މީގެ 60 އަހަރު ކުރިން ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ފިރިހެނެއްގެ ދުލުގެ ބައެއް ގައި ދަތްއެޅި އަންހެނަކު މިއަދު ކުށުން ބަރީއަކޮށްފި އެވެ.
އުމުރުން 19 އަހަރުގައި ޗޮއި މަލް-ޖާގެ ގަޔަށް ފިރިހެނަކު އަރަން އުޅުނެވެ. މިކަން ހިނގީ 1964 ވަނަ އަހަރު ދެކުނު ކޮރެއާގެ ރަށެއް ކަމަށްވާ ގިމްހާއީގައެވެ. އެއިރު މުޖުރިމު ކަލޭގެ އުމުރަކީ 21 އަހަރެވެ.
ޗޮއިއަށް ނޭވާ ނުލެވޭ ގޮތަށް އޭނާގެ އަގަބަންދުކޮށްގެން އުޅެނިކޮށް ޗޮއި އެމީހާގެ ދުލުގެ 1.5 ސެންޓިމީޓަރު ވަރުގެ ތަންކޮޅެއްގައި ދަތް އެޅިއެވެ.
ޖިންސީ އަނިޔާއާ ގުޅޭ ގޮތުން ދެކުނު ކޮރެއާގައި މިހާތަނަށް ކުރި އެންމެ ޚިޔާލުތަފާތު އެއް ހުކުމުގައި، އަނިޔާވެރިޔާއަށް ލިބުނީ އެންމެ ހަ މަސް ދުވަހުގެ ޖަލު ހުކުމެކެވެ. އެ ހުކުމް ދެ އަހަރަށް ސަސްޕެންޑް ކުރިއެވެ. އަދި އޭނާއާ ދެކޮޅަށް ގަދަކަމުން ގެއަކަށް ވަދެގަތުމާއި ބިރުދެއްކުމުގެ ކުށް ސާބިތުވިއެވެ. އެކަމަކު ރޭޕް ކުރަން އުޅުނު ކަން ސާބިތެއް ނުވިއެވެ.
މިހާރު އުމުރުން 79 އަހަރުގެ ޗޮއިއަށް ހުކުމް ކުރީ މީހަކަށް ބޮޑު އަނިޔާއެއް ދިން ކަމުގެ ކުށުގައެވެ. އެހުކުމް ވެސް ދެ އަހަރަށް ސަސްޕެންޑްކޮށް 10 މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވި އެވެ.
މިހުކުމް މިއަދު ބުސާން ޑިސްޓްރިކްޓް ކޯޓުން ވަނީ ބާތިލްކޮށް ފައެވެ. އަދި ޗޮއިގެ އަމަލުތަކަކީ ދެކުނު ކޮރެއާގެ ގާނޫނުގެ ދަށުން "އަމިއްލަ ދިފާއުގައި ކޮށްފައިވާ ހުއްދަ ކަމެއް" ކަމަށް ވެސް ނިންމި އެވެ.