ސައްޔިދުނާ ޙުސައިނުގެފާނު ޝަހީދުވެ ވަޑައިގަންނަވާނީ ކަރުބަލާގެ ބިމުގައި

ކީރިތި ރަސޫލާގެ އަރިހަށް ޖިބްރީލުގެފާނުންގެ ވަޑައިގެން ޚަބަރު ދެއްވިގޮތުގައި ސައްޔިދުނާ ޙުސައިނުގެފާނު ޝަހީދުވެ ވަޑައިގަންނަވާނީ ކަރުބަލާގެ ބިމުގައެވެ.

ޙުސައިން ރަޝީދު އަޙްމަދު

عَنْ عُرْوَةَ بْنِ الزُّبَيْرِ عَنْ عَائِشَةَ رَضِيَ اللَّهُ عَنْهَا قَالَتْ دَخَلَ الْحُسَيْنُ بْنُ عَلِيٍّ رَضِيَ اللَّهُ عَنْهُ عَلَى رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَهُوَ يُوحَى إِلَيْهِ  فَنَزَا عَلَى رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَهُوَ مُنْكَبٌّ وَلَعِبَ عَلَى ظَهْرِهِ  فَقَالَ جِبْرِيلُ لِرَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَتُحِبُّهُ يَا مُحَمَّدُ قَالَ يَا جِبْرِيلُ وَمَا لِي لَا أُحِبُّ ابْنِي قَالَ فَإِنَّ أُمَّتَكَ سَتَقْتُلُهُ مِنْ بَعْدِكَ فَمَدَّ جِبْرِيلُ عَلَيْهِ السَّلَامُ يَدَهُ فَأَتَاهُ بِتُرْبَةٍ بَيْضَاءَ فَقَالَ فِي هَذِهِ الْأَرْضِ يُقْتَلُ ابْنُكَ هَذَا يَا مُحَمَّدُ وَاسْمُهَا الطَّفُّ فَلَمَّا ذَهَبَ جِبْرِيلُ عَلَيْهِ السَّلَامُ مِنْ عِنْدِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ خَرَجَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَالتُّرْبَةُ فِي يَدِهِ يَبْكِي فَقَالَ يَا عَائِشَةُ إِنَّ جِبْرِيلَ عَلَيْهِ السَّلَامُ أَخْبَرَنِي أَنَّ الْحُسَيْنَ ابْنِي مَقْتُولٌ فِي أَرْضِ الطَّفِّ وَأَنَّ أُمَّتِي سَتُفْتَتَنُ بَعْدِي ثُمَّ خَرَجَ إِلَى أَصْحَابِهِ فِيهِمْ عَلِيٌّ وَأَبُو بَكْرٍ وَعُمَرُ وَحُذَيْفَةُ وَعَمَّارٌ وَأَبُو ذَرٍّ رَضِيَ اللَّهُ عَنْهُمْ وَهُوَ يَبْكِي فَقَالُوا مَا يُبْكِيكَ يَا رَسُولَ اللَّهِ فَقَالَ أَخْبَرَنِي جِبْرِيلُ أَنَّ ابْنِي الْحُسَيْنَ يُقْتَلُ بَعْدِي بِأَرْضِ الطَّفِّ وَجَاءَنِي بِهَذِهِ التُّرْبَةِ وَأَخْبَرَنِي أَنَّ فِيهَا مَضْجَعَهُ (رواه الطبراني)

މާނައީ:

މާތް ﷲ ރުއްސުންލެއްވި ސިއްތުނާ ޢާއިޝާގެ ކިބައިން މާތް ﷲ ރަޙްމަތްލެއްވި ޢުރްވާ ބިން ޒުބައިރު ރިވާކުރަށްވާފައި ވެއެވެ. އެކަމަނާ ވިދާޅުވިއެވެ. އެއްފަހަރަކު ކީރިތި ރަސޫލާގެ ތުއްޕުޅު ކާފަ ދަަރިކަލުން ޙުސައިން ބިން ޢަލީ ، ވަޑައިގެން رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَގެ ބުރިކަށިފުޅު މައްޗަށް ސަވާރުވެ ވަޑައިގަތެވެ. އެހިނދު އިތުރު އެކަލޭގެފާނުންގެ މައްޗަށް ވަޙީ ބާވައިލެއްވެމުން ދަނީއެވެ. ފަހެ، ޙުސައިންގެފާނު ކީރިތި ރަސޫލާގެ ޠާހިރު ބުރިކަށިފުޅުމަތީ ކުޅުއްވަންފެއްޓެވިއެވެ. އެހިނދު އިތުރު އެކަލޭގެފާނުވެސް ތުއްޕުޅު ޙުސައިނަށްޓަކައި ބުރިކަށިފުޅު ތިރިކުރަށްވައިގެން އިންނެވިއެވެ. މިމަންޒަރު ބަލަހައްޓަވައިގެން ހުންނަވާފައި ސަލާމްލެއްވި ޖިބްރީލުގެފާނު ދެންނެވިއެވެ. އޭ މުޙައްމަދުގެފާނެވެ! ކަލޭގެފާނު ޙުސައިންދެކެ ހާދަ ލޯއްބެއް އެބަވެ ވަޑައިގަންނަވަމުއެވެ. ޖަވާބުގައި ކީރިތި ރަސޫލާ ވިދާޅުވިއެވެ. އޭ ޖިބްރީލެވެ! އެއީ ތިމަންކަލޭގެފާނުންގެ ދަރިކަލެކެވެ. ލޯބިފުޅުނުވާންވީ ކޮންކަމަކާތޯއެވެ؟ ޖިބްރީލުގެފާނު ދެންނެވިއެވެ. ދަންނަވަންތޯއެވެ. ކަލޭގެފާނުންގެ އުއްމަތުގެ މީހުން ކަލޭގެފާނު ދުނިޔެ ދޫކުރަށްވައި ވަޑައިގަތުމަށް ފަހު އެކަލޭގެފާނު ޤަތުލުކުރާނެއެވެ. އެއަށްފަހު ޖިބްރީލުގެފާނު އަތްޕުޅު ދިއްކުރައްވައި ހުދު ކުލައިގެ ވެލިމުށެއް ގެންނެވިއެވެ. އަދި ވިދާޅުވިއެވެ. އޭ މުޙައްމަދުގެފާނެވެ! މިބިމުގައި ކަލޭގެފާނުންގެ މިދަރިކަލުން ޤަތުލުކުރެވޭނެއެވެ. އެތަނުގެ ނަމަކީ އައްޠައްފެވެ. (އެބަހީ ކަރުބަލާގެ ބިމެވެ.) ދެންފަހެ، ޖިބްރީލުގެފާނު އެނބުރި ވަޑައިގަތުމުން، رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ނުކުމެވަޑައިގަތެވެ. އެހިނދު އެކަލޭގެފާނުގެ އަތްޕުޅުގައި އެވެލިކޮޅު އޮތެވެ. އަދި އެކަލޭގެފާނު ކީރިތިކުރަށްވަނީއެވެ. އަދި ޙަދީޘުކުރެއްވިއެވެ. އޭޢާއިޝާއެވެ! ޖިބްރީލުގެފާނު ތިމަންކަލޭގެފާނަށް ޚަބަރު ދެއްވިގޮތުގައި ތިމަންގެ މިދަރިކަލުން ޙުސައިން ކަަރުބަލާގެ ބިމުގައި ޤަތުލުކުރެވޭނެއެވެ. އަދި ތިމަންކަލޭގެފާނުން ވަޑައިގަތުމަށްފަހު ތިމަންކަލޭގެފާނުންގެ އުއްމަތުގައި ފިތުނަފަސާދަ އުފެދޭނެއެވެ. ދެން އެކަލޭގެފާނު އެކަލޭގެފާނުގެ އަޞްޙާބުބޭކަލުންގެ ގާތަށް ނުކުމެވަޑައިގަތެވެ. އެބޭކަލުންގެ ތެރޭގައި ޢަލީގެފާނާއި އަބޫބަކުރުގެފާނާއި ޢުމަރުގެފާނާއި ޙުޛައިފަތުގެފާނާއި ޢައްމާރުގެފާނާއި އަބޫޛައްރުގެފާނާއި މިއެންމެ ބޭކަލުން ތިއްބެވިއެވެ. އިތުރު އެކަލޭގެފާނު ކީރިތި ކުރައްވަނީއެވެ. އެހިނދު އެބޭކަލުން ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއެވެ! ކީރިތި ކުރަށްވަނީ ކޮންކަމަކާތޯއެވެ؟ އިތުރު އެކަލޭގެފާނު ޙަދީޘުކުރެއްވިއެވެ. ޖިބްރީލުގެފާނު ތިމަންކަލޭގެފާނަށް ޚަބަރު ދެއްވިގޮތުގައި ތިމަންގެ މިދަރިކަލުން ޙުސައިން ކަަރުބަލާގެ ބިމުގައި ޤަތުލުކުރެވޭނެއެވެ. އަދި މިއީ އެތަނުން އެކަލޭގެފާނު ގެންނެވި ވެއްޔެވެ. އަދި އެކަލޭގެފާނު ޚަބަރު ދެއްވާފައިވަނީ އެދަރިފުޅު ފަސްދާނުލެވޭނީ މިވެލީގައިކަމަށެވެ.

ހިއްސާ ކުރައްވާ!