ވައިގެ ދަތުރުފަތުރުގެ ދުނިޔޭގައި މިހާތަނަށް ކުރި އެންމެ ދިގު ދަތުރު ކުރުމުގެ ރެކޯޑު މުގުރާލުމަށް ޗައިނާ އީސްޓަރން އެއަރލައިންސް އިން ތައްޔާރު ވެއްޖެއެވެ. މި އެއަރލައިންސް އިން ތަޢާރަފުކުރާ މި ދަތުރަކީ 24 ގަޑިއިރަށްވުރެ ދިގު މުއްދަތަކަށް ވައިގެ ތެރޭގައި އުދުހިގެން ކުރާނެ ދަތުރެކެވެ. ޖުމްލަ 12،427 މޭލުގެ ދިގު މި ދަތުރު ރާވާފައިވަނީ ޗައިނާ އާއި އަރޖެންޓީނާ ދެމެދުގައެވެ.
މި ދަތުރުގެ ފުރަތަމަ ފްލައިޓް ފަށާނީ ޑިސެމްބަރު 4 ގައި، ޝަންހާއީގެ ޕުޑޮންގް އިންޓަރނޭޝަނަލް އެއަރޕޯޓުން ޗައިނާ ގަޑިން ދަންވަރު 2:00 ގައެވެ. އެ ކުންފުނިން ބުނި ގޮތުގައި މި ދަތުރަށް ޖުމްލަ 25 ގަޑިއިރު ވަންދެން ވައިގެ ތެރޭގައި ބޯޓު އުދުހޭނެ އެވެ. ނަމަވެސް މިއީ ހުއްޓުމެއް ނެތި ކުރާ ނޮން-ސްޓޮޕް ދަތުރެއް ނޫނެވެ. ދަތުރުގެ ތެރޭގައި ނިއުޒީލެންޑްގެ އޯކްލެންޑްގައި 2 ގަޑިއިރާ 25 މިނިޓަށް މަޑުކުރާނެއެވެ. އޭގެ ފަހުން އަރޖެންޓީނާގެ ބުއެނޯސް އައިރިސްއަށް ދަތުރުކުރާނެއެވެ. ބުއެނޯސް އައިރިސްއަށް ފްލައިޓް ލަފާނީީ އެތާނ ގަޑިން ހަވީރު 4:30 ގައެވެ.
މި ދަތުރުގެ އެނބުރި އަންނަ ފްލައިޓް ވެސް ބުއެނޯސް އައިރިސްއިން ފުރާނީ ރޭގަނޑު 2:00 ގައެވެ. އަދި އަންނަ މަގުމަތީގައި އަނެއްކާވެސް އޯކްލެންޑްގައި 2 ގަޑިއިރަށް މަޑުކުރާނެއެވެ.
އެނބުރި ޝަންހާއީއަށް ލަފާނީ ޗައިނާގެ ގަޑިން ހަވީރު 6:00 ގައެވެ. މި ދަތުރުގެ ޖުމްލަ މުއްދަތަކީ 29 ގަޑިއިރެވެ.
މި ޚިދުމަތް ފެށުމަށްފަހު، ކޮންމެ އަންގާރަ ދުވަހަކާއި ބުރާސްފަތި ދުވަހެއްގައި ޗައިނާ އީސްޓަރން އެއާލައިން އިން މި ދަތުރުތައް ބާއްވަމުން ގެންދާނެއެވެ.
މިއީ ދުނިޔޭގެ އެންމެ ދިގު ޑައިރެކްޓް ފްލައިޓެވެ. ނަމަވެސް ހުއްޓުމެއް ނެތި އެންމެ ދިގު ނޮން-ސްޓޮޕް ފްލައިޓުގެ ދަތުރު ބާއްވާނީ ސިންގަޕޫރު އެއަރލައިންސް އިންނެވެ. އެ އެއަރލައިންސް އިން ސިންގަޕޫރާއި ނިއުޔޯކް ދެމެދު 9،537 މޭލުގެ ދިގު ދަތުރު، އެއްވެސް ތަނަކްށް މަޑު ކުރުމާކާ ނުލައި ގާތްގަނޑަކަށް 19 ގަޑިއިރުން ނިންމައެވެ.
ޗައިނާ އީސްޓަރން އެއަރލައިންސް އިން ހާމަކުރި ގޮތުގައި، މިއީ ދުނިޔޭގެ ދެކޮޅުގައިވާ ދެ ސިޓީ ގުޅުވައިދޭ ފުރަތަމަ ވިޔަފާރި ދަތުރެވެ. މި ދަތުރުގައި އެ އަރލައިންސް އިން އާދަޔާ ޚިލާފު މަގެއް ބޭނުންކުރާނެއެވެ. އެގޮތުން، އެންޓާކްޓިކާ ކައިރިން ލައިގެން މި ބޯޓު ދަތުރުކުރާނެއެވެ. އެ ކުންފުނިން ބުނި ގޮތުގައި، މިގޮތަށް ދަތުރުކުރުމުގެ ސަބަބުން ޖުމްލަ ދަތުރުގެ ވަގުތުން 4 ގަޑިއިރު ސަލާމަތްކުރެވޭނެއެވެ.






