ދެތަނބު ދޭތެރޭ ނަމާދު ކުރުމީ މައްސަލައެއް ނޫނެވެ.

ޙުސައިން ރަޝީދު އަޙުމަދު

އިމާމު މުސްލިމާއި އެނޫން ބޭކަލުން ރިވާ ކުރައްވާފައި ވެއެވެ.

كَانَ سَلَمَةُ يَتَحَرَّى الصَّلَاةَ عِنْدَ الْأُسْطُوَانَةِ الَّتِي عِنْدَ الْمُصْحَفِ، فَقُلْتُ لَهُ : يَا أَبَا مُسْلِمٍ، أَرَاكَ تَتَحَرَّى الصَّلَاةَ عِنْدَ هَذِهِ الْأُسْطُوَانَةِ. قَالَ : رَأَيْتُ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَتَحَرَّى الصَّلَاةَ عِنْدَهَا.(رواه مسلم)
(މާނައީ: ސަލަމާ (ރަޟިޔަﷲ ޢަންހު) އާދަކޮށް ނަމާދުކުރައްވަނީ (މަސްޖިދުއް ނަބަވީގެ) މުޞްޙަފު ކައިރީގައި ހުންނަ ތަނބުގެ ކައިރީގައެވެ. ފަހެ، އަހުރެން އެކަލޭގެފާނަށް ދެންނެވީމެވެ: އޭ އަބޫ މުސްލިމް، ތިބާ މި ތަނބު ކައިރީގައި ނަމާދުކުރުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވާތަން އަހުރެންނަށް ފެނެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ: ނަބިއްޔާ ﷺ މި ތަނބު ކައިރީގައި ނަމާދުކުރެއްވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވާތަން އަހުރެން ދުށީމެވެ.)

މިޙަދީސުގެ ޝަރަޙަ ކުރައްވަމުން ޝައިޚުލް އިސްލާމް އިމާމް ނަވަވީ މުސްލިމްގެ ޝަރަޙައިގައި ވިދާޅުވެފައިވެއެވެ:

– މީހާ އެއް ތަނެއްގައި ނަމާދުކުރުންމަތީ ދެމިހުރުމަކީ، އެތަނުގައި މާތްކަމެއް ވާނަމަ، މައްސަލައެއް ނެތް ކަމެކެވެ.
– އަދި ތަނބުތަކުގެ ކުރިމަތީގައި ނަމާދުކުރުން ހުއްދަވެގެންވެއެވެ.
– އަދި ތަނބާ ދިމާލަށް ނަމާދުކުރުމަކީ މުސްތަޙައްބު ކަމެކެވެ.
– އެހެންނަމަވެސް އެންމެ މާތްވެގެންވަނީ ތަނބާ ސީދާ ދިމާލަށް ނުހުރެ، ތަނބު ކަނާތްފަރާތުގައި ނުވަތަ ވާތްފަރާތުގައި ހުރުމެވެ.
– އަދި ތަނބުތަކުގެ ދެމެދުގައި ނަމާދުކުރުމުގައި އަހަރެމެންގެ ގާތުގައި އެއްވެސް މަކްރޫހަކަމެއް ނެތެވެ. އިމާމް މާލިކްގެ ބަސްފުޅުގައި، އުޒުރެއް ނެތި އެގޮތަށް ނަމާދުކުރުން މަކްރޫހަވެގެންވާކަމާމެދު ޚިލާފު އުފެދިފައިވެއެވެ. އެކަލޭގެފާނުގެ އަރިހުގައި މަކްރޫހަވެގެންވާ ސަބަބަކީ އެއީ ސަފު ކެނޑޭ ކަމަކަށްވާތީއާއި، ކައިރީގައި ހުރި ފާރަކާ ދިމާއަށް ނަމާދު ނުކުރެވޭތީއެވެ. އެކަލޭގެ ފާނުންގެ އަނެއް ބަސްފުޅަކީ މަކްރޫހަވެގެން ނުވާކަމަށެވެ.

ހިއްސާ ކުރައްވާ!