އިނގިރޭސި ކްލަބު ލިވަޕޫލްގެ ތަރި، މިޞްރަށް ނިސްބަތްވާ މުޙައްމަދު ސަލާޙް، އޭނާގެ މިހާރުގެ ކޮންޓްރެކްޓް 2026-2027 ވަނަ ސީޒަން ނިމުމުގެ ކުރިން ސަޢުދީ ލީގަށް ބަދަލުވާނެ ކަމަށް އެ ކްލަބުން އަންދާޒާކުރާ ކަމަށް ހުކުރު ދުވަހު ނެރުނު ރިޕޯޓެއްގައި ބުނެފިއެވެ. މިކަމާ ގުޅިގެން ލިވަޕޫލުން ދަނީ އޭނާއަށް ބަދަލު ކުޅުންތެރިއަކު ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
"ފުޓްބޯލް އިންސައިޑަރ" ވެބްސައިޓުން މަސްދަރުތަކާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، ލިވަޕޫލުން ސަލާޙް 2027 ވަނަ އަހަރުގެ ހޫނު މޫސުމުގެ ކުރިން ސަޢުދީގެ ކްލަބަކަށް ވިއްކާލުމަށް ރޭވުންތައް ރާވަމުން ދަނީއެވެ. މި މަސްދަރުން އިތުރަށް ބުނެފައިވާ ގޮތުގައި، ލިވަޕޫލުން ދަނީ ބަޔާން މިޔުނިކްގެ ޒުވާން ތަރި، ފްރާންސަށް ނިސްބަތްވާ މިޝެލް އޮލިސީ (Michael Olise) އަކީ ސަލާޙަށް ފުރިހަމަ ބަދަލެއް ކަމަށް ދެކި، އޭނާގެ ކަންކަން ބަލަމުންނެވެ.
ނަމަވެސް، ސަލާޙްގެ ކޮންޓްރެކްޓް ނިމެން ދެ ސީޒަން ބާކީ އޮތްއިރު، އޮލިސީ ބަޔާން މިޔުނިކްގައި ބަހައްޓާނެ ކަމުގެ އެއްވެސް ޔަޤީންކަމެއް ނެތް ކަމަށް ވެސް ރިޕޯޓްގައިވެއެވެ. "ފުޓްބޯލް އިންސައިޑަރ" ބުނާ ގޮތުގައި، ސަލާޙް މިދިޔަ އޭޕްރީލް މަހު ކޮންޓްރެކްޓް އާކުރި ނަމަވެސް، އޭނާގެ މުސްތަޤްބަލާ މެދު މިހާރު ދަނީ ވިސްނަމުންނެވެ. ސަޢުދީ ލީގަކީ އޭނާ ކުޅެންދާނެ އެއް ތަނެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ. ލިވަޕޫލުން ސަލާޙަށް ބަދަލު ކުޅުންތެރިއަކު ހޯދުމަށް ފެށީ މިދިޔަ އޭޕްރީލް މަހު އޭނާ ކޮންޓްރެކްޓް އާކުރުމަށް ފަހުގައެވެ.
ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ސަލާޙް، މިދިޔަ ސީޒަންގައި އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު ތިންވަނަ ފަހަރަށް ހޯދައި، މި އެވޯޑު ތިން ފަހަރު ހޯދި ފުރަތަމަ ކުޅުންތެރިޔާގެ ގޮތުގައި ހިމެނިފައި ވެއެވެ. އޭނާ މީގެ ކުރިން 2017-2018 އަދި 2021-2022 ސީޒަންގައި ވެސް މި އެވޯޑު ހޯދާފައިވެއެވެ.