ސްރީލަންކާ ސަރުކާރުން ދިވެހިންނަށް ދިގު މުއްދަތަށް ބިން ކުއްޔަށް ދޫކުރުމަށް ބޭނުންވާ ކަމަށް، ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މައްސޫދު އިމާދު ވިދާޅުވެއްޖެއެވެ. މިމައުލޫމާތު ދެއްވާފައި ވަނީ، ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅާ ގުޅޭގޮތުން ސަފީރު ދެއްވި ބަސްދީގަތުމެއްގައެވެ.
ސަފީރު މައްސޫދު އިމާދު ވިދާޅުވި ގޮތުގައި، ލަންކާގެ ރައީސްގެ ދަތުރުފުޅަކީ ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ހަމަޖެހިގެން ދިޔަ ކާމިޔާބު ދަތުރުފުޅެކެވެ. މި ދަތުރުފުޅުގެ ސަބަބުން ދިވެހި އިންވެސްޓަރުންނަށް ލަންކާގައި ވިޔަފާރި ކުރުމަށް ގިނަ ފުރުސަތުތަކެއް ހުޅުވިގެން ގޮސްފައިވާ ކަމަށްވެސް ސަފީރު ފާހަގަކުރެއްވިއެވެ.
އެގޮތުން، ސްރީލަންކާގެ ޤާނޫނީ އިމުގެ ތެރެއިން ދިވެހި ވިޔަފާރިވެރިންނަށް ދިގު މުއްދަތަށް ބިން ކުއްޔަށް ދިނުމަށް ލަންކާ ސަރުކާރުން ބޭނުންވާ ކަމަށާއި، މިއީ ދިވެހި އިންވެސްޓަރުންނަށް ލަންކާގެ އިޤްތިސާދުން ފައިދާ ނެގުމަށް ލިބިގެންދާ ރަނގަޅު ފުރުސަތެއް ކަމަށް ސަފީރު ވިދާޅުވިއެވެ. މީގެ އިތުރުން، ލަންކާގައި ހޮސްޕިޓަލްތައް އޮޕަރޭޓް ކުރުމުގެ ފުރުސަތު ދިވެހިންނަށް ހޯދައިދިނުމާ ބެހޭގޮތުންވެސް މި ދަތުރުފުޅުގައި މަޝްވަރާކުރެވިފައިވާ ކަމަށް އޭނާ ހާމަކުރެއްވިއެވެ.
ލަންކާގައި ވިޔަފާރިކުރަން ބޭނުންވާ ފަރާތްތަކަށް ދިވެހި އެމްބަސީން ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދޭނެ ކަމަށްވެސް ސަފީރު މައްސޫދު އިމާދު ވިދާޅުވިއެވެ. މިކަމުގެ ސަބަބުން ދެގައުމުގެ ދެމެދުގައިވާ އިޤްތިސާދީ ގުޅުން އިތުރަށް ވަރުގަދަވެ، ދިވެހި އިންވެސްޓަރުންނަށް ބައިނަލްއަޤްވާމީ މާކެޓްތަކަށް ނުކުތުމުގެ ދޮރުތައް ހުޅުވިގެންދާނެ ކަމަށް ބެލެވެއެވެ.







