ޕޯޗުގަލްގެ ފުޓްބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ގެ މިއުޒިއަމް ހޮންގކޮންގައި މާދަމާ ހުޅުވާނެއެވެ. (ސީއާރު7 ލައިފް މިއުޒިއަމް) ގައި ފުޓްބޯޅައިގެ ސުޕަސްޓާ ކްރިސްޓިއާނޯ ރޮނާލްޑޯގެ ހަޔާތާއި ތަރިކަ ފާހަގަކުރުމަށް ވަނީ ހަމަޖެހިފައެވެ.
މިއަހަރުގެ ކުރީކޮޅު ވީއައިޕީ ޓިކެޓް ވިއްކަން ފެށުމުން އެސާހިތަކުން ވީއައިޕީގެ ހުރިހާ ޓިކެޓެއް 20 މިނެޓަށް ވުރެ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ހުސްވިއެވެ.
މިއީ އޭޝިއާގައި ހުޅުވާ މިބާވަތުގެ ފުރަތަމަ މިއުޒިއަމް އެވެ. މި މިއުޒިއަމަށް ޒިޔާރަތް ކުރުމުގެ އެކި ޕެކޭޖުތައް ޓްރިޕް ޑޮޓްކޮމް އިން ވެސް ވިއްކަމުން އެބަދެއެވެ.
މިއުޒިއަމަށް ޒިޔާރަތްކުރާ ފަރާތްތަކަށް ރޮނާލްޑޯގެ ކެރިއަރަށް ޚާއްސަކޮށްގެން ގިނަ ކަންކަން ދައްކަން ހުންނާނެއެވެ.
މިއުޒިއަމް ފަރުމާކޮށްފައި ވަނީ އޭނާ ހޯދާފައިވާ ތަށިތަކާއި ހަނދާނީ ތަކެތީގެ އިތުރުން އިންޓަރެކްޓިވް ތަޖުރިބާތަކެއް ލިބޭ ގޮތަށެވެ. ރޮނާލްޑޯގެ ލައިފް ސައިޒުގެ ޑިސްޕްލޭތައް ވެސް ބަހައްޓާފައި ހުންނާނެ އެވެ. މީގެ އިތުރުން މާޗަންޑައިޒް ސްޓޯރެއް ވެސް މިއުޒިއަމްގައި ހުންނާނެ އެވެ.
ރޮނާލްޑޯގެ ފުރަތަމަ މިއުޒިއަމް ހުޅުވީ 2013ގައި އޭނާ އުފަންވި ޕޯޗުގަލްގެ ފުންޗަލްގައެވެ.






