ޙުސައިން ރަޝީދު އަޙްމަދު
އަޅުގަނޑާ އަޅުގަނޑުގެ ބައެއް އަޚުން ކަމުގައިވާ ސަލަފީންނާ ވިސްނުމުގެ ތަފާތުތަކެއް އައިސްފައި އެބަ ވެއެވެ. މިސަބަބާހުރެ އޭގެތެރޭން ބައެއް ބޭފުޅުން އަޅުގަނޑާއި ފަޟީލަތުއްޝައިޚު އިދްރީސު ޙުސައިނާއި ޑރ. މަޢުރޫފު ފަދަ މީހުން ކާފަރު ކުރައްވަމުން އެބަދެއެވެ. ކަން މިހެނެ އޮތްކަމުގައި ވިއަސް އަޅުގަނޑުމެން އެއިން ބޭފުޅަކު ކާފަރެއް ނުކުރާނަމެވެ. އެއީ އެބޭފުޅުންގެ ބައެއް ޢަޤީދާ ޞައްޙަ ނޫންކަމުގައި ވިއަސް އެއީ ހަމަ ޤިބުލައިގެ އަހުލުވެރިން ކަމުގައިވާތީއެވެ.
(ހ) ފިޤުހީގޮތުން އަޅުގަނޑު ތަބާވަނީ އިމާމު ޝާފިޢީއަށެވެ. މިބޭފުޅުންނަކީ މިއަދު ބައިބައިވެފައިވާ ޙަންބަލީންނެވެ. އެކި ނަންނަމުގައެވެ. މަދްޚަލީންނާއި ޖާމީންނާއި އަލްބާނީންނާއި އެނޫން ނަންނަމެވެ.
(ށ) ޢަޤީދާގޮތުން އަޅުގަނޑަކީ އަޝްޢަރީއެކެވެ. މިބޭފުޅުން ވިދާޅުވާ ގޮތުން މިބޭފުޅުންނަކީ ސުއްނީންނެވެ. ނަމަވެސް މިބޭފުޅުންގެ މިތަޖްސީމީ ފިކުރު ފެތުރެން ފެށީ ހިޖުރައިން 8 ވަނަ ޤަރުނުގައި އިމާމު އިބްނި ތައިމިޔާއިން ފެށިގެންނެވެ. އޭގެފަހުން މެދުކެނޑިފައި އޮވެ މިޙަރަކާތް ތޮޅެންފެށަތާ މިވަނީ 280 ވަރަކަށް އަހަރެވެ. މިބޭފުޅުން މިބޭފުޅުންނަށް ސުއްނީންނޭ ވިދާޅުވާއިރު މިއޮތްބޮޑު ޙަދީޘުގެ ފަންނާއި ޤިރާއަތުގެ ފަންނުގައި އެންމެ މުހިއްމު ބަޔަކީ ރިވާޔަތްތަކުގެ އިސްނާދު ކަމުގައި ވާހިނދު އެއިން ސަަނަދުތަކުގެ ތެރޭގައި އަންނަހާ ރާވީންނަކީ އަޝްޢަރީންނެވެ. ހަމަގައިމު މިއިން ސަލަފީއަކު ނެތެވެ.
(ނ) ޤުރުއާން ކިޔެވުމުގެ ގޮތުން އަޅުގަނޑު ތަބާވަނީ އިމާމު ޢާޞިމުގެ ކިބައިން އިމާމު ޙަފްޞަށެވެ. އެބަހީ އަޅުގަނޑުމެން ދިވެހިން ކިޔަވަނީ ޙަފްޞު ޤިރާއަތަށެވެ. މިބޭފުޅުންވެސް ކިޔަވާ ވިދާޅުވަނީ ޙަފްޞު ޤިރާއަތަށްކަން ނޭގެއެވެ. ހަމަގައިމު އިމާމު ޙަފްޞުގެފާނުންގެ އަރިހުގައި ޤުރުއާނުގެ 114 ސޫރަތުގެ ކުރީން ބިސްމި ކިޔެވުން ވާޖިބެވެ. މިބޭފުޅުން ބިސްމި ކިޔަވާވިދާޅުވާ އަޑެއް ނީވެއެވެ.
ލޮބުވެތި ރަސޫލާގެ ޞަޙާބާއިންގެ ދުވަސްވަރުން ފެށިގެން މުސްލިމުން ވަނީ ސިޔާސީގޮތުން މައިގަނޑު ދެބަޔަކަށް ބެހިފައެވެ. އެއީ ނާޞިބީންނާއި ރާފިޟީންނެވެ. ނާޞިބީންނަކީ ޢަލީގެފާނާއި ލޮބުވެތި ރަސޫލާގެ އާލުބައިތުންނާއި ހާޝިމުވަންހަ ދެކެ ނުރުހޭ މީހުންނެވެ. މިބުނެވުނު ނާޞިބީން އެކި ފެންވަރަށް އުޅުނެވެ. ރާފިޟީންގެ ބައެއް މީހުންނަކީ އަލީގެފާނާއި އާލުބައިތުން ދެކެ ލޯބިވުމުގައި ޙައްދުފަހަނަޅާފައި ތިބި މީހުންނެވެ. މިގޮތުން ހަތަރު ޚަލީފާއަށްފަހުން މުސްލިމުންގެ މައްޗަށް ވެރިކަން ކުރަމުން ދިޔައީ ނާޞިބީންނެވެ. އެމީހުންގެ ނުފޫޒު އެކިގޮތްގޮތުން އިސްލާމީ ތަޤާފަތަށާއި ތާރީޚަށް އަދި އިސްލާމީ ޢިލްމުތަކަށް ފޯރަމުން ދިޔައެވެ. ދެން ސިޔާސީގޮތުން މިދެވަޅައިގެ ކަމަކީ އެއްބަޔަކު އަނެއްބަޔަކަށް ކާފަރު ކުރުމެވެ.
ޢާއްމު މުސްލިމުން ތިބީ މިބުނެވުނު ދެޖަމާޢަތާ ދުރުގައެވެ. ބައެއްފަހަރު ސިޔާސީ ނުފޫޒު ބައެއް މީހުންގެ މައްޗަށް ހިނގި ކަމުގައި ވިއަސް ވެހެވެ. ދީނުގެ ޢިލްމުވެރިންގެ ތެރޭން ސިޔާސީ މާހައުލާ ދުރުގައި ތިއްބެވި ބޭކަލުން މިއިން އެއްވެސް ޖަމާޢަތެއްގެ މައްޗަށް ކުފުރުގެ ފަތުވާއެއް ނުދެއްވައެވެ. އެންމެންނަކީ ވެސް އެކި ފެންވަރުގެ މުސްލިމުންނެވެ. ވެރިކަމުގައި ފުރަތަމަކޮޅު އޮތީ އުމަވީ ދަރިކޮޅުކަމުގައި ވެފައި އާލުބައިތުން ދެކެ މިބައިމީހުން އިންތިހާއަށް ނުރުހޭތީ ވެރިކަމުގެ ފަރާތުން ދިޔައީ ޢަލީގެފާނު ދެކެ ރުހޭ މީހަކުވިއަސް ނުވަތަ ޢަލީގެފާނަށް ސަޕޯޓުކުރާ މީހަކުވިއަސް މަރައި ހުސްކުރަމުންނެވެ. ޢަލީގެފާނަށް ސަޕޯޓުކޮށްގެން މަރާލެވުނު މީހުންގެ ތެރޭގައި ކީރިތި ރަސޫލާގެ ބައެއް އަޞްޙާބު ބޭކަލުންވެސް ހިމެނެއެވެ. މިސާލަކަށް މާތް ﷲ ރުއްސުންލެއްވި ޙުޖްރު އިބްނި ޢަދީއާއި އަބޫ ބަކުރުގެފާނުންގެ ދަރިކަލުން މުޙައްމަދެގެ ނަންފުޅު ފާހަގަ ކޮށްލަމެވެ.
ކޮންމެއަކަސް ޖުމްހޫރު ދަންނަބޭކަލުންގެ މަޛްހަބަކީ، ޝަހާދަތް ކިޔާމީހަކު ކާފިރު ނުކުރުމެވެ. ޤިބުލައިގެ އަހުލުވެރިއަކު ކާފަަރުނުވާނެ ކަމެވެ. އިމާމު ބުޚާރީއާއި މުސްލިމާއި އެނޫން އެތަކެއް ބޭކަލުން ރިވާކުރަށްވާފައި ވެއެވެ. رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘު ކުރަށްވާފައި ވެއެވެ.
إِذَا كَفَّرَ الرَّجُلُ أَخَاهُ فَقَدْ بَاءَ بِهَا أَحَدُهُمَا (މާނައީ: މީހަކުތިމާގެ މުސްލިމުއަޚަކު ކާފިރުކޮށްފިނަމަ ހަމަގައިމު އެދެމީހުންކުރެން އެކަކީ ކާފަރެއްކަމުގައި ކަނޑައެޅިއްޖެއެވެ.) މިޙަދީޘުގެ ޝަރަޙަ ކުރަށްވަމުން ޝައިޚުލް އިސްލާމް އިމާމު ނަވަވީ އަލްމިންހާޖުގެ 2/237 ގައި ވިދާޅުވެފައި ވަނީ وَذَلِكَ أَنَّ مَذْهَبَ أَهْلِ الْحَقِّ أَنَّهُ لَا يَكْفُرَ الْمُسْلِمُ بِالْمَعَاصِي كَالْقَتْلِ وَالزِّنَا (މާނައީ: މިގޮތުން ޙައްޤުގެ އަހުލުވެރިންގެ މަޛްހަބަކީ މީހުން މެރުމާއި ޒިނޭކުރުންފަދަ ބޮޑުފާފަކުރުމަކުން ވިއަސް މުސްލިމަކު ކާފަރު ނުވާނެ ކަމެވެ.) އަދިވެސް އެކަލޭގެފާނު އެފަޮތުގެ 2/238 ގައި ވިދާޅުވެފައި ވެއެވެ. لِأَنَّ الْمَذْهَبَ الصَّحِيحَ الْمُخْتَارَ الَّذِي قَالَهُ الْأَكْثَرُونَ وَالْمُحَقِّقُونَ أَنَّ الْخَوَارِجَ لَا يُكَفَّرُونَ كَسَائِرِ أَهْلِ الْبِدَعِ (މާނައީ: ބޮޑަށް ބުރަވެވޭ ޞައްޙަ މަޛްހަބަކީ އަދި ގިނަ މުޙައްޤިޤުން ވިދާޅުވަނީ އެންމެހައި ބިދުޢަވެރިންގެ ޙުކުމް ފަދައިން ޚަވާރިޖުން ކާފަރު ނުކުރެވޭނެ ކަމެވެ.)
މިވާހަކަ މިމޭރުމުން ޝައިޚުލް އިސްލާމް އިމާމު އިބްނި ޙަޖަރުވެސް ބުޚާރީގެ ޝަރަޙަ 10/480 ގައި ވިދާޅުވެފައި ވެއެވެ.
لِأَنَّ الصَّحِيحَ عِنْدَ الْأَكْثَرِينَ أَنَّ الْخَوَارِجَ لَا يَكْفُرُونَ بِبِدْعَتِهِمْ (މާނައީ: ސަލަފުގެ ގިނަ ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ޞައްޙަ ގޮތަކީ ޚަވާރިޖުން އެމީހުންގެ ބިދުޢަވެރިކަމާހުރެ ކާފަރު ނުކުރެވޭނެ ކަމެވެ.) އަދިވެސް ޝަައިޚުލް އިސްލާމް ނަވަވީ އަލްމިންހާޖުގެ 7/129 ގައި ބަޔާން ކުރަށްވާފައި ވެއެވެ. وَمَذْهَبُ الشَّافِعِيِّ وَجَمَاهِيرِ أَصْحَابهِ الْعُلَمَاءِ أَنَّ الْخَوَارِجَ لَا يَكْفُرُونَ ، وَكَذَلِكَ الْقَدَرِيَّةُ وَجَمَاهِيرُ الْمُعْتَزِلَةِ وَسَائِرُ أَهْلِ الْأَهْوَاءِ ، قَالَ الشَّافِعِيُّ رَحِمَهُ اللَّهُ تَعَالَى أَقْبَلُ شَهَادَةَ أَهْلِ الْأَهْوَاءِ إِلَّا الْخَطَّابِيَّةَ ، وَهُمْ طَائِفَةٌ مِنَ الرَّافِضَةِ يَشْهَدُونَ لِمُوَافِقِيهِمْ فِي الْمَذْهَبِ بِمُجَرَّدِ قَوْلِهِمْ فَرَدَّ شَهَادَتَهُمْ لِهَذَا لَا لِبِدْعَتِهِمْ (މާނައީ: އިމާމް ޝާފިޢީއާއި އެމަޒުހަބުގެ ގިނަ ޢިލްމުވެރިންގެ ރައުޔަކީ ޚަވާރިޖުންނަކީ ކާފިރުން ނޫން ކަމަށެވެ. އަދި ހަމައެފަދައިން ޤަދަރިއްޔާއިންނާއި ގިނަ މުޢުތަޒިލީންނާއި، އެހެނިހެން ހަވާނަފްސުގެ އެދުންތަކަށް ތަބާވާ މީހުންނަކީވެސް ކާފިރުން ނޫން ކަމަށެވެ. އަދިވެސް މާތް ﷲ ރަޙްމަތްލެއްވި އިމާމް ޝާފިޢީ ވިދާޅުވެފައިވެއެވެ. އަހުރެން ހަވާނަފްސުގެ އެދުންތަކަށް ތަބާވާ މީހުންގެ ހެކިބަސް ޤަބޫލުކުރައްވަމެވެ. އެހެނަސް ޚައްޠާބިއްޔާއިން ފިޔަވައެވެ. (ދެން ނަވަވީ ވިދާޅުވަނީ) އެއީ ޝިޔަޢީ ރާފިޟީންގެ ތެރެއިން ޖަމާޢަތެކެވެ. އެބައިމީހުން އެބައިމީހުންގެ މަޒުހަބުގައި އެބައިމީހުންނާ އެއްގޮތަށް ވިސްނާ މީހުންނަށް ހަމައެކަނި އެބައިމީހުންގެ ބަހުގެމައްޗަށް ބިނާކޮށް ހެކިދެއެވެ. އެހެންކަމުން އިމާމް ޝާފިޢީ މިބުނެވުނު ޚައްޠާބީންގެ ހެކިބަސް ބާޠިލުކުރެއްވީ މިސަބަބަށްޓަކައެވެ. އެބައިމީހުންގެ ބިދުޢައަށްޓަކައެއް ނޫނެވެ.)
ތެދެކެވެ. ކީރިތި ރަސޫލާވަނީ އާލުވެރި ބޭކަލުންދެކެ ލޯބިވުމަށް އަންގަވާފައެވެ. ކީރިތި ރަސޫލާއަށް ފަހުން އަޅުގަނޑު އެންމެ ލޯބިވަނީ ޢަލީގެފާނާއި އާލުބައިތުން ދެކެއެވެ. އެހެންކަމުން ﷲގެ އަމުރުފުޅުގެ ދަށުން އައްތަޙިއްޔާތުގައި ކިރިތި ރަސޫލާގެ މައްޗަށް ޞާލަވާތް ކިޔަވާއިރު އެޞަވާތުގައި ބައިވެރި ކުރަނީ ހަމައެކަނި އާލުވެރި ބޭކަލުންނެެވެ. އަލީގެފާނާ ބެހޭ އިތުރު ޙަދީޘުތަކާއި ބަސްފުޅުތައް ތިރީގައި ދަންނަވާލާނަމެވެ.
1- އިމާމު އަޙްމަދު ބިން ޙަންބަލް ވިދާޅުވެފައިވެއެވެ.
مَا جَاءَ لِأَحَدٍ مِنْ أَصْحَابِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَآلِهِ وَسَلَّمَ مِنَ الْفَضَائِلِ مَا جَاءَ لِعَلِيِّ بْنِ أَبِي طَالِبٍ رَضِيَ اللَّهُ عَنْهُ (މާނައީ: މާތް ﷲ ރުއްސުންލެއްވި ޢަލީ ބިން އަބީ ޠާލިބްއަށް ލިބިވަޑައިގެންފައިވާ މާތްކަމާއި މަތިވެރިކަން، رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِގެ އެއްވެސް ޞަޙާބީއަކަށް ލިބިވަޑައިގެންފައެއް ނުވެއެވެ.) މިވާހަކަ އިމާމު ތިރްމިޛީއާއި ޙާކިމު ރިވާކުރަށްވާފައި ވެއެވެ.
2- އިމާމު އަޙްމަދާއި ތިރްމިޛީ ރިވާކުރަށްވާފައި ވެއެވެ. رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ ޙަދީޘް ކުރަށްވާފައި ވެއެވެ. عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ مَنْ كُنْتُ مَوْلَاهُ فَعَلِيٌّ مَوْلَاهُ (އެމީހާގެ މައުލާ އަކަށް ތިމަންކަލޭގެފާނު ވެވަޑައިގަންނަވާ މީހާގެ މައުލާއަކީ ފަހެ ޢަލީއެވެ.) (ތިރްމިޛީ ވިދާޅުވީ ޙަސަން ޙަދީޘެއް ކަމަށެވެ.)
3- އިމާމު ޒުހުރީ ރިވާކުރަށްވާފައި ވެއެވެ. މަތީގައި ބަޔާންވެދިޔަ ކީރިތި ރަސޫލާގެ ޙަދީޘް ބަސްފުޅު އަޑު އައްސަވާފައި މާތް ﷲ ރުއްސުންލެއްވި ޢުމަަަރުގެފާނު ވިދާޅުވެފައި ވެއެވެ.
أَنَّ عُمَرَ قَالَ لِعَلِيٍّ بَخٍ بَخٍ ، أَصْبَحْتَ مَوْلَى كُلِّ مُؤْمِنٍ وَمُؤْمِنَةٍ (މާނައީ: އޭ ޢަލީއެވެ! މަރުޙަބާއެވެ! މަރުޙަބާއެވެ! މިހާރު ކަލޭގެފާނަކީ ކޮންމެ މުއުމިނު ފިރިހެނެކާއި މުއުމިނު އަންހެނެއްގެ ސާހިބާ ކަމުގައި ވެއްޖެއީމުއެވެ.) (އައްނުބަލާ:19/322)
4- އިމާމު ތިރްމިޛީއާއި ޙާކިމު ރިވާކުރަށްވާފައި ވެއެވެ. މާތް ﷲ ރުއްސުންލެއްވި ބުރަަަަަަަައިދާ ވިދާޅުވެފައި ވެއެވެ. كَانَ أَحَبَّ النِّسَاءِ إِلَى رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَآلِهِ وَسَلَّمَ فَاطِمَةُ ، وَمِنَ الرِّجَالِ عَلِيٌّ (މާނައީ: ކީރިތި ރަސޫލާގެ އަރިހު އަންހެން ކަނބަލުންގެ ތެރޭން އެންމެ ލޮބުވެތިކަން ބޮޑީ ފާޠިމަތުގެފާނެވެ. އަދި ފިރިހެން ބޭފުޅުންގެ ތެރޭން އެންމެ ލޮބުވެތިކަން ބޮޑީ ޢަލީގެފާނެވެ.) (ތިރްމިޛީ ވިދާޅުވީ ޙަސަން ޙަދީޘެއް ކަމަށެވެ. އަދި ޙާކިމް ވިދާޅުވީ ޞައްޙަ ޙަދީޘެއް ކަމަށެވެ.)
5- އިމާމު މުސްލިމު މާތް ﷲ ރުއްސުންލެއްވި ޒައިދު އިބްނި އަރްޤަމްގެ ކިބައިން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. (ޙައްޖަތުލް ވަދާޢުގެ ދަތުރުފުޅުން رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَآلِهِ وَسَلَّمَ އެނބުރި ވަޑައިގަންނަވަމުން) ދަތުރު ކުރަށްވަމުން ގޮސް ފެން ހޯދުމުގެ ބޭނުމުގައި ޣަދީރު ޚުމް ކިޔާހިސާބު ގަނޑަކަށް އެއްދުވަހަކު ޤާފިލާ މަޑުކުރިއެވެ. މިއީ މައްކާއާއި މަދީނާއާ ދެމެދު އޮންނަ ތަނެކެވެ.
މިތާގައި رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَآلِهِ وَسَلَّمَ މީސްތަކުންނާ މުޚާޠަބު ކުރަށްވައި ޚުޠްބާއެއް ދެއްވިއެވެ. އޭގައި އިތުރު އެކަލޭގެފާނު މާތް ﷲ އަށް ޙަމްދު ޘަނާ ވިދާޅުވުމަށް ފަހު ޛިކުރު ކުރެއްވިއެވެ. އެއަށްފަހު ޙަދީޘު ކުރެއްވިއެވެ. އޭ މީސްތަކުންނޭވެ! ތިމަން ކަލޭގެފާނަކީ ވެސް އިންސާނަކީމެވެ. ކޮންމެ ހިނދަކުވެސް ތިމަން ކަލޭގެފާނުންގެ އަރިހަށް މާތް ﷲގެ ޙަޟުރަތުން މަލަކުލް މައުތި ވަޑައިގެންފާނެއެވެ. އެހިނދުން ތިމަން ކަލޭގެފާނު އެކަމަށް އިޖާބަދެއްވަން ޖެހިވަޑައި ގަންނަވާނެއެވެ. ހަނދުމަ ބަހައްޓާށެވެ! ތިމަން ކަލޭގެފާނު ވަޑައިގަންނަވަނީ ތިޔަބައިމީހުންގެ ތެރެއަށް މަތިވެރި އާރުލާ ދޭއްޗެއް ދޫކުރަށްވާފައެވެ. ފުރަތައީ މަތިވެރި މާތް ﷲގެ ފޮތެވެ. އެއީ ﷲގެ އަމުރުފުޅާއި ޙުކުމްފުޅެވެ. އޭގައި އެއިލާހުގެ ޙަޟުރަތުން އައިސްފައިވާ ހިދާޔަތާއި އަލިމަގު ވެއެވެ. ﷲގެ މިފޮތް އަމިއްލަކުރާށެވެ. އޭގައި ބާރަށް ހިފަހައްޓާށެވެ. އޭގައި ހުރި ހިދާޔަތުތަކަށް ތަބާވާށެވެ. އޭގައިވާ ހުކުމްތައް ޝައުޤުވެރިކަމާއެކު ލިބިގަންނާށެވެ. ދަންނާށެވެ. އެއަށް ތަބާވެއްޖެ މީހާއީ ތެދުމަގު ލިބިގެންފި މީހެކެވެ. އެއިން އެއްކިބާވެ ދުރުހެލިވެގެންފި މީހާ މަގުފުރެދިއްޖެކަން ކަށަވަރެވެ. ދެން ޙަދީޘު ކުރެއްވިއެވެ. ދެވަނައީ ތިމަން ކަލޭގެފާނުންގެ އަހުލުބައިތެވެ. ދަންނާށެވެ.
أُذَكِّرُكُمْ اللَّهَ فِي أَهْلِ بَيْتِي (ﷲގެ ނަންފުޅުގައި ތިމަން ކަލޭގެފާނުންގެ އަހުލުބައިތުންނަށް ކަމޭހިތުމަށް ތިޔަބައިމީހުންނަށް ހަނދުމަކޮށް ދެމެވެ.) (މިފަދައިން ތިންފަހަރުމަތީން ކީރިތި ރަސޫލާ ޙަދީޘުކުރެއްވިއެވެ.) ދެން މިއަޑު އައްސަވާފައި ޙުޞައިނުގެފާނު ޒައިދަށް ދެންނެވިއެވެ. އޭޒައިދުގެފާނެވެ! އިތުރު އެކަލޭގެފާނުންގެ އަހުލު ބައިތުންނަކީ ކޮބައިތޯއެވެ؟ އެބޭކަލުންގެ ތެރޭގައި އެކަލޭގެފާނުންގެ އަނބިއަނބި ކަނބަލުން ހިމެނިވަޑައި ނުގަންނަވާތޯއެވެ؟ ޒައިދުގެފާނުން ވިދާޅުވިއެވެ. އާނއެކެވެ! އެކަނބަލުން ހިމެނިވަޑައި ނުގަންނަވައެވެ. ﷲގެ ޙައްޤުގައި ބުނަމެވެ. އެކަނބަލުންނަކީވެސް އެއްގޮތަކުން އެކަލޭގެފާނުންގެ އަހުލު ބައިތުންނެވެ. އެހެނަސް މިތާގައި އަހުލު ބައިތުންގެ މުރާދަކީ އެކަލޭގެފާނުންގެ ޢާއިލާގެ ތެރެއިން ޒަކާތުގެ މުދާ ހުއްދަނުވާ ބޭކަލުންނެވެ. އަދި ދަންނާށެވެ. މިހެނީ އަނބިމީހާއަށް ބަލާނަމަ އޭނާ ޒަމާންގަނޑެއް ވަންދެން ފިރިމީހާއާއެކު އުޅޭނެއެވެ. ދެން ވަރިވެއްޖެއްޔާ އޭނާދާނީ އޭނާގެ މައިންބަފައިންނާއި ގާތްތިމާގެ މީހުންގެގާތަށެެވެ. އެހެންކަމުން އިތުރު އެކަލޭގެފާނުންގެ އަހުލުބައިތުން ކަމުގައި ބެލެވެނީ އެކަލޭގެފާނުންގެ ނަސްލުގެ ތެރޭން ޢަޞަބާގެ ބޭކަލުންނެވެ. އެބޭކަލުންނަށްވަނީ ޒަކާތުގެމުދާ ޙަރާމްކުރެވިގެންނެވެ. އަދިވެސް ޒައިދުގެފާނު ވިދާޅުވިއެވެ. އެއީ ޢަލީގެފާނުންގެ ޢާއިލާއާއި ޢަޤީލުގެފާނުންގެ ޢާއިލާއާއި ޖަޢުފަރުގެފާނުންގެ ޢާއިލާއާއި ޢައްބާސްގެފާނުންގެ ޢާއިލާއެވެ.
6- އަދިވެސް އިމާމު މުސްލިމު ރިވާކުރަށްވާފައި ވެއެވެ. މާތް ﷲ ރުއްސުންލެއްވި ސަޢުދުގެފާނު އިބްނި އަބީ ވައްޤާޞް ވިދާޅުވެފައި ވެއެވެ. މުޢާވިޔާ އިބްނި އަބީ ސުފްޔާނުގެ ދުވަސްވަރު އެކަލޭގެފާނު ސަޢުގެފާނަށް ކަމަކަށް އަމުރު ކުރެއްވިއެވެ. ދެން އެއާގުޅިގެން ސުވާލު ކުރެއްވިއެވެ. ބަލަ ކަލޭގެފާނަށް ޚުޠުބާގައި އަބުއް ތުރާބަށް (އެބަހީ ޢަލީގެފާނަށް) ބަދުބަސް (ލަޢުނަތުގެ ބަސް) ވިދާޅުވުމަށް ހުރަސް އަޅަނީ ކޮންކަމެއްތޯއެވެ؟ (އެބަހީ އެހެން ޚަޠީބުންފަދައިން ކަލޭގެފާނު ޢާލީގެފާނަށް ލަޢުނަތްދީ ބަދުބަސްބުނެ ދުޢާނުކުރަށްވަނީ ކީއްވެގެންތޯއެވެ؟) ޖަވާބުގައި ސަޢުދުގެފާނު ވިދާޅުވިއެވެ. ޢަލީގެފާނާބެހޭގޮތުން رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَآلِهِ وَسَلَّمَ ޙަދީޘު ކުުރަށްވާފައިވާ ތިން ބަސްފުޅަކާހުރެ ހިލާ ތިމަންކަލޭގެފާނު އެކަލޭގެފާނަށް ބަދުބަހެއް ނުބުނާހުށީމެވެ. ދަންނަވަންތޯއެވެ؟
ތިމަން ކަލޭގެފާނަށް އެއިން އެންމެ ކަމެއްވެސް ލިބުމަކީ ރަތް ޖަމަލަކަށް (އެބަހީ ދުނިޔެއިން ލިބޭނެ އެންމެ އަގުބޮޑު މުދަލަކަށް) ވުރެން ތިމަން ކަލޭގެފާނުންގެ ނަޒަރުގައި ލޮބުވެތިކަން ބޮޑު ކަމެކެވެ. رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَآلِهِ وَسَلَّمَ ޙަދީޘު ކުުރެއްވިއަޑު ތިމަން އެއްސެވީމެވެ. ކޮންމެވެސް ހަގުރާމައަކަށް (އެބަހީ ތަބޫކު ހަނގުރާމައަށް) ވަޑައިގަތް ވަގުތު އިތުރު އެކަލޭގެފާނު އެކަލޭގެފާނުންގެ ޚަލީފާއެއްގެ ގޮތުގައި މަދީނާގެ ވެރިއަކަށް ޢަލީގެފާނު ކަނޑައެޅުއްވިއެވެ. އެހިނދު ޢަލީގެފާނު ކީރިތި ރަސޫލާއަށް ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއެވެ! ކަލޭގެފާނު އަންހެނުންނާއި ކުޑަކުދިންނާއެކު އުޅުމަށް ތިމަންކަލޭގެފާނު މަދީނާއަށް ދޫކޮށްލައްވަނީތޯއެވެ؟
ޖަވާބުގައި رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَآلِهِ وَسَلَّمَ ޙަދީޘު ކުރެއްވިއެވެ. أَمَا تَرْضَى أَنْ تَكُونَ مِنِّي بِمَنْزِلَةِ هَارُونَ مِنْ مُوسَى ތިމަންކަލޭގެފާނުންގެ އަރިހުގައި ކަލޭގެފާނަށް ދެވިފައިވާ މަޤާމަކީ މޫސާގެފާނުންގެ އަރިހުގައި ހާރޫނުގެފާނަށް ދެވިފައިއޮތް މަޤާމެވެ. އެކަމަށް ކަލޭގެފާނު ރުހިވަޑައި ނުގަންނަވަނީތޯއެވެ؟ ތަފާތަކީ ތިމަންކަލޭގެފާނަށް ފަހަކު ނަބިއްޔަކު ވަޑައި ނުގަތުމެވެ. ކީރިތި ރަސޫލާގެ އަރިހުން ތިމަން އަޑު އެއްސެވި ދެވަނަ ވާހަކަފުޅަކީ ޚައިބަރު ހަނގުރާމައިގެ ތެރޭގައި އިތުރު އެކަލޭގެފާނު އިޢުލާން ކުރެއްވި ބަސްފުޅެވެ.
لَأُعْطِيَنَّ الرَّايَةَ غَدًا رَجُلٌ يُحِبُّهُ اللَّهُ وَرَسُولُهُ يَفْتَحُ اللَّهُ عَلَيْهِ މާދަން ތިމަން ކަލޭގެފާނު ހަނގުރާމައިގެ ދިދަ ދެއްވާހުށީ ﷲއާއި އެއިލާހުގެ ރަސޫލާ ދެކެ ލޯބިވާ، އަދި އެމީހަކު ދެކެ ﷲއާއި އެއިލާހުގެ ރަސޫލާ ލޮބުވެތިވެ ވޮޑިގަންނަވާ މީހަކަށެވެ. އޭނާގެ އަތްމައްޗަށް ﷲ މިރަށް ފަތަޙަކޮށް ދެއްވާނެއެވެ. އެހިނދު ތިމަންމެން އެންމެން އެކަމަށް އެދިއެދި ތިއްބައި ޙަދީޘު ކުރެއްވިއެވެ. ތިމަން ކަލޭގެފާނުންގެ އަރިހަށް ޢަލީގެފާނު ގެނެސްބަލާށެވެ. ދެން ޢަލީގެފާނު ވަޑައިގަތް ހިނދު އެކަލޭގެފާނުންގެ ލޯފުޅަށް ލޮލުރޯގާ ޖެހި ލޯފުޅުގައި ރިއްސާތީވެ އިތުރު އެކަލޭގެފާނު އެކަލޭގެފާނުންގެ ބަރަކާތްތެރި ކުޅުފޮދިވަރެއް ޢަލީގެފާނުންގެ ލޯފުޅަށް އެޅުއްވުމަށްފަހު ދިދަ ދެއްވާފައި ލަޝްކަރާއިގެން ހަނގުރާމައަށް ފޮނުއްވެވިއެވެ.
މާތް ﷲގެ އިރާދަފުޅުން ޢަލީގެފާނުންގެ އަތްޕުޅު މައްޗަށް ޚައިބަރު ފަތަޙަވިއެވެ. ޢަލީގެފާނާ ބެހޭގޮތުން ކީރިތި ރަސޫލާގެ އަރިހުން އައިސްފައިވާ ތިންވަނަ ވާހަކައަކީ ﷲގެ ވަޙީބަސްފުޅު ]فَقُلْ تَعَالَوْا نَدْعُ أَبْنَاءَنَا وَأَبْنَاءَكُمْ… [ (މާނައީ: އޭ ރަސޫލާއެވެ! ކަލޭގެފާނަށް ޙަޤީޤަތް ލިބިވަޑައިގަތުމަށް ފަހުވެސް، ޢީސާގެފާނާ ބެހޭގޮތުން ނަޞާރާއިން ކަލޭގެފާނާ އަރައިރުންވެ ޖަދަލުކުރާނަމަ އެއުރެންގެގާތު މިފަދައިންވިދާޅުވާށެވެ! ނިކަން ތިމަންމެންނާއި ތިޔަބައިމީހުން، އަދި ތިމަންމެންގެދަރިންނާއި ތިޔަބައިމީހުންގެ ދަރިން އަދި ތިމަންމެންގެ އަންހެންވެރިންނާއި ތިޔަބައިމީހުންގެ އަންހެންވެރިން އެންމެން އެއްތަނަކަށް ގެނެސް ދުޢާކުރަމާ ހިނގާށެވެ. ދެން ދޮގުވެރި އަނިޔާވެރިންނަކީ ކޮބައިކަން ބެލުމަށްޓަކައި އިޚްލާޞްތެރިކަމާއެކު ބިރުވެތިވެތިބެ ﷲއަށް ދަންނަވާނީއެވެ.) މިއާޔަތް ބާވައިލެއްވުނުހިނދު އިތުރު އެކަލޭގެފާނު ގޮވާލައްވަނީ ޢަލީގެފާނަށާއި ފާޠިމަތުގެފާނަށާއި ޙަސަންގެފާނަށާއި ޙުސައިންގެފާނަށެވެ. ދެން ﷲގެ ޙަޟުރަތުގައި ކީރިތި ރަސޫލާ މިފަދައިން ދެންނެވިއެވެ. اللَّهُمَ هَؤُلاِءِ أَهْلُ بَيْتِي އޭ އަޅުގެވެރި އިލާހެވެ. މިތިބީ އަޅުގެ އަހުލުވެރިންނެވެ.)
އަޅަމެންނީ ކީރިތި ރަސޫލާއާއި އާލުބައިތުން ދެކެ ލޯބިވާ ބަޔަކު ކަމުގައި ލައްވާނދޭވެ. ނާޞިބީންނާއި ޝިޔަޢީ ރާފިޟީންގެ ފިތުނައިން އަޅަމެން ސަލާމަތް ކުރަށްވާނދޭވެ. އާމީން!






