ފޮޓޯގައި: ވިއެޓްނާމްގެ ޑްރަގަން ބްރިޖު ނޫނީ ނަގޫސޭސަރު ބްރިޖު
އިޓަލީގެ ސަރުކާރުން ވަނީ ދުނިޔޭގެ އެންމެ ދިގު ސިންގަލް ސަޕޯޓް ބްރިޖް އެޅުމަށް ފަހުގެ ހުއްދަ ދީފައެވެ. މި ބްރިޖަކީ އިޓަލީގެ މައި ފަސްގަނޑާއި ސިސިލީ ގުޅުވާލާނެ ބްރިޖެކެވެ. މިއީ ތިމާވެށްޓަށް ކުރާނެ އަސަރުތަކާއި މާލީ ކަންބޮޑުވުންތަކާ ހުރެ އެތައް ދުވަހެއް ވަންދެން ލަސް ކޮށްފަސް ޖެއްސިފައިވާ މަޝްރޫއެކެވެ.
3.7 ކިލޯމީޓަރުގެ ދިގުމިން ހުންނާނެ މި ބްރިޖުގެ މަޝްރޫއަކީ 1960 ގެ އަހަރުތަކުގެ ފަހުކޮޅުން ފެށިގެން މަޝްވަރާ ކުރެވެމުން އައި މަޝްރޫއެކެވެ. މިއީ އިޓަލީގެ ދެކުނުގެ ފަގީރު ސަރަހައްދުތައް ތަރައްގީ ކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ބެލެވެއެވެ.
ބޮޑު ވަޒީރު ޖޯޖިއާ މެލޯނީގެ ކޮންސަވޭޓިވް ސަރުކާރުން މި މަޝްރޫއަށް އިސްކަންދީ، ކުރިއަށް އޮތް 10 އަހަރަށް 13.5 ބިލިއަން ޔޫރޯ (15.63 ބިލިއަން ޑޮލަރު) ޚަރަދު ކުރުމަށް ނިންމުމަށް ފަހުއެވެ. މި ފައިސާގެ ތެރޭގައި ބްރިޖާއި ގުޅުންހުރި އެހެނިހެން ވަސީލަތްތައް ގާއިމުކުރުން ހިމެނެއެވެ.
ބޮޑު ވަޒީރުގެ ނާއިބް އަދި އިންފްރާސްޓްރަކްޗަރ އެންޑް ޓްރާންސްޕޯޓް މިނިސްޓަރ މެޓިއޯ ސަލްވީނީގެ ލީގް ޕާޓީން ބުނެފައިވާ ގޮތުން، ރޯމްގައި ބޭއްވި އިކޮނޮމިކް ޕްލޭނިންގ އެންޑް ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް މިނިސްޓީރިއަލް ކޮމިޓީގެ ބައްދަލުވުމުގައި މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ހުއްދަ ދީފައިވެއެވެ. މަޝްރޫއު ބަލަހައްޓާ ކުންފުނި މެސީނާ ސްޓްރެއިޓް ކުންފުނިން ބުނެފައިވާ ގޮތުން މި ބްރިޖުގެ މަސައްކަތް ނިމޭނީ 2032 ވަނަ އަހަރު އެވެ.
މި މަޝްރޫއަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައިވެއެވެ. ޚާއްސަކޮށް ބިންހެލުން ގިނަ ސަރަހައްދެއްގައި މިފަދަ ބްރިޖެއް އެޅުމުގެ ނަތީޖާއާ މެދު ސުވާލު އުފައްދާފައި ވެއެވެ. އަދި ޚަރަދު އިތުރުވުމާއި، ތިމާވެށްޓަށް ލިބިދާނެ ގެއްލުމާއި، މާފިޔާ ޖަމާއަތްތަކުން ކޮންޓްރެކްޓްތަކަށް ނުފޫޒު ފޯރުވުމުގެ ބިރު އޮތް ކަމަށްވެސް ބުނެފައި ވެއެވެ. ބައެއް ރައްޔިތުންގެ ޖަމްއިއްޔާތަކުން ބުނެފައިވަނީ މި ބްރިޖަކީ ކޮންމެހެން ބޭނުން ތަރައްގީއެއް ނޫން ކަމަށެވެ. އަދި ތިމާވެށީގެ ޖަމްއިއްޔާތަކުން ވަނީ މިކަން ހުއްޓުވުމަށް މި ހަފްތާގައި ވަނީ ޔޫރަޕިއަން ޔޫނިއަނަށް މައްސަލަ ހުށަހަޅާނެ ކަމަށް ބުނެފައެވެ.







