ޕޯލެންޑްގެ އާބާދީ ދަށަށް ދިއުމާ ގުޅިގެން، އެ ޤައުމުގެ އާރޗް ގްރޫޕް ހޮޓާތަކުގެ ބާނީ ވަޑިސްލޯ ގްރޮޗޮވްސްކީ ވަނީ އެ ގްރޫޕްގެ ހޮޓާތަކުގައި ދަރިން ހޯދާ ފަރާތްތަކަށް ޚާއްސަ އިނާޔަތްތަކެއް ދިނުމަށް ނިންމައިފައެވެ. މި ޕްރޮގްރާމްގެ ދަށުން ހޮޓަލުގައި މެހުމާނުންގެ ގޮތުގައި ތިބެ، ދަރިއަކު ހޯދާ ފަރާތްތަކަށް ފައިސާގެ އިނާޔަތާއި، ކުޑަކުދިންގެ ސާމާނާއި އަދި އުފާވެރި އާއިލީ ހަފްލާތައް ބޭއްވުމަށް ފުރުސަތު ލިބިގެންދާނެއެވެ.
މި ޕްރޮގްރާމު ކުރިއަށް ގެންދިއުމަށް ޖަމަޖެހިފައި ވަނީ 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު 15 އިން 2027 ވަނަ އަހަރުގެ ސެޕްޓެމްބަރު 15 އަށެވެ. މި ޕްރޮގްރާމްގައި ބައިވެރިވެވޭނީ 18 އަހަރުން މަތީގެ މީހުންނަށެވެ. އަދި ދެމަފިރިންގެ ތެރޭން އެކަކަކީ ޒަވާޖީ ގުޅުމެއްގައި ބައިވެރިވާ ޕޯލެންޑްގެ ރައްޔިތަކަށް ވާންވާނެއެވެ،
މި ޕްރޮގްރާމްގެ ދަށުން އިނާޔަތް ލިބިގަތުމަށްޓަކައި ހޮޓަލުގައި މަޑުކުރާތާ 300 ދުވަހުގެ ތެރޭގައި ދަރިފުޅު ވިހަން ޖެހެއެވެ. އަދި ވިހެއުމަށްފަހު އެއް މަސް ދުވަހުގެ ތެރޭގައި ޕްރޮގްރާމްގައި ރަޖިސްޓްރީ ކުރަން ޖެހެއެވެ.
މި ޕްރޮގްރާމްގެ ދަށުން ޝަރުތު ފުރިހަމަވާ ފަރާތަކަށް 5،000 ޕޯލިޝް ޒްލޮޓީ (ގާތްގަނޑަކަށް 18 ހާސް ރުފިޔާ) ގެ ސްޓްރޯލަރއަކާއި މަރުހަބާގެ ހަދިޔާ ސެޓެއް ލިބޭނެއެވެ. މީގެ އިތުރުން ނަން ކިޔުމުގެ ހަފްލާއަށް 10 މެހެމާނުންނަށް ހިލޭ ބޭއްވުމުގެ ފުރުސަތު ލިބޭނެއެވެ. އަދި ދަރިފުޅުގެ ނަމުގައި އާރޗް ޕްރޮޕަޓީއެއްގައި ގަހެއް އިންދުމުގެ ފުރުސަތު ވެސް ލިބިގެންދާނެއެވެ.
"މިއީ ހަމައެކަނި އާބާދީގެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތެއް ނޫން. މިކަމުގެ ސަބަބުން އަޅުގަނޑުމެންގެ އިޤްތިޞާދަށާއި، އިޖްތިމާޢީ ޚިދުމަތްތަކަށާއި، ދިރިއުޅުމުގެ ފެންވަރަށް ވެސް އަސަރުކުރާނެ،" ގްރޮޗޮވްސްކީ ޕޯލިޝް މީޑިއާއަށް ކިޔައި ދިނެވެ. 2022 ވަނަ އަހަރު ޔުކްރެއިންގެ ހަނގުރާމައިގައި ޔުކްރެއިން ރެފިއުޖީންނަށް ހިޔާވަހިކަން ދިނުމުގައި އިސްދައުރެއް އަދާކޮށްފައިވާ ގްރޮޗޮވްސްކީ މި ޕްރޮގްރާމް ތަޢާރަފުކުރީ 2023 ވަނަ އަހަރު ޕޯލެންޑްގައި އުފަންވާ ކުދިންގެ ނިސްބަތް އަންހެނަކަށް 1.2 ކުދިންނަށް ދަށްވުމާ ގުޅިގެންނެވެ.
ޕޯލެންޑް އަދި ދެކުނު ކޮރެއާ ފަދަ ޤައުމުތަކުގައި އާބާދީ ދަށްވަމުން ދިއުމާ ގުޅިގެން، ކުދިން ހޯދުމަށް ހިތްވަރު ދިނުމަށް މިފަދަ ޕްރޮގްރާމުތައް ހިންގައެވެ.