއެވެ. ނާސާއިން އީރާންގެ ދިދަ ދެއްކުމާ ދެކޮޅު ހެއްޖެވެ.
ފުރަތަމަ އަންހެން ޖައްވީ ފަތުރުވެރިޔާ އަދި އީރާން މީހަކަށް ވެފައި ފުރަތަމަ މުސްލިމު އަންހެނަކަށް ވުމަކީ ހުރިހައި ގޮތަކުންވެސް ފާހަގަ ކުރެވޭ ކަމެކެވެ. އަދި މިއީ ސިޔާސީ ގޮތުން ބަޔެއްގެ ލޮލުގައި އަޅައިގަންނަން އެންމެ އެކަށީގެންވާ ސިފަތަކެވެ.
2006 ވަނަ އަހަރު ރަޝިޔާގެ ސޯޔޫޒް ޖައްވީ އުޅަނދެއްގައި އިންޓަރނޭޝަނަލް ސްޕޭސް ސްޓޭޝަނަށް އަންސާރީ ކުރި ދަތުރުގެ ތަފްސީލު ލިޔެފައިވާ މި ފޮތުގައި ޖައްވުގައި ނުވަ ދުވަސް ހޭދަކޮށް، ޔޫރަޕިއަން ސްޕޭސް އެޖެންސީއަށް ރިސާޗްތަކެއް ކުރިއަށް ގެންދިޔަ ގޮތް ކިޔައިދީފައި ވެއެވެ.
އަންސާރިއަކީ ޖައްވުން ފުރަތަމަ ފަހަރަށް ބްލޮގް ލިޔުނު މީހާއެވެ. އޭނާގެ ބްލޮގް، 25 މިލިއަން ކިޔުންތެރިން ކޮންމެ ދުވަހަކު ކިޔަމުން ދިޔައެވެ.
އަދި އޭނާ ޖައްވުގައި ހޭދަ ކުރި ދުވަސްތަކުގައި އީރާންގެ ޓީވީއަށް ޖައްވީ ދަތުރާ ބެހޭ ސިލްސިލާ ޕްރޮގްރާމުތަކެއްވެސް ހުށަހަޅައި ދިނެވެ.
"އިންޓަރނޭޝަނަލް ސްޕޭސް ސްޓޭޝަނުން ދުނިޔެ ފެންނަނީ ނާޒުކު ތަނެއްގެ ގޮތުގައެވެ. އަހަރެމެން ހުރިހައި އިންސާނުންނަށް އެއް ހިޔާވައްސެއްގެ ގޮތުގައެވެ. ގައުމުތަކަށް އިންތައް ކަނޑައެޅިފައި ނުވާ ރީތި ވަޒަނެއްގެ ގޮތުގައެވެ." އަނޫޝާ އަންސާރީ
ޖައްވުން އެނބުރި އައުމަށްފަހު އަންސާރީ ވަނީ ސްޓެމް އެޑިއުކޭޝަންއާއި އަންހެނުން ބާރުވެރި ކުރުމަށް "އަންސާރީ ފައުންޑޭޝަން" އުފައްދާފައެވެ.