ދެކުނު ކޮރެއާގައި އެކަނި ދިރިއުޅޭ މީހުންގެ އަދަދު 10 މިލިއަނަށްވުރެ އިތުރުވެއްޖެއެވެ. މިއީ އެގައުމުގެ މުޅި ގޭބިސީތަކުގެ 42 އިންސައްތަ އެވެ. އަދި މިއީ ދެކުނު ކޮރެއާގެ ތާރީޚުގައި މިހާތަނަށް ރެކޯޑު ކުރެވުނު އެންމެ މަތީ އަދަދެވެ. މި އަދަދު މިހާ މައްޗަށް ގޮސްފައި ވަނީ ކުދިން ހޯދާ މިންވަރު ދަށްވުމާއި، ކައިވެނިކުރުން ލަސްކުރުމާއި، އުމުރުން ދުވަސްވީ މީހުންގެ އަދަދު އިތުރުވަމުން ދިއުމުގެ ސަބަބުންނެވެ.
ފާއިތުވި އަހަރާ އަޅާބަލާއިރު އެކަނިމާއެކަނި ދިރިއުޅޭ އުމުރުން ދުވަސްވީ މީހުންގެ އަދަދު ވަނީ 38 އިންސައްތައަށް އިތުރު ވެފައެވެ. އަދި 3.2 މިލިއަން ޒުވާނުން ވެސް ވަނީ އެކަނި ދިރިއުޅުމަށް އިޚުތިޔާރުކޮށްފައި ކަމަށް ތަފާސްހިސާބުން ދައްކައެވެ. މި ބަދަލާއެކު އެ ގައުމުގެ ބޯހިޔާވަހިކަމުގެ ދާއިރާއަށް ވެސް ބޮޑެތި ބަދަލުތަކެއް އައިސްފައިވެއެވެ.
ދެކުނު ކޮރެއާގައި ބަދަލު ވަމުންދާ މި ޙާލަތާ ގުޅިގެން ބައިނަލްއަޤްވާމީ ކުންފުނިތަކުން ވަނީ ކުދި އެޕާޓްމެންޓްތަކަށް އިންވެސްޓްކުރަން ފަށާފައިވެއެވެ. އަދި މިއިން މުޖުތަމައުގައި އެކަކުއަނެކަކާ އަޅާލުމަކީ މިހާރު ބީރައްޓެހި ސިފައެއް ކަމަށް ދައްކައެވެ. އެގޮތުން، އަޅާލާނެ މހަކު ނުވެގެން، 2023 ވަނަ އަހަރު އެކަނިވެރިކަމުގައި 3،600 އަށްވުރެ ގިނަ މީހުން މަރުވެފައިވާކަން ވެސް ފާހަގަކުރެވެއެވެ.
މި އިޖުތިމާއީ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ވެރިރަށް ސޯލް ސިޓީން ވަނީ 451.3 ބިލިއަން ވޮންގެ އެކަހެރިކަން ކަނޑުވާލުމުގެ "ލޯންލީނެސް-ފްރީ" މަޝްރޫޢެއް ތަޢާރަފުކޮށްފައެވެ. އަދި ސަރުކާރުން އެކަނިވެރިކަން ތަހައްމަލުކުރަމުންދާ ޒުވާނުންނަށް މަހުން މަހަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭން ވެސް ފަށާފައިވެއެވެ.
މި ކަންކަމަކީ މާއްދީ ދުނިޔޭގައި ކުރިއަރާފައިވާ މުޖުތަމައެއްކަމުގައިވާ، ދެކުނު ކޮރެއާގެ އިޖުތިމާޢީ ފޭރާން އަވަސް ދުވެއްޔެއްގައި ބަދަލުވަމުންދާކަން ދައްކުވައިދޭ ކަންކަމެވެ. އަދި މުސްތަޤުބަލުގައި މި ބަދަލުތަކާއެކު އިތުރު ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިދާނެކަމަށް ވެސް ބެލެވެއެވެ.