ޓޫރިޒަމް ޓްރަސްޓް ފަންޑް އުފެއްދީ އިންޑަސްޓްރީގައި މިލިއަން ޑޮލަރު އަނބުރާ މީހުންނަށް މޭޒު ކައިރިން ޖާގަ ނުދޭ ގޮތަށް

ފަތުރުވެރިކަމުގެ ސިނާއަތަށް އަމާޒުކޮށްފައިވާ ޓޫރިޒަމް ޓްރަސްޓް ފަންޑު އުފައްދައިފިއެވެ. މި ފަންޑު އުފައްދާފައި ވަނީ ޓޫރިޒަމްގެ ދާއިރާގައި މިލިއަން ޑޮލަރު އަނބުރާ މީހުން ހަނދާންނައްތާލާފައެވެ. ފަންޑު ހިންގަން އެކުލަވާލާފައިޥާ ކޮމިޓީގެ މޭޒުދޮށުންވެސް މިއިން ފަރާތަކަށް ޖާގަ ދީފައެއް ނުވެެއެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ގެޒެޓުކޮށްފައިވާ ޓޫރިޒަމް ޓްރަސްޓް ފަންޑުން ޚަރަދުކުރެވޭނެ ދާއިރާތައް ކަނޑައަޅައިފައި ވެއެވެ، މި ފަންޑަކީ މާލިއްޔަތު ޤާނޫނުގެ ދަށުން ޤާއިމުކޮށްފައިވާ ކުރީގެ ފަތުރުވެރިކަމުގެ ސިނާޢަތުގެ ޓްރަސްޓް ފަންޑު އުވާލުމަށްފަހު، ދިވެހިރާއްޖޭގެ ޓޫރިޒަމާ ބެހޭ ޤާނޫނުގެ ދަށުން އުފައްދާފައިވާ އައު ފަންޑެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި އަހަރުގެ މާރިޗު 19 ވަނަ ދުވަހު ތަސްދީޤުކުރެއްވި މި ފަންޑުގެ މައިގަނޑު މަޤްޞަދަކީ ފަތުރުވެރިކަމުގެ ދާއިރާ ތަރައްޤީކޮށް ކުރިއެރުވުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމާއި، ރައްޔިތުންނަށް ދެމެހެއްޓެނިވި މަންފާ ހޯދައިދިނުން ކަމަށް މަގްސަދުގައި ހިމެނެއެވެ.

ޓޫރިޒަމް ޓްރަސްޓް ފަންޑުގެ ރައުސްމާލު އެކުލެވިގެންވަނީ ހަތަރު މައިގަނޑު ބައެއްގެ މައްޗަށެވެ. މީގެ ތެރޭގައި ހިމެނެނީ ފަތުރުވެރިކަމާބެހޭ ވުޒާރާއިން ހިންގާ ޓޫރިޒަމްގެ ހަރަކާތްތަކަށް ލިބޭ ސްޕޮންސަރޝިޕް ފައިސާ، ސީއެސްއާރުގެ ގޮތުގައި ލިބޭ ފައިސާ، އިންވެސްޓްމަންޓްތަކުން ލިބޭ ފައިސާ އަދި ތަމްރީނުތަކަށް ދޭ ފައިސާއެވެ.

ފަންޑު ހިންގުމަށް 7 މެންބަރުންގެ ކޮމިޓީއެއް އެކުލަވާލެވޭނެއެވެ. މި ކޮމިޓީގައި ހިމެނޭނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް، ފަތުރުވެރިކަމާބެހޭ ވުޒާރާ، މާލީ ވުޒާރާ، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާ، ބަންޑާރަ ނައިބުގެ އޮފީސް، އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާވެށްޓާބެހޭ ވުޒާރާ އަދި މީރާގެ ފަރާތުން މެންބަރުންނެވެ. މާނައަކީ ފަންޑު ހިންގުމުގައި ސިނާއަތުގެ އަޑު އިއްވާނެ ފަރާތެއް ނީންނާނެއެވެ.

ގަވާއިދުގައިވާ ގޮތުން ކޮންމެ އަހަރެއްގެ އަހަރީ ރިޕޯޓާއި މާލީ ހިސާބުތަކުގެ ރިޕޯޓު އެ އަހަރެއް ނިމޭތާ 3 މަސް ދުވަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާއަށާއި، ރައްޔިތުންގެ މަޖިލީހަށާއި، މާލީ ވުޒާރާއަށާއި އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅަންޖެހޭނެއެވެ. އަދި މި ރިޕޯޓުތައް ހުށަހަޅާތާ ދެ މަސް ދުވަހުގެ ތެރޭގައި އޮޑިޓަރ ޖެނެރަލް އޮޑިޓްކޮށް، އެ ރިޕޯޓު ރައްޔިތުންގެ މަޖިލީހަށް ފޮނުވަންޖެހޭނެއެވެ.

މި ފަންޑު ހިންގުމުގައި ދެފުށް ފެންނަ އުސޫލު ހިންގުމުގެ ތަދުމަޑުކަމެއް އުޅޭކަންވެސް ފާހަގަ ކުރެވެއެވެ. ގައުމީ އިގްތިސާދުގެ ލޭނާރުކަމުގައިވާ ފަތުރުވެރިކަމާ ބެހޭ ފަންޑުގެ މުއާމަލާތު އާންމުކޮށް ހުޅުވާލެވިގެން ހިންގުމުގެ ބެސްޓްޕްރެކްޓިސްއަކަށް ވާންވާނީ، ފަންޑު ހިންގި ގޮތުގެ ރިޕޯޓު އާންމުކޮށް ގެޒެޓު ކުރުން ކަމަށްވާއިރު އެކަން ކުރުމަށް ގަވާއިދުގައި ލާޒިމުކޮށްފައެއް ނުވެއެވެ. ސަރުކާރުން ނިޒާމީ ފެންވަރެއްގައި އެމްއެމްޕީއާރްސީން ހިންގާފައިވާ ކޮރަޕްޝަން ގެ މައްސަލަ ޚިޔާލަށް އަންނަ ހިނދު މިފަދަ ރިޕޯޓެއް ގެޒެޓު ކުރުމުގެ މުހިންމުކަން އިހުސާސް ކުރެވޭ ކަމަށް އިންޑަސްޓްރީގެ ބައެއް ފަރާތްތަކުން ބުނެއެވެ.

ހިއްސާ ކުރައްވާ!