ޔުރޭނިއަމް ފައްކާކުރަން އީރާނުން މަސައްކަތް ނުކުރާކަމަށް އެމެރިކާގެ އިންޓެލިޖެންސް އިސްވެރިޔާ ވިދާޅުވެއްޖެ

ޖޫން 2025 ގައި އެމެރިކާ އާއި އިސްރާއީލުން ގުޅިގެން ދިން އުދުވާނީ ހަމަލާތަކެއްގައި އީރާނުގެ ނިއުކްލިއަރ ގާބިލުކަން ނައްތާލި ފަހުން، ޔުރޭނިއަމް މުއްސަނދިކުރުމުގެ މަސައްކަތް އަލުން ފެށުމަށް އެ ގައުމުން އެއްވެސް މަސައްކަތެއް ކޮށްފައި ނުވާކަމަށް އެމެރިކާގެ އިންޓެލިޖެންސް އިސްވެރިޔާ ބުދަ ދުވަހު ހާމަކުރައްވައިފިއެވެ.

އެމެރިކާގެ ޑައިރެކްޓަރ އޮފް ނޭޝަނަލް އިންޓެލިޖެންސް ތުލްސީ ގާބާޑް ސެނެޓަށް ދެއްވި ބަޔާނުގައި ވިދާޅުވީ، އެމެރިކާއިން ހިންގި 12 ދުވަހުގެ ޓެރަރިސްޓް ހަމަލަތަކުގެ ނަތީޖާއެއްގެ ގޮތުން އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމް މުޅިން ހަލާކުވެފައިވާ ކަމަށެވެ. އަދި އެ ހަމަލާއަށްފަހު އެ ގައުމުގެ ޔުރޭނިއަމް މުއްސަނދިކުރުމުގެ ގާބިލުކަން އަލުން އިއާދަކުރުމަށް އެއްވެސް މަސައްކަތެއް ކޮށްފައިވާކަން ފާހަގަކުރެވިފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

ގާބާޑް މިހެން ވިދާޅުވެފައިވަނީ އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ދިފާއުކުރައްވައި ރައީސް ޑޮނަލްޑް ޓްރަމްޕް ދައްކަވަމުން ގެންދަވާ ވާހަކަފުޅުތަކާ ފުށުއަރާ ގޮތަކަށެވެ. ޓްރަމްޕް މީގެ ކުރިން ވިދާޅުވަމުން ގެންދެވީ އީރާނުން އަދިވެސް ނިއުކްލިއަރ ހަތިޔާރު އުފެއްދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

"އޮޕަރޭޝަން މިޑްނައިޓް ހެމަރގެ ސަބަބުން އީރާނުގެ ނިއުކްލިއަރ އެންރިޗްމަންޓް ޕްރޮގްރާމް ވަނީ ފުނޑުފުނޑުކޮށްލެވިފައި. އޭގެ ފަހުން އެ ގާބިލުކަން އަލުން ބިނާކުރުމަށް އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވޭ،" ގާބާޑް ސެނެޓަށް ހުށަހެޅުއްވި ތައްޔާރުކުރެވިފައިވާ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

މި ހާމަކުރުމާއެކު، އީރާނާ ދެކޮޅަށް ކުރިއަށްދާ އަސްކަރީ ހަރަކާތްތަކާ މެދު އެމެރިކާގެ ސިޔާސީ މަސްރަހުގައި އާ ބަހުސްތަކެއް އުފެދިގެންދާނެ ކަމަށް ބެލެވެއެވެ.

ހިއްސާ ކުރައްވާ!