މާލީ މުޢާމަލާތްތަކަކީ ހުއްދަ މުޢާމަލާތުތަކެއްކަން ޔަޤީންކުރުމުގެ މުހިއްމުކަން

ޙަސަން ލަޠީފް މޫސާ
މިހާރަކަށް އައިސް، އިންޓަރނެޓްގެ އެކިއެކި ވަސީލަތްތައް މެދުވެރިކޮށް ހިންގޭ މާލީ ސްކީމްތަކުން ލިބޭ ފައިދާތައް ފެނުމުން އެއަށް ދަހިވެތިވެ، އެއީ އިސްލާމްދީން ހުއްދަކުރާ މުޢާމަލާތެއްތޯ، ނުވަތަ ނޫންތޯ ބެލުމެއް ނެތި އެފަދަ ސްކީމްތަކުގައި އެތައް ހާސް ބަޔަކު ބައިވެރިވަމުން އެބަ ދެއެވެ. އަދި ހަމަ އެހެންމެ، ދަރަނި އަދާކުރާއިރު އިތުރަށް ދޭން ޝަރުޠުކޮށްފިނަމަ އެ އިތުރުވާ ބަޔަކީ ރިބާކަން ކީރިތި ރަސޫލާ ޞައްލﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘްފުޅުތަކުންނާއި އުއްމަތުގެ ޢިލްމުވެރިންގެ ބަސްފުޅުން ސާބިތެވެ. އަދި ރިބާގެ އިތުރުން ޖުވާފަދަ މަކަރާއި ޙީލަތުން ހިންގޭ މާލީ މުޢާމަލާތު ތަކާއި ގޮތްނޭނގޭ ގޮތަށް ކުރެވޭ މާލީ މުޢާމަލާތުތަކަކީވެސް އިސްލާމްދީން ހުއްދަކުރާ މުޢާމަލާތުތަކެއް ނޫނެވެ. އަދި އަޞްލު ތަކެތީގެ ބަދަލުގައި ފޭކު ތަކެތި ވިއްކުމަކީވެސް މިފަދަ އޮޅުވާލުން ހިމެނޭ މުޢާމަލާތެކެވެ. އެހެންކަމުން އެފަދަ ތަކެތި ގަނެ ވިއްކުން ހުއްދަވާނީ އެއީ ފޭކު ތަކެތިކަން އެނގޭ ގޮތަށް ވިއްކާނަމައެވެ.
ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައި ވެއެވެ. "لَيَأْتِيَنَّ علَى النَّاسِ زَمَانٌ، لَا يُبَالِي الـمَرْءُ بما أخَذَ المالَ، أمِنْ حَلالٍ أمْ مِن حَرامٍ". صحيح البخاري. މާނައީ: [އިންސާނާއަށް އޭނާ ހޯދި މުދަލަކީ ޙަލާލު ގޮތުގައި ހޯދި މުދަލެއްކަން ނުވަތަ ޙަރާމް ގޮތުގައި ހޯދި މުދަލެއްކަން ބެލުމުގައި ވަރިހަމަ ކޮށްލާނެ ޒަމާނެއް އަންނާނެއެވެ.]
މިއަދު އަޅުގަނޑުމެންގެ ޢަމަލުތައް ހުރިތަން ފެންނަނީ މިފަދަ ގޮތަކަށެވެ. އަދި އެހެން ޙަދީޘެއްގައި އެކަލޭގެފާނު ޙަދީޘްކުރައްވާފައިވެއެވެ.
"إنَّ الحَلالَ بَيِّنٌ، وإنَّ الحَرامَ بَيِّنٌ، وبيْنَهُما مُشْتَبِهاتٌ لا يَعْلَمُهُنَّ كَثِيرٌ مِنَ النَّاسِ، فَمَنِ اتَّقَى الشُّبُهاتِ اسْتَبْرَأَ لِدِينِهِ، وعِرْضِهِ، ومَن وقَعَ في الشُّبُهاتِ وقَعَ في الحَرام…" صحيح مسلم. މާނައީ: [ހަމަ ކަށަވަރުން ޙަލާލު ކަންތަކާއި ޙަރާމް ކަންތައްވަނީ ކަނޑައެޅި ބަޔާންވެގެންނެވެ. އެ ދެމެދުގައި އެއީ ޙަލާލުކަމެއްކަން ނުވަތަ ޙަރާމް ކަމެއްކަން ގިނަ ބަޔަކަށް ނޭނގޭ ކަންތައްތަކެއް ވެއެވެ. އެފަދަ ޝުބުހަ ކަންތައްތަކަށް ރައްކާތެރިވެއްޖެ މީހާވަނީ ފާފަތަކުން އޭނާގެ ދީން ރައްކާތެރިކޮށް ތުހުމަތުތަކާއި ނުބައި ހީތަކުން އޭނާގެ އަބުރު ރައްކާތެރިވުމަށް އެދިފައެވެ. އަދި އެފަދަ ޝުބުހަ ކަންތައްތަކުގެ ތެރެއަށް ވެއްޓިއްޖެ މީހާ އެ ވަނީ ޙާރާމުގެ ތެރެއަށް ވެއްޓިފައެވެ.]
މާލީ މުޢާމަލާތްތަކަކީ ޢާއްމު ގޮތެއްގައި އިސްލާމްދީނުގައި ހުއްދަ ކުރައްވާފައިވާ މުޢާމަލާތްތަކެކެވެ. ނަމަވެސް އެއިން މުޢާމަލާތެއްގެ ތެރެއަށް އަނިޔާވެރިކަމާއި ފަސާދައާއި އޮޅުވާލުން ވަދެއްޖެނަމަ އެ ހިސާބުން އެ އޮތީ ޝަރީޢަތާ ޚިލާފުވެފައެވެ. އެފަދަ އެއްވެސް މުޢާމަލާތެއް ހުއްދައެއް ނުވާނެއެވެ.
ﷲ ތަޢާލާ ވަނީ ވިޔަފާރި ހުއްދަ ކުރައްވައި ރިބާ ޙަރާމްކުރައްވާފައެވެ.
ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. وَأَحَلَّ اللَّهُ الْبَيْعَ وَحَرَّمَ الرِّبَا ۚ سورة البقرة މާނައީ: [ވިޔަފާރި ކުރުންވަނީ، اللَّه، ހުއްދަ ކުރައްވާފައެވެ. އަދި، رِبا ވަނީ حرام ކުރައްވާފައެވެ.]
ރިބާ ޙަރާމްކުރެއްވުމުން މައްކާގެ މުޝްރިކުން ބުންޏެވެ.
إِنَّمَا الْبَيْعُ مِثْلُ الرِّبَا ۗ މާނައީ: [ވިޔަފާރި ވާކަން ކަށަވަރީ، رِبا ކަހަލަކަމެއް ކަމުގައެވެ.]
ﷲ ތަޢާލާ ރިބާ ޙަރާމްކުރެއްވީ އޭގައި ފަސާދައާއި ގެއްލުން ހިމެނޭތީއެވެ.
ހަމަ އެހެންމެ ދަރަންޏަކީވެސް އިސްލާމްދީން ހުއްދަކުރާ މުޢާމަލާތެކެވެ. ނަމަވެސް ދަރަނި އަދާކުރާއިރު އިތުރަށް ދޭން ޝަރުޠުކޮށްފިނަމަ އެ އިތުރުވާ ބަޔަކީ ރިބާކަން ކީރިތި ރަސޫލާ ޞައްލﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘްފުޅުތަކުންނާއި އުއްމަތުގެ ޢިލްމުވެރިންގެ ބަސްފުޅުން ސާބިތެވެ.
ދެން އޮތީ އޮޅުވާލުމުގެ މައްސަލައެވެ. އޮޅުވާލައިގެން ކުރެވޭ ވިޔަފާރީގެ މުޢާމަލާތުތަކަކީ އިސްލާމީ ޝަރީޢަތް ހުއްދަކުރާ މުޢާމަލާތުތަކެއްނޫނެވެ. މިކަމުގެ ދަލީލަކީ ހަދީޘް
"مَنْ غَشَّنَا فَلَيْسَ مِنَّا" مجمع الزوائد. މާނައީ: [އަހަރުމެންނަށް އޮޅުވާލާ ބަޔަކީ އަހަރުމެންގެ ތެރެއިން ވާ ބަޔަކު ނޫނެވެ.]
މިހެން ހަދީޘްކުރެއްވި ސަބަބަކީ، ބާޒާރުގެ ތެރެއިން ގޮދަން ވިއްކަން އިން މީހެއްގެ ކައިން ވަޑައިގަންނަވަމުން އޭނާ ވިއްކަން ބަހައްޓާފައި ހުރި ގޮދަންފުނީގެ ތެރެއަށް އެކަލޭގެފާނުގެ އަތްޕުޅު ކޮއްޕަވައިލައްވައި ނެންގެވިއިރު އަޑީގައިހުރި ގޮދަން ހުރީ ތެތްވެފައެވެ. އެކަމާ ބެހޭގޮތުން އެކަލޭގެފާނު އޭނާއާ ސުވާލުކުރެއްވުމުން އޭނާގެ ޖަވާބަކަށްވީ، ގޮދަންފުންޏަށް ވާރޭގެ އަސަރު ކުރުމުން، އެބައި ގެ މައްޗަށް ނުތެމިހުރި ގޮދަން އަޅައި އެބައި ފޮރުވީ ކަމަށެވެ. ދެން މިގޮތަށް އޭނާއަށް ޙަދީޘްކުރެއްވިއެވެ.
އަޞްލު ތަކެތީގެ ބަދަލުގައި ފޭކު ތަކެތި ވިއްކުމަކީވެސް މިފަދަ އޮޅުވާލުން ހިމެނޭ މުޢާމަލާތެކެވެ. އެހެންކަމުން އެފަދަ ތަކެތި ގަނެ ވިއްކުން ހުއްދައެއް ނުވާނެއެވެ. ނަމަވެސް ވިއްކާއިރު އެއީ އަޞްލު އެއްޗެއް ނޫންކަން ބުނެދިނުމަށްފަހު ދެފަރާތުގެ ރުހުމާއެކު ވިޔަފާރި ކޮށްފިނަމަ އެ މުޢާމަލާތުގައި މައްސަލައެއް ނެތެވެ. މީގެ ދަލީލަކީ:
ޙަދީޘް "فإنْ صَدَقا وبَيَّنا بُورِكَ لَـهُمَا فِيْ بَيْعِهِمَا، وإنْ كَذَبَا وكَتَمَا مُحِقَتْ بَرَكَةُ بَيْعِهِمَا". صحيح مسلم. މާނައީ: [ފަހެ ވިޔަފާރިކުރާ ދެމީހުން ތެދުވެރިވެ، ވިއްކާ އެތީގައި ހުރި ރަނގަޅުކަން ނުވަތަ ޢައިބު ބަޔާންކޮށްދީފިނަމަ އެ ދެމީހުންގެ ވިޔަފާރީގައި ބަރަކާތް ލެއްވޭހުށްޓެވެ. އަދި ދެފަރާތުން ދޮގުހަދައި އައިބު ފޮރުވައިފިނަމަ އެ ދެމީހުންގެ ވިޔަފާރީގެ ބަރަކާތް ކެނޑިދާހުށްޓެވެ.]
މި ޙަދީޘުގައި ދެ ފަރާތުން ތެދުހެދުމާއި ފޮރުވުމުގެ ވާހަކަ އޮތުމުން އޭގެ މުރާދާމެދުވެސް ވިސްނާލުން މުހިއްމެވެ. އެހެނީ ގަންނަން ދާ މީހާވެސް އަގު ކުޑަކުރުވުމުގެ ގޮތުން މިވެނި ފިހާރައެއްގާ މާ އަގުހެޔޮކޮށް ތިޔަ ތަކެތި އެބަ ވިއްކައޭ ކިޔައިގެން ދޮގުހެދުމަކީވެސް ވިޔަފާރީގެ ބަރަކާތް ކެނޑޭނެ ކަމެކެވެ.
ރިބާގެ ފާފައިގެ ބޮޑުކަން އެއާ ބެހޭގޮތުން އައިސްފައިވާ ނައްޞުތަކަށް ވިސްނާލުމުން އެނގޭނެއެވެ.
ބަޤަރާ ސޫރަތުގެ 275 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނާގައި ވެއެވެ. [ރިބާ ކާ މީހުން، ޖިންނި މޮޔަވެގެން، ޝައިޠާނާ ތަޅުވަމުން ފޮޅުވަމުން ގެންދާ މީހަކު ތެދުވާފަދައިން މެނުވީ ޤިޔާމަތް ދުވަހުން އެއުރެން ކަށްވަޅުން ނުތެދުވާނެތެވެ….]
އަދި ހަމަ އެހެންމެ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘްފުޅުތަކުން އެނގޭ ގޮތުގައި ރިބާ ހަތްދިހަ ތިންބަޔަށް ބެހިފައި ވެއެވެ. އޭގެ ތެރެއިން އެންމެ ލުއި ބައިވެސް އެ މީހެއްގެ މަންމައާ އިނުން ފަދައެވެ.
ޖުވާ (ގޭމްބްލިންގ) އާއި ބެޓް ކުރުމާއި މިފަދަ ކަންކަމަކީވެސް އިސްލާމްދީން ވަރަށް ބޮޑަށް ޙަރާމްކުރައްވާފައިވާ ކަންތައްތަކެވެ.
ވީމާ، މުދާ ހޯދުމުގައި މި ޒަމާނުގައި މުޖްތަމަޢުގައި ފެތުރި ނޯމަލައިޒް ވެފައިވާ ކަންތައްތަކާމެދު ބޮޑުވަރިހަމަ ނުކުރައްވައި، އެއީ ހުރިހާ ކަމަކަށް ކުޅަދުންވަންތަ އިލާހުގެ ޙަޟްރަތުން ވަޢީދުގެ ބަސްތައް އައިސްފައިވާ ކަންތައްތަކެއް ކަމާއި އެ ޙުކުމްތަކާމެދު ޣާފިލުވެވިއްޖެނަމަ ދެ ދުނިޔެއިން ލިބިދާނެ ނިކަމެތިކަމާއި އުޚްރަވީ ޢަޛާބު އަބަދާއި އަބދު ހަނދުމަކުރެއްވުމާއެކު، ޙަލާލު ރިޒްޤުގެ ދޮރުތައް ތަނަވަސްކޮށްދެއްވުން އެދި އެ އިލާހުގެ ޙަޟްރަތުގައި ދެންނެވުމަށްވުރެ މޮޅު ގޮތެއް ނޯންނާނެކަމީ ޝައްކެއްވެސް އޮތް ކަމެއް ނޫނެވެ.
25.07.2025
ހިއްސާ ކުރައްވާ!