2026 ވޯލްޑްކަޕަކީ އުތުރު އެމެރިކާގައި ބާއްވާ އެންމެ ފަހު ވޯލްޑްކަޕަކަށް ވެދާނެ

މޫސުމަށް އަންނަ ބަދަލުތައް ކޮންޓްރޯލް ކުރުމަށް އަވަސް ފިޔަވަޅުތައް ނައަލައިފިނަމަ، އުތުރު އެމެރިކާގެ ތިން ގައުމެއް ކަމަށްވާ އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި 2026 ވަނަ އަހަރު ބާއްވަން ހަމަޖެހިފައިވާ ފީފާ ވޯލްޑްކަޕަކީ، އެ ސަރަހައްދުގައި ބާއްވާ އެންމެ ފަހުގެ ވޯލްޑްކަޕަށް ވެދާނެ ކަމަށް އިންޒާރު ދީފިއެވެ.

މޫސުމާ ބެހޭ ތަޖުރިބާކާރުން މި އިންޒާރު ދީފައިވަނީ، ހޫނުގަދަވުމުގެ ސަބަބުން ކުޅުންތެރިންނާއި ބެލުންތެރިންނަށް ކުރިމަތިވެދާނެ ނުރައްކާތަކަށް ބަލައި ދަނޑުތަކުގެ ހޫނު މިން އުޅޭ މިންވަރު ދިރާސާ ކުރުމަށް ފަހުއެވެ.

"ކުޅޭ ދަނޑުތަކަށް އޮތް ނުރައްކާ" ގެ ނަމުގައި މިދިޔަ އަންގާރަ ދުވަހު ނެރުނު ރިޕޯޓެއްގައި ބުނެފައިވާ ގޮތުން، 2026 ވަނަ އަހަރުގެ ވޯލްޑްކަޕް އަށް ރާވާފައިވާ 16 ދަނޑުގެ ތެރެއިން 10 ދަނޑުގައި މިހާރުވެސް ހޫނު މިންވަރު އުޅެނީ ފީފާ އިން ފެންބޮއެ ހަށިގަނޑު ތާޒާކުރަން ކަނޑައަޅާފައިވާ ރައްކާތެރި މިންވަރު ކަމަށްވާ 32 ޑިގްރީއަށް ވުރެން މަތީގައެވެ.

މިދިރާސާ ރިޕޯޓަކީ "ފުޓްބޯލް ފޮރ ފިއުޗަރ"، "ކޮމަން ގޯލް" އަދި "ޖުޕިޓަރ އިންޓެލިޖެންސް" ގެ ތިން ޖަމިއްޔާ އިން ގުޅިގެން ތައްޔާރުކޮށްފައިވާ ރިޕޯޓެކެވެ.

މީގެ އިތުރުން، 10 ދަނޑެއްގައި ފިނިހޫނުމިން އާދަވެގެން އުޅެނީ 35 ޑިގްރީ ސެލްސިއަސް ގައެވެ. މި ހޫނުމިނަކީ އިންސާނުންނަށް އާދައިގެ ހާލަތެއްގައި އުޅެވޭނެ އެންމެ މަތީ މިންވަރު  ކަމަށްވެސް ސައިންސްވެރިން ވަނީ ކަނޑައަޅާފައެވެ.

މި ރިޕޯޓުގައިވާ ގޮތުން، 2050 ވަނަ އަހަރުގެ ނިޔަލަށް އުތުރު އެމެރިކާގެ ގާތްގަނޑަކަށް 90 އިންސައްތަ ދަނޑުތަކުގައި ހޫނު މިން އުޅޭނީ ކުޅުންތެރިންނަށް ކެތް ކުރަން އެކަށީގެންވާ މިންވަރަށް ވުރެން މަތީގައެވެ. އަދި ދިރާސާކުރެވުނު އާދައިގެ ފުޓްބޯޅަ ދަނޑުތަކުގެ ތެރެއިން ގިނަ ދަނޑުތަކަކީ މިހާރުވެސް މޫސުމީ ނުރައްކާތެރި ކަމުގެ ހިރާސްތައް ކުރިުމަތި ވެފައިވާ ދަނޑުުތަކެވެ.

މިކަމަށް އަވަސް ފިޔަވަޅުތައް އެޅިގެން ނޫނީ، ކުރިމަގުގައި ބާއްވާ ފުޓްބޯޅަ މުބާރާތްތަކަށް ސީދާ އަސަރު ކުރާނެ ކަމަށް ތަޖުރިބާކާރުން ބުނެއެވެ. މި މައްސަލަ ހައްލުކުރުމަށް ބައިނަލްއަގްވާމީ ފެންވަރުގައި މަސައްކަތް ކުރުމަށް މި ރިޕޯޓުގައި ވަނީ ގޮވާލާފައެވެ.

ADV

ހިއްސާ ކުރައްވާ!