ޙަސަން ލަޠީފް މޫސާ
وَعَنْ أَبِيْ هُرَيْرَةَ، عَبْدِ الرَّحْمَنِ بْنِ صَخْرٍ رَضِيَ اللهُ عَنْهُ: މާތް ﷲ ރުއްސުންލެއްވި، އަބޫ ހުރައިރާ، ޢަބްދުއްރަޙްމާނު ބްނު ޞަޚްރު ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ.
قَالَ: އެ ކަލޭގެފާނު ވިދާޅު ވިއެވެ.
قَالَ رَسُولُ اللَّهِ ﷺ : ރަސޫލުﷲ ﷺ ޙަދީޘް ކުރެއްވިއެވެ.
"إِنَّ اللَّهَ لَا يَنْظُرُ إِلَى أَجْسَادِكُمْ، وَلاَ إِلَى صُوَرِكُمْ": [ހަމަ ކަށަވަރުން، މާތް ﷲ، ތިޔަބައިމީހުންގެ ހަށިތަކަކަށް ބައްލަވާވޮޑިއެއް ނުގަންނަވައެވެ.]
(އެބަހީ: މީހެއްގެ ރީތިކަމާއި ހުތުރުކަން، ދޮންކަމާއި ކަޅުކަން، އެއީ މީހާއަށް ދަރުމައާއި ޘަވާބު ދެއްވާނެ، ނުވަތަ ޢަޛާބު ދެއްވާނެ ކަމެއް ނޫނެވެ.)
"وَلَكِنْ يَنْظُرُ إِلَى قُلُوبِكُمْ وَ أَعْمَالِكُمْ" رواه مسلم.: [އެކަމަކު އެކަލާނގެ ބައްލަވާވޮޑިގަންނަވަނީ، ތިޔަބައިމީހުންގެ ހިތްތަކަށާއި،{އެބަހީ: ނިޔަތުގެ މައްޗަށާއި}ތިޔަބައިމީހުންގެ ޢަމަލުތަކަށެވެ.]
މި ޙަދީޘުން ލިބޭ ފައިދާތައް:
1- ހިތަކީ ކިތަންމެ ކުޑަ ގުނަވަނެއް ކަމުގައި ވިޔަސް އެއީ ވަރަށް މުހިއްމު ގުނަވަނެއްކަން:
މިކަން ބަޔާންކޮށްދެއްވައި، ކީރިތި ރަސޫލާ ﷺ ޙަދީޘްކުރައްވާފައިވެއެވެ:
«أَلَا وَإِنَّ فِي الْجَسَدِ مُضْغَةً إِذَا صَلَحَتْ صَلَحَ الْجَسَدُ كُلُّهُ، وَإِذَا فَسَدَتْ فَسَدَ الْجَسَدُ كُلُّهُ، أَلَا وَهِيَ الْقَلْبُ». متفق عليه. މާނައީ: [ދަންނާށެވެ! ހަމަކަށަވަރުން (އިންސާނާގެ) ހަށިގަނޑުގައި މަސްކޮޅެއް ވެއެވެ. އެ މަސްކޮޅު އިސްލާޙުވެއްޖެނަމަ، މުޅި ހަށިގަނޑު އިސްލާޙު ވެދެއެވެ. އަދި އެ މަސްކޮޅު ފަސާދަވެއްޖެނަމަ، މުޅި ހަށިގަނޑު ފަސާދަ ވެދެއެވެ. ދަންނާށެވެ. އެއީ ހިތެވެ.]
2- ހެޔޮކަމުގައި އެ މީހެއްގެ ހިތް، ކުރި އަރައި ދިޔަ މިންވަރަކަށް، ޢަމަލުތައްވެސް ކުރިއަރާކަން:
މިސާލަކަށް، ނަމާދު ކުރާ ދެ މީހަކު، އެ ދެ މީހުން ކުރާ ނަމާދަށް ބަލާއިރު، ޘަވާބުގެ ގޮތުން އުޑާއި ބިމާހާ ތަފާތު ހުރެދާނެއެވެ. އެކަކީ، ﷲ އަށް އިޚްލާޞްތެރިކަމާއި ބިރުވެތިކަން ހިތުގައިވާ މީހެކެވެ. އެހެންކަމުން، އޭނާ ނަމާދު ކުރަމުންދާނީ ﷲ ތަޢާލާ ދެކެދެކެ ހުރެ އަޅުކަން ކުރާ ފަދައިންނެވެ. އެފަދަ މީހުންނާ ބެހޭގޮތުން ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
﴿قَدْ أَفْلَحَ الْمُؤْمِنُونَ ﴿١﴾ الَّذِينَ هُمْ فِي صَلَاتِهِمْ خَاشِعُونَ﴾ ﴿٢﴾ المؤمنون. މާނައީ: [މުއުމިނުން ކާމިޔާބުވެއްޖެކަން ކަށަވަރެވެ. އެއުރެންނީ، އެއުރެންގެ ނަމާދުގައި ހިތްތިރިކަމާއެކުތިބޭ މީހުންނެވެ.]
އަނެކަކީ، ދެއްކުމަށް، ނުވަތަ ޣާފިލުވެހުރެ ނަމާދުކުރާ މީހެކެވެ. އެފަދަ މީހުންނާ ބެހޭގޮތުން ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
﴿وَإِذَا قَامُوا إِلَى الصَّلَاةِ قَامُوا كُسَالَىٰ يُرَاءُونَ النَّاسَ وَلَا يَذْكُرُونَ اللَّـهَ إِلَّا قَلِيلًا﴾ ﴿١٤٢﴾ النساء. މާނައީ: [އަދި، އެއުރެން ނަމާދަށް ތެދުވާއިރު، މީސްތަކުންނަށް ކަންދައްކަމުން ކަންނެތްވެތިބެ ތެދުވެތެވެ. އަދި، ވަރަށް މަދުންމެނުވީ، އެއުރެން اللَّه ހަނދުމައެއް ނުކުރެތެވެ.]
3- މި ޙަދީޘުގެ މާނަ ނުބައިކޮށް ނަގާ ބަޔަކުވެސް މުސްލިމުންގެ ތެރޭގައި އުޅެއެވެ. އެ މީހުން ބުނެ އުޅެނީ، ﷲ ތަޢާލާ ބައްލަވައި ވޮޑިގަންނަވަނީ، ތިމަންނާމެންގެ ހިތްތަކަށެވެ. ތިމަންނާމެންގެ ބޭރުފުށުގެ ޢަމަލުތައް ފުރިހަމަ ނުވިޔަސް، ތިމަންނާމެންގެ ހިތްތައް ރަނގަޅުވުމުން ފުރިހަމަ ޘަވާބާއި ދަރުމަ ލިބޭހުށްޓެވެ.
މިއީ ވަރަށް ބޮޑު ކުށް ހީއެކެވެ. އެހެނީ، ހިތުގައި އިޚްލާޞްތެރިކަން އޮތްނަމަ، ޢަމަލުންވެސް އެކަން ފެންނާނެއެވެ.
ދުޢާއަކީ ﷲ ތަޢާލާ އަޅުގަނޑުމެންނަކީ، ޢަމަލުގައި އިޚްލާޞްތެރި ބަޔަކުކަމުގައި ލެއްވުމެވެ. އަދި ނިފާޤާއި ދެއްކުންތެރިކަމާއި ޣާފިލުކަމުން އަޅަމެންގެ ހިތްތައް ސަލާމަތް ކުރެއްވުމެވެ.







