ޗައިނާގެ ޗެންގްޑޫ ޖޭ-20 ސްޓެލްތު ފައިޓަރ ޖެޓަކީ އެ ޤައުމުގެ އަސްކަރީ ޒަމާނީކުރުމުގެ ރަމްޒެއް ކަމުގައި ޗައިނާއިން ބުނެއެވެ. މިއީ ވައިނާގެ ފަސްވަނަ ޖީލުގެ ހަނގުރާމަ މަތިންދާބޯޓުގެ ޤާބިލުކަން އިޝްތިހާރުކުރުމަށް ބޭނުން ކުރާ ހަތިޔާރެކެވެ. ނަމަވެސް ހުޅަނގުގެ ދިފާއީ މާހިރުން ވަނީ މި ބޯޓުގެ ގާބިލުކަމާ މެދު ސުއާލު އުފައްދާފައެވެ.
ޗައިނާގެ ޕީޕަލްސް ލިބަރޭޝަން އާމީ އިން ތަރައްޤީކޮށްފައިވާ ޖޭ-20 މަތިންދާ ބޯޓަކީ ޗައިޏާގެ އެންމެ ފަހުގެ ޓެކްނޮލޮޖީ ހިމެނޭ ދެ އިންޖީނާއެކު އުފައްދާފައިވާ އުޅަނދެކެވެ. އޭގެ އެތެރޭގައި ހަތިޔާރު ބެހެއްޓޭ ޖާގަ ތަނަވަސްކޮށްފައި ވެއެވެ. ނަމަވެސް އަސްކަރީ ދާއިރާގެ މާހިރުން ވަނީ އިންޖީނުގެ ދަތިތަކާއި، ސްޓެލްތް ޓެކްނޮލޮޖީގެ ފެންވަރާއި، ސެންސަރ ފިއުޝަން ޓެކްނޮލޮޖީގެ ހަރުދަނާކަމާ މެދު ސުއާލު އުފައްދާފައެވެ. އަދި މިކަންކަމުގެ ފެންވަރު ދަށްވުމުގެ ސަބަބުން މި މަތިންދާބޯޓު އޭގެ ހުނަރުވެރިކަން އެންމެ ރަނގަޅަށް ދައްކައި ނުދެވޭނެ ކަމަށްވެސް އެފަރާތްތަކުން ދެކެއެވެ.
މީގެ ކުރިން ޗައިނާއިން ބޭނުންކުރަމުން އައި ރަޝިއާގެ އޭއެލް-31 އިންޖީނުގެ ބަދަލުގައި ބޭނުންކުރުމަށް ޗައިނާއިން ތަރައްޤީ ކޮށްފައިވާ ޑަބްލިއުއެސް-15 އިންޖީނު ނިންމުމަށް ގިނަ ވަގުތު ހޭދަވެފައި ވެއެވެ. އެއީ ވެސް ފެންވަރުގެ މައްސަލައެއް ކަމަށް ފާޑު ކިޔުންތެރިން ދެކެއެވެ.
އަދި އެއާއެކު އެފަރާތްތަކުން ފާޑު ކިޔަނީ، ގިނަ ޖޭ-20 މަތިންދާބޯޓުތަކުގައި ފެންވަރު ދަށް އިންޖީނުތަކެއް ބޭނުން ކުރަމުންދާ ކަމަށެވެ. މިކމުގެ ސަބަބުން އަޑަށް ވުރެން ބާރަށް އުއްވާ ގޮތަށް ސުޕަރސޮނިކް ދަތުރުތައް ކުރުމުގެ ޤާބިލުކަން ދަށްވެ، މެއިންޓެނަންސްއަށް ބޭނުންވާ މިންވަރު އިތުރުވެގެން ދާނެ ކަމަށް ފާޑު ކިޔުންތެރިން ދެކެއެވެ.
މީގެ އިތުރުން މަތިންދާބޯޓުގެ ބޮޑުމިނާއި، އުފެއްދުމުގައި ބޭނުން ކޮށްފައިވާ މެޓީރިއަލްސްއާއި، ޓެންކޮލޮޖީ އިންޓެގްރޭޓް ކުރުމުގެ މުހިންމުކަން ވެސް މި ބޯޓުގެ ޓެކްނޮލޮޖީ ވަޒަން ކޮށްފައިވާ މާހިރުން ފާހަގަކުރެއެވެ. އެފަރާތްތަކުން އަޅާ ކިޔަނީ އެމެރިކާއިން އުފައްދާފައިވާ އެފް-35 ފަދަ ބާރުގަދަ މަތިންދާބޯޓުތަކާ އެވެ. އެ ބޯޓާ އަޅާބަލާއިރު ޖޭ-20 ގެ އުދުހުމުގެ ކުޅަދާނަކަން ދައްކައިދޭ އެވިއޯނިކްސް އުޅޭނީ އެފް 35 އަށް ވުރެން ވަރަށް ބޮޑަށް ފަހަތުގައި ކަމަށް ވެސް ފާހަގަ ކޮށްފައި ވެއެވެ.
ޗައިނާއިން ވަނީ ޖޭ-20 ގެ އުފެއްދުންތައް އިތުރުކޮށް ފައެވެ. އަދި މިއީ ކުޅަދާނަ ދިފާއީ އުޅަނދެއްގެ ގޮތުގައި ކަނޑައަޅައި ޗައިނާއިން ވަނީ، އެކި ސަރަހައްދުތަކުގައި ސްކޮޑްރަންތައް ޤާއިމުކޮށްފައެވެ. ނަމަވެސް، އަދަދު ގިނަވުމަކީ ފެންވަރު ރަނގަޅުވުން ކަމުގައި ނުވާނެކަމަށް ދިފާއީ މާހިރުން އިންޒާރުދެއެވެ. "މަތިންދާބޯޓުގެ އަދަދު ގުނުމުގެ އިތުރުން، އިންޖީނާއި، ސްޕެއަރޕާޓްސްއާއި، ސޮފްޓްވެއަރގެ ފެންވަރާއި، ހަނގުރާމައިގެ މައިދާނުގައި ސާބިތު ކަން ދެއްކުމާއި ހަނގުރާމަވެރި ސްޓްރެޓެޖީތަކަށް ވެސް ބަލަންޖެހޭ" ކަމަށް ތަޖުރިބާކާރުން ބުނެއެވެ.