ނިޔަތުގައި އިޚްލާޞްތެރިވުމުގެ މުހިއްމުކަން

ޙަސަން ލަޠީފް މޫސާ
މާތް ﷲ އެ ދެބަފައިކަލުންނަށް ރުއްސުންލެއްވި، ޖާބިރު ބްނު ޢަބްދިﷲ ގެ ކިބައިން ރިވާވެގެންވެއެވެ.
އެ ކަލޭގެފާނު ވިދާޅު ވިއެވެ.
[އެއްފަހަރަކު މާތް ނަބިއްޔާ ﷺ ގެ އަރިހުގައި ތިމަންމެން ހަނގުރާމައަކަށް ވަޑައިގަތީމެވެ.] އެއީ ތަބޫކު ހަނގުރާމައެވެ. ފަހެ، އެކަލޭގެފާނު ޙަދީޘްކުރައްވިއެވެ.
"إنَّ بِالـمَدِيْنَةِ لَرِجَالاً": ]ހަމަ ކަށަވަރުން، އަލް މަދީނަތުލް މުނައްވަރާގައި (އެބައިމީހުންގެ އީމާންކަން ފުރިހަމަ) ފިރިހެނުންތަކެއް ވެއެވެ.]
"مَا سِرْتُمْ مَسِيْرًا وَلَا قَطَعْتُمْ وَادِياً إِلَّا كَانُوا مَعَكُمْ"،: صحيح مسلم. [އެބައިމީހުން ތިޔަބައި މީހުންނާއެކުގައިނުވާ އެއްވެސް ހިސާބަކަށް، ތިޔަބައިމީހުން ދަތުރުކުރިކަމުގައި ނުވަމުއެވެ. އަދި ވާދީއެއް ކަޑައްތުކުރިކަމުގައިވެސް ނުވަމުވެ.]
"حَبَسَهُمُ المَرَضُ": [އެބައިމީހުންނަށް ބައިވެރި ނުވެވި ތިބެން ޖެހުނީ، ބަލިވެ އުޅުމުގެ ސަބަބުންނެވެ.]
* އެހެން ރިވާޔަތެއްގައި މި ބަސްފުޅު އައިސްފައިވަނީ: "حَبَسَهُمُ العُذرُ": [އެބައިމީހުންނަށް ބައިވެރި ނުވެވުނީ، ޢުޛުރުވެރި ވުމުގެ ސަބަބުންނެވެ.]
* އަދި މުސްލިމުގެ ރިވާޔަތުގައި އައިސްފައިވެއެވެ: "إِلاَّ شَرِكُوكُمْ في الأَجْرِ": [އެހެނެއްކަމަކު، ތިޔަބައިމީހުންނާއެކު އެބައިމީހުން، ޘަވާބުގައި ބައިވެރި ކުރައްވައެވެ.]
* ކީރިތި ރަސޫލާ ﷺ ހަނގުރާމައަކަށް ތައްޔާރުވެވަޑައިގެންފިނަމަ، އަޞްޙާބު ބޭކަލުންގެ ތެރެއިން ބަލިވެ އުޅުއްވާ ބޭކަލުންނާއި، ހަނގުރާމައަށް ނުކުތުމަށް ބޭނުންވާނެ ސަވާރީ ނެތް ބޭކަލުން ވަޑައިގެން އެ ބޭކަލުންގެ ޢުޛުރު ހުށައަޅުއްވައެވެ. އަދި އެކަލޭގެފާނުގެ އަރިހުން، ސަވާރީއަކަށް އެދިވަޑައިގަންނަވައެވެ. އެހިނދު އެކަލޭގެފާނު، އެ ބޭކަލުންނަށް ޙަދީޘުކުރައްވައެވެ. [ތިޔަ ބޭކަލުން ދަތުރުކުރައްވާނެ ސަވާރީއެއް ތިމަންކަލޭގެފާނަށް ހަމަޖައްސަވައިދެއްވޭކަށް ނެތެވެ.] މިގޮތަށް ދިމާވުމުން، އެކަލޭގެފާނާ އެކުގައި ހަނގުރާމައަށް ނުކުމެވަޑައިގަތުމުގެ ކުޅަދާނަކަން އެ ބޭކަލުންގެ ކިބައިގައި ނެތުމުގެ ހިތާމައިގައި އެނބުރި ގެއަށް ވަޑައިގަންނަވަނީ އެކަމާ ހިތާމަކުރައްވައި ކީރިތިކުރައްވަމުންނެވެ.
މިފަދަ ޢުޛުރުވެރި ބޭކަލުންގެ ވާހަކަ، ﷲ ތަޢާލާ، ކީރިތި ޤުރްއާނުގައި ބަޔާންކުރައްވާފައިވަނީ މިގޮތަށެވެ.
﴿وَلَا عَلَى الَّذِينَ إِذَا مَا أَتَوْكَ لِتَحْمِلَهُمْ قُلْتَ لَا أَجِدُ مَا أَحْمِلُكُمْ عَلَيْهِ تَوَلَّوا وَأَعْيُنُهُمْ تَفِيضُ مِنَ الدَّمْعِ حَزَنًا أَلَّا يَجِدُوا مَا يُنفِقُونَ﴾ ﴿٩٢﴾ – التوبة – މާނައީ: [އަދި ކަލޭގެފާނުގެ އަރިހުގައި ގެންދެވުމަށް (އެދި) ކަލޭގެފާނުގެ އަރިހަށް އައި މީހުންގެ މައްޗަކަށްވިޔަސް ކުށްފާފައެއް ނެތެވެ. ކަލޭގެފާނު (އެއުރެންނަށް) ވިދާޅުވީމުއެވެ. ތިޔަބައިމީހުން އުފުއްލަވާނޭ ސަވާރީއެއް ތިމަންކަލޭގެފާނަކަށް ލިބިވަޑައިގެންފައެއް ނުވެއެވެ. (އެހިނދު) އެއުރެން އެނބުރިދިޔައީ، އެއުރެންގެ ލޯތައް ކަރުނައިންފުރި، އޮހޭ ޙާލުގައެވެ. އެއުރެން ހޭދަކުރާނޭ އެއްޗެއް އެއުރެންނަށް ނުލިބުނުކަމުގެ ހިތާމައިގައެވެ.]
މި ޙަދީޘުން ލިބޭ ފައިދާތައް:
1- އިންސާނާ ހެޔޮ ޢަމަލެއް ކުރުމަށް ނިޔަތްގަތުމަށްފަހު، ބައްޔެއްގެ ސަބަބުން، ނުވަތަ އެކަން ކުރުމުގެ ކުޅަދާނަކަން ނުލިބުމުގެ ސަބަބުން، އެ ޢަމަލު ނުކުރެވުނަސް، އޭނާ ކުރަން ނިޔަތް ގަތް ކަމެއްގެ ދަރުމަ އޭނާއަށް ލިޔުއްވޭ ހުށްޓެވެ.
* އިސްވެ ދިޔަ ޙަދީޘުގައި ވާ ފަދައިން، ބައެއް ޞަޙާބީންނަށް ޖިހާދަށް ނުކުމެވަޑައިނުގެންނެވުނީ އާލާސްކަންފުޅުގެ ސަބަބުންނެވެ. އަނެއްބައި ބޭކަލުންނަށް ނުކުމެވަޑައިނުގެންނެވުނީ، ތަނަވަސްކަން ލިބިވަޑައިނުގަތުމުގެ ސަބަބުންނެވެ. ނަމަވެސް މުސްލިމުގެ ރިވާޔަތުގައި ވަރަށް ސާފުކޮށް، ޖިހާދަށް ނުކުމެވަޑައިގަތް ބޭކަލުންނާ އެއްފަދައިން ޘަވާބުގައި، އެ ބޭކަލުންވެސް ބައިވެރިކުރެއްވޭނެކަމަށް އައިސްފައި ވެއެވެ.
މިކަމަށް އިތުރަށް ބާރު ލިބެނީ، އަންނަނިވި ރިވާޔަތުންނެވެ. މުދާވެރިޔަކު އޭނާގެ މުދަލުން ﷲގެ މަގުގައި ހޭދަކުރާތަން ފެނުމުން، ފަޤީރަކު ބުންޏެވެ. ތިމަންނާއަށް ވެސް މުދާ ލިބިއްޖެނަމަ އެ މީހާ ފަދައިން ﷲ ގެ މަގުގައި ހޭދަކުރާނަމެވެ. ކީރިތި ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ. "فَهُوَ بِنِيَّتِهِ فَأَجْرُهُمَا سَوَاءٌ" މާނައީ: ”އޭނާ ވަނީ އޭނާގެ ނިޔަތުގެ މަތީގައެވެ. އެ ދެމީހުން، ދަރުމައިގެގޮތުން ހަމަހަމަވެގެންވެއެވެ.“
2- މީހަކު އާދަވެގެން ކޮށްކޮށް ހުރި ހެޔޮ ޢަމަލެއް، ބައްޔެއްގެ ސަބަބުން، ނުވަތަ އެކަން ކުރުމުގެ ކުޅަދާނަކަން ނުލިބުމުގެ ސަބަބުން، ނުވަތަ އެހެން ޢުޛުރެއްގެ ސަބަބުން ނުކުރެވުނަސް، އެ ޢަމަލުގެ ދަރުމަ ފުރިހަމައަށް އޭނާއަށް ލިޔުއްވޭ ހުށްޓެވެ.
މިސާލަކަށް: އާދަވެގެން ޖަމާޢަތުގައި ނަމާދު ކުރާ މީހަކު، ބަލިވުމުގެ ސަބަބުން ނުވަތަ ދަތުރު މަތީގައި ވުމުގެ ސަބަބުން، ޖަމާޢަތަށް ޙާޒިރު ނުވެވުނަސް، ޖަމާޢަތުގެ ޘަވާބު، އެމީހަކަށް ފުރިހަމައަށް ލިބޭހުށްޓެވެ. އެހެނީ، ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ.
"إِذَا مَرِضَ الْعَبْدُ أَوْ سَافَرَ كُتِبَ لَهُ مِثْلُ مَا كَانَ يَعْمَلُ مُقِيْماً صَحِيْحاً" މާނައީ: [އަޅާ ބަލިވެއްޖެނަމަ ނުވަތަ ދަތުރަކު ގޮސްފިނަމަ، އޭނާ ފުރިހަމަ ޞިއްޙަތުގައި ރަށުގައި ޤާއިމުވެހުރެ ކުރި ޢަމަލާ އެއްފަދަ ޘަވާބު، އޭނާއަށް ލިޔުއްވޭހުށްޓެވެ.]
ތަބޫކު ހަނގުރާމައިގައި ޢުޛުރުވެރި ވީ މީހުންގެތެރޭގައި ބަލި މީހުންނާއި ފަޤީރުންގެ އިތުރުން، މުނާފިޤުންވެސް ހިމެނެއެވެ. ނަމަވެސް އެ މީހުންނަކަށް ދަރުމައެއް ނުލިބެއެވެ. ސަބަބަކީ، ބޭރުފުށުން ޢުޛުރު ދެއްކިޔަސް، އެ މީހުންގެ ނިޔަތަކީ ޖިހާދުގައި ބައިވެރިނުވުން ކަމުގައި ވާތީއެވެ.
ﷲ ތަޢާލާ ވަނީ އެ މީހުން ސިއްރުކުޅަ ކަންތައް ބޭޒާރު ކުރައްވައި، އަންނަނިވި އާޔަތް ބާވައިލައްވާފައެވެ.
﴿يَعْتَذِرُونَ إِلَيْكُمْ إِذَا رَجَعْتُمْ إِلَيْهِمْ ۚ قُل لَّا تَعْتَذِرُوا لَن نُّؤْمِنَ لَكُمْ قَدْ نَبَّأَنَا اللَّهُ مِنْ أَخْبَارِكُمْ ۚ وَسَيَرَى اللَّهُ عَمَلَكُمْ وَرَسُولُهُ ثُمَّ تُرَدُّونَ إِلَىٰ عَالِمِ الْغَيْبِ وَالشَّهَادَةِ فَيُنَبِّئُكُم بِمَا كُنتُمْ تَعْمَلُونَ﴾ ‎﴿٩٤﴾ سورة التوبة. މާނައީ: [ތިޔަބައިމީހުން އެއުރެންނާ ހަމަޔަށް އެނބުރި އަތުވެއްޖެހިނދު، އެއުރެން ތިޔަބައިމީހުންނަށް ޢުޛުރު ދައްކައި އުޅޭނެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ޢުޛުރު ނުދައްކާށެވެ! ތިމަންމެން ތިޔަބައިމީހުންގެ ބަސް ތެދެއްނުކުރާނަމެވެ. ހަމަކަށަވަރުން، اللَّه، ތިޔަބައިމީހުންގެ ޚަބަރުތައް ތިމަންމެންނަށް އަންގަވައިފިއެވެ. އަދި اللَّه، ތިޔަބައިމީހުންގެ ޢަމަލުތައް ދެކެވޮޑިގެންވާނެތެވެ. އަދި އެކަލާނގެ ރަސޫލާވެސް ދެކެވަޑައިގަންނަވާނެތެވެ. ދެން ތިޔަބައިމީހުން، ރައްދުކުރައްވާހުށީ، ނުފެންނަ ކަންތަކާއި، ފެންނަ ކަންތައް ދެނެވޮޑިގެންވާ ރަސްކަލާނގެ ޙަޟްރަތަށެވެ. ފަހެ، އޭރުން ތިޔަބައިމީހުން ކޮށްއުޅުނު ކަންތަކުގެ ޚަބަރު، ތިޔަބައިމީހުންނަށް އެކަލާނގެ އަންގަވާނެތެވެ.]
ﷲ ތަޢާލާ އަޅަމެންގެ ނިޔަތުގައި އިޚްލާޞްތެރިކަން ލައްވައި، ނިފާޤުގެ ބަލިމަޑުކަމުން އަޅަމެންގެ ހިތްތައް ސަލާމަތްކުރައްވައި ރައްކާތެރި ކުރައްވާށިއެވެ. آمين!
ހިއްސާ ކުރައްވާ!