ޙަސަން ލަޠީފް މޫސާ
ޢަބްދުﷲ ބްނު ޢަމްރު ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ އަށް ދެންނެވުނެވެ. މީސްތަކުންގެތެރެއިން އެންމެ މާތް މީހަކީ ކޮބައިތޯއެވެ؟
އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. [ކޮންމެ، މަޚްމޫމު ހިތަކާއި، ތެދުވެރި ދުލެއްގެ ވެރިއެކެވެ.]
އެ ބޭކަލުން ދެންނެވިއެވެ. ތެދުވެރި ދުލުގެ ވެރިޔާ އަޅުގަނޑުމެންނަށް އެނގެއެވެ. އެކަމަކު، މަޚްމޫމު ހިތުގެ ވެރިޔަކީ ކޮބައިތޯއެވެ؟
އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ: [އެއީ، ތަޤްވާވެރި، ސާފު، ފާފައެއް ނެތް، އަނިޔާވެރިކަމެއް ނެތް، ރުޅިވެރިކަމެއްނެތް، ޙަސަދައެއް ނުވާ ހިތެވެ.]
ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ގެ މި މަތިވެރި ޙަދީޘްގައި، މީސްތަކުންގެ ތެރެއިން އެންމެ މާތް މީހާ ސިފަކޮށްދެއްވިއިރު، އެ ސިފަތައް ގުޅިފައި މިވަނީ، ވަރަށް މުހިއްމު ދެ ގުނަވަނަކާއެވެ. އެއީ، އޭނާގެ ހިތާއި ދުލެވެ.
މި ހަދީޘުން ދޭހަވަނީ، އެންމެ މާތް މީހާގެ ހިތަށް ވަރަށް މުހިއްމު ހަ ސިފައެއް ލިބިގެން ވާކަމެވެ.
އެއީ، ތަޤްވާވެރިކަމާއި، ހިތުގެ ސާފުކަމާއި، ފާފައިން ޠާހިރުވެގެންވުމާއި، އަނިޔާވެރިކަމުން ސަލާމަތްވެގެންވުމާއި، ރުޅިވެރިކަމުން ސަލާމަތްވެގެންވުމާއި، ޙަސަދައިން ސަލާމަތްވެގެންވުމެވެ.
ދެން އޮތީ ދުލުގެ ވާހަކައެވެ. އެހެން ޙަދީޘެއްގައި އެ ކަލޭގެފާނު ދޫފުޅުގައި ހިއްޕަވައިގެން ހުންނަވުމަށްފަހު މުޢާޒު ބްނު ޖަބަލް އާ މުޚާޠަބުކުރައްވައި ޙަދީޘްކުރެއްވިއެވެ. [ތިބާ މި ގުނަވަން ހިފަހައްޓާށެވެ!] މީގެ މާނައަކީ ފާފަވެރިވާނެފަދަ ވާހަކަތަކުން ދޫ އެކަހެރިކުރާށެވެ.
މުޢާޒު ދެންނެވިއެވެ. އަޅުގަނޑުމެން ދައްކާ ވާހަކައިގެ ސަބަބުން އަޅުގަނޑުމެން ފާފަވެރި ވާނެތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. [ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ! މީސްތަކުން އެކޮޅުކޮޅުން ނަރަކައަށް ވެއްޓެނީ އެ މީހުންގެ ދުލުން ލިބިގަންނަ ފާފަތައް ފިޔަވައި ދެން އެހެން ކޮން ކަމަކުންހެއްޔެވެ؟]
ދުޢާއަކީ ﷲ ތަޢާލާ އަޅުގަނޑުމެންނަށް ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ގެ މިފަދަ އިރުޝާދުތަކާ އެއްގޮތަށް އުޅުމުގެ ހެޔޮ ތައުފީޤް ދެއްވުމެވެ. آمين!







